ޕެންޑެމިކް ތެރޭގައި ޑޮކްޓަރުންނަށް އެންމެ ފާހަގަކުރެވުނު އެއް ކަމަކީ ސްޓްރެސް ލެވެލް މަތިވެގެން ގޮސް މީހުންގެ ބޮލުން އިސްތަށިފޭބުން އިތުރުވީ ކަމެވެ.
ކޮވިޑް-19ގެ ސަބަބުން ސްކޫލްތަކާއި އޮފީސްތައް އަދި ވިޔަފާރިތައް ބަންދުކޮށް މީހުންގެ ދިރިއުޅުން ކުޑަ ދުވަސްކޮޅަކަށް ނަމަވެސް ހުއްޓުމަކަށް އައެވެ. އަދި އާމްދަނީ ލިބޭނެ މަގުތައް ބަންދުވެ ބައެއް މީހުން ވަރަށް ހާސްކަމުގައި އުޅުނެވެ.
ސްޓްރެސް އަކީ ވެސް އިސްތަށިފައިބަން މެދުވެރިވާ ކަމަކަށް ވިޔަސް ވަކި ބާވަތެއްގެ ވިޓަމިނެއް ހަށިގަނޑުގައި މަދުވުމުން ވެސް މިކަން ދިމާވެ އެވެ. މިއީ ދުނިޔޭގެ އާބާދީގެ ގިނަ ބަޔަކަށް ތަހައްމަލު ކުރަން ޖެހިފައިވާ މައްސަލަ އެކެވެ.
އިސްތަށި ފޭބުމަކީ އުމުރުން ދުވަސްވުމާއި، ހޯމޯން މައްސަލަތައް ހުރުމާއި، ޖެނެޓިކްސް މައްސަލަތައް އަދި މީހާއަށް ނަފްސާނީ ގޮތުންނާއި ޖިސްމާނީ ގޮތުން ކުރިމަތިވާ ސްޓްރެސް ތަކުން ވެސް ކުރިމަތިވެދާނެ ކަމެކެވެ.
އިސްތަށި ފޭބުން އަދި ނުރަވުން ޚާއްސަކޮށް ވަރަށް ޅަ އުމުރުގައި މި މައްސަލަ ދިމާވުމަކީ ވިޓަމިން މަދުވުމުގެ އަލާމާތެކެވެ. އެގޮތުން އިސްތަށި ފޭބުން ހައްލުކުރަން ބޭނުންވާނެ ވިޓަމިންތަކުގެ ތެރެއިން ފުރަތަމަ ބާވަތަކީ ބީ ވިޓަމިންސް ޚާއްސަކޮށް ވިޓަމިން ބީ12 އެވެ. މި ވިޓަމިނުން ބޮލުގެ ހަންގަނޑަށް ރަނގަޅަށް ލޭ ދައުރުވުމަށް އެހީތެރިވެ އެވެ. ހެއާ ފޮލިކްލް އަށް ސަޕޯޓްދީ އަލުން އުފައްދަން މި ވިޓަމިނުން އެހީތެރިވެ އެވެ.
ދެވަނަ އެއްޗަކީ އަޔަން ނުވަތަ ދަގަނޑުގެ ބައެވެ. މިއީ ހަށިގަނޑުން ހިމޮގްލޮބިން އުފައްދަން އެހީތެރިވެދޭ އެއްޗެކެވެ. ސެލްތަކަށް އޮކްސިޖަން ފޯރުކޮށްދިނުމުގެ މަސައްކަތުގައި ހިމޮގްލޮބިންގެ ދައުރު ބޮޑެވެ.
ތިންވަނަ އެއްޗަކީ ވިޓަމިން ޑީ އެވެ. ތަލަވުން ފަދަ މައްސަލަތައް ގިނަ މީހުންނަށް ދިމާވަނީ މި ވިޓަމިން މަދުވެގެންނެވެ.
ވިޓަމިން އީ އަކީ ވެސް އިސްތަށިގަނޑު ވަރުގަދަ ކުރަން މުހިއްމު އެއްޗެކެވެ. ސަބަބަކީ މިއީ ހަށިގަނޑުގައި ހުންނަ ވިހަތައް ބޭރުކުރަން އެހީތެރިވާ ވިޓަމިން އަކަށް ވާތީ އެވެ.
އޮމެގާ 3 ފެޓީ އެސިޑްސް ވެސް ހަމައެހާމެ ބޭނުންވާނެ އެވެ. އަދި ޒިންކް އަކީ ވެސް ވަރަށް މުހިއްމު އެއްޗެކެވެ.
ނަމަވެސް މި ތަކެތި ހަށިގަނޑަށް ލިއްބައިދިނުމަށް ކޮންމެހެން ޑޮކްޓަރީ ބޭސް ނުކެޔަސް ކެއުމުގައި މި ވިޓަމިންސްތައް ލިބޭ ކާނާތައް ބޭނުން ކުރުމުން މައްސަލަ ހައްލު ކުރެވޭނެ އެވެ. އެގޮތުން ވިޓަމިން ބީ 12 މަދުނަމަ ތަރުކާރީ، ބެރީޒް އަދި ހެލްދީ ފެޓްސް ބޭނުން ކުރެވިދާނެ އެވެ.