ދުނިޔެ

އިޒްރޭލު ޖެޓްތަކުން ސީރިއާއަށް ހަމަލާދެނީ ބަދަލުހިފުމަށް

އިސްރޭލު ޖެޓްތަކުން ސީރިއާގެ އަމާޒުތަކަށް ހަމަލާދެމުން ގެންދާ ކަމަށް އިޒްރޭލްގެ ދިފާއީ ބާރު -- އައިޑީއެފް އިން ބުނެފި އެވެ.

މިއީ އިޒްރޭލުން ޖަހައިގެންފައި އޮތް ސީރިއާގެ ގޯލާނަށް -- ސީރިއާއިން ފޮނުވި ތިން ރޮކެޓުގެ ބަދަލުގައި ދޭ ހަމަލާތަކެއް ކަމަށް އިޒްރޭލުގެ އަސްކަރިއްޔާ އިން ބުނެ އެވެ.

ގޯލާންގެ އުސްބިންތަކުގެ އެ ސަރަހައްދުތަކުގައި އޮންނަނީ އިޒްރޭލު އިސްތިއުމާރީ ބާރެވެ. އެއީ އިޒްރޭލުގެ ބިމަކަށް ހެދުމަށް އިޒްރޭލުން ކިތަންމެ ވަރަކަށް ހުވަފެން ދުށް ނަމަވެސް ބައިނަލްއަގްވާމީ ޖަމާއަތްތަކުން އެކަން އެގޮތަށް ގަބޫލެއް ނުކުރެ އެވެ.

އިޒްރޭލުން ގޯލާންގެ އުސްބިންތައް ޖަހައިގަތީ 1967 ގަ އެވެ.

އިޒްރޭލުގެ އަސްކަރިއްޔާއިން ބުނާ ގޮތުން ސީރިއާ އިން ގޯލާނަށް މިސައިލް އަމާޒުކުރި ނަމަވެސް ވާސިލެއް ނުވެ އެވެ.

ސީރިއާއިން ފޮނުވި ތިން ރޮކެޓުން ދެ ރޮކެޓް ވެއްޓުނީ ހުސް ބިމަކަށް ކަމަށްވެސް އައިޑީއެފް އިން ބުނެ އެވެ. ތިންވަނަ ރޮކެޓް އަޔަން ޑޯމް މަތަކުރީ އެެވެ.

ސީރިއާއަށް ހަމަލާދެނީ ރޮކެޓްތައް ފޮނުވި ސަރަހައްދަށާއި ސީރިއާ ސިފައިން ހަރަކާތްތެރިވާ ސަރަހައްދުތަކަށް ކަމަށް ވެސް އައިޑީއެފް އިން ބުނެ އެވެ. އަދި ސީރިއާގެ އަސްކަރީ މަރުކަޒުތަކަށް ވެސް ހަމަލާދޭނެ ކަމަށް އިޒްރޭލުގެ އަސްކަރިއްޔާއިން ބުނެ އެވެ.

ސީރިއާއަށް ނިސްބަތްކުރެވޭ ސަރަހައްދުތަކުން އިޒްރޭލަށް މިފަހުން އަންނަނީ ރޮކެޓް ހަމަލާތައް ދެމުންނެވެ.

އިޒްރޭލު ބުނާ ގޮތުން މިއީ އީރާނަށް ވަފާތެރި ހަނގުރާމަވެރިންގެ އަމަލުތަކެކެވެ. މި ހަމަލާތަކުގެ ފަހަތުގައި އީރާން އޮތްކަން ކަށަވަރުވެއްޖެނަމަ އީރާނަށް ފިޔަވަޅުއަޅާނެ ކަމަށްވެސް އިޒްރޭލުން ބުނެ އެވެ.