އުމްރާ ދަތުރު

ސަފާ އުމްރާވެރިން ފުރުން އަންގާރަ ދުވަހު

Apr 9, 2023

އަލް ސަފާ ޕްރައިވެޓް ލިމިޓެޑްގެ އުމްރާވެރިން ފުރުމުގެ ހުރިހާ އިންތިޒާމެއް ހަމަޖެހިފައިވާ ކަމަށާއި އުމްރާވެރިން ފުރުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހު ކަމަށް އެ ގްރޫޕުން ބުނެފި އެވެ.

އެ ގްރޫޕުގެ ހަވާލުގައި އުމްރާއަށް ދިއުމަށް ފައިސާ ދައްކާފައިވާ 181 މީހުން މިމަހުގެ ހަ ވަނަ ދުވަހު ފުރަން ތައްޔާރުވެފައި ދަތުރު ކެންސަލްކުރީ ސައުދީ އަރަބިއްޔާއިން ވިސާ ހަމަނުޖެހުމުން ކަމަށް ބުނެ އެވެ.

ސަފާ ގްރޫޕުން ބުނި ގޮތުގައި އުމްރާވެރިން ސައުދީއަށް ދަތުރުކުރުމަށް އޮމާންގެ "ސަލާމް އެއާ"ގެ ފްލައިޓެއް މިހާރު ވަނީ ޗާޓަރުކޮށްފަ އެވެ. އުމްރާވެރިން ފުރުމަށް ހަމަޖެހިފައިވަނީ އަންގާރަ ދުވަހުގެ މެންދުރު 12:00ގައި ކަމަށް އެ ގްރޫޕުން ވަނީ ބުނެފަ އެވެ.

އުމްރާވެރިންގެ ވިސާ އާއި ޓިކެޓުގެ އިތުރުން ސައުދީގައި ތިބުމުގެ އިންތިޒާމުތައް ހަމަޖައްސާފައިވާ ކަމަށް ސަފާ ގްރޫޕުން ވަނީ ބުނެފަ އެވެ.

ސަފާގެ އުމްރާވެރިންގެ އިންތިޒާމުތައް ހަމަޖެހި އަންގާރަ ދުވަހު ފުރަން ތައްޔާރުވެފައިވާ ކަމަށް އެ ގްރޫޕުން ބުނެފައިވާއިރު، ރޯދަ މަހުގެ އުމްރާ ކެންސަލްކުރި ކަމަށް އެ ގްރޫޕުން މިދިޔަ ހުކުރު ދުވަހު ނެރުނު ބަޔާނެއްގައި ވަނީ ބުނެފަ އެވެ.

ނަމަވެސް އިސްލާމިކް މިނިސްޓްރީން ވަނީ އުމްރާ ދަތުރު ކެންސަލްނުކޮށް އުމްރާވެރިން ފުރުވާލުމަށް އެ ގްރޫޕަށް އަންގާފަ އެވެ.