އުމްރާ ދަތުރު

އުމްރާ ޕްރޮޕޯސަލް ހުށަހެޅުމަށް އިތުރު ވަގުތު ދީފި

އުމްރާއަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ފަރާތްތަކުން ޕްރޮޕޯސަލް ހުށަހެޅުމަށް އިތުރު ވަގުތު ދީފި އެވެ.

އުމްރާ ޕްރޮޕޯސަލް ހުށަހެޅުމަށް ފުރުސަތު ހުޅުވާލީ މިދިޔަ ސެޕްޓެމްބަރު މަހުގެ 26 ވަނަ ދުވަހު އެވެ. އެ ފުރުސަތު މިއަދުގެ ނިޔަލަށް ހަމަވާ ގޮތަށް އޮއްވާ އިސްލާމިކް މިނިސްޓްރީން މިހާރު ވަނީ މުއްދަތު އިތުރުކޮށްފަ އެވެ.

އުމްރާ ޕްރޮޕޯސަލް ހުށަހެޅުމަށް މިހާރު ފުރުސަތު ހުޅުވާލާފައިވަނީ މިމަހުގެ 31 ވަނަ ދުވަހުގެ ނިޔަލަށް ސަރުކާރު ބަންދު ނޫން ކޮންމެ ދުވަހަކު ހެނދުނު 9:00 އިން މެންދުރުފަހު 1:00 އަށެވެ.

ޕްރޮޕޯސަލް ހުށަހެޅޭނީ ދިވެހިރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުސޫލުގައިވާ ޝަރުތު ފުރިހަމަވާ ކުންފުނިތަކަށް އެކަންޏެވެ.

ޕްރޮޕޯސަލް ފޮތް އިސްލާމިކް މިނިސްޓްރީގެ ވެބްސައިޓުން ޑައުންލޯޑް ކުރެވޭނެ އިންތިޒާމު މިހާރު ވަނީ ހަމަޖައްސާފަ އެވެ.

އުމްރާ އަށް މީހުން ގެންދިއުމަށް ޝައުގުވެރިވާ ކުންފުނިތަކުން ޕްރޮޕޯސަލް ހުށަހަޅަން މިއަހަރުގެ މެއި މަހުވެސް އިސްލާމިކް މިނިސްޓްރީން ހުޅުވާލި އެވެ. އަދި އޭގެފަހުން މިދިޔަ އޮގަސްޓް މަހު އިސްލާމިކް މިނިސްޓްރީން ވަނީ ހުއްދަ ނެތި އުމްރާއަށް މީހުން ގެންދާ ފަރާތްތަކާ ދެކޮޅަށް ފިޔަވަޅު އަޅާނެ ކަމަށްވެސް ބުނެފަ އެވެ.

އުމްރާ އަށް މީހުން ގެންދިއުމާ ގުޅޭ އުސޫލެއް ހަދާފައިވީ ނަމަވެސް އުމްރާ ގުރޫޕްތަކާ ގުޅޭ މައްސަލަތައް ދަނީ ފެންމަތިވަމުންނެވެ.