އިސްލާމިކް މިނިސްޓްރީ

އެއްބަސްވުމާ ހިލާފަށް އުމްރާއަށް މީހުން ގެންދާނަމަ ޖޫރިމަނާ ކުރަނީ

ހުއްދައާ ނުލާ އަދި އެއްބަސްވުމާ ހިލާފަށް މީހުން އުމްރާއަށް ގެންދާ ފަރާތްތައް ބޮޑު އަދަދުން ޖޫރިމަނާކުރުމަށް ނިންމައިފި އެވެ.

އިސްލާމިކް މިނިސްޓްރީން އިއްޔެ އާންމުކޮށްފައިވާ "ރާއްޖެއިން އުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުސޫލު" ގައިވާ ގޮތުން އެއްބަސްވުމާ ހިލާފުވެއްޖެ ނަމަ ކަމުގެ ކުޑަބޮޑުމިނަށް ބަލައި 1،000 ރުފިޔާ އާއި 100،000 ރުފިޔާއާ ދެމެދުގެ އަދަދަކުން ޖޫރިމަނާ ކުރާނެ އެވެ.

ގަވާއިދުގައިވާ ގޮތުން އުމްރާއަށް ގެންދިއުމުގެ ހުއްދަ ނެތި ނުވަތަ ހުއްދަ އާ ނުކުރަނީސް އެފަދަ ހިދުމަތެއް ދީފިނަމަވެސް އެ ކުންފުންޏެއް ޖޫރިމަނާ ކުރާނެ އެވެ.

މިނިސްޓްރީން ބުނީ އުސޫލަށް ބަދަލު ގެނައީ އުމްރާއަށް މީހުން ގެންދާ ޖަމާއަތްތަކުގެ ކަންކަން އިތުރަށް ހަރުދަނާ ކުރުމަށް ކަމަށާއި މި އުސޫލަކީ ހުރިހާ ގޮތަކުންވެސް ރާއްޖެއަށް މިވަގުތު ބޭނުން ޖެހިފައިވާ އުސޫލެއް ކަމަށެވެ.

"މީގެ ސަބަބުން މީހުން އުމްރާއަށް ގެންދިއުމަށްފަހު ދިމާވާ ތަފާތު އެކި މައްސަލަތަކަށް ހައްލުތަކެއް ލިބިގެންދާނެ،" މިނިސްޓްރީން ބުންޏެވެ.

މީގެ އިތުރުން އަލަށް ގެޒެޓުކޮށްފައިވާ އުސޫލުގެ ދަށުން ޕްރޮޕޯސަލް ހުށަހެޅުމުގައި ބޮޑެތި ލުއިތަކެއް ވެސް ލިބިގެންދެ އެވެ. އެގޮތުން އަހަރުގެ ކޮންމެ ހިސާބަކުވެސް އުމްރާއަށް މީހުން ގެންދިއުމުގެ ހުއްދައަށް އެދި ޕްރޮޕޯސަލް ހުށަހެޅޭ ގޮތަށް އުސޫލު ބަދަލުކޮށްފައިވެ އެވެ.

މީގެ ކުރިން އަމަލުކުރި އުމްރާއަށް މީހުން ގެންދިއުމާ ބެހޭ އުސޫލުގައިވާ ގޮތުން އެ ހިދުމަތް ދިނުމަށް ޕްރޮޕޯޒަލް ހުށަހެޅޭނީ އެކަމަށް އިއުލާން ކުރުމުން އެކަންޏެވެ.

އިސްލާމިކް މިނިސްޓްރީން ބުނީ އުސޫލަށް އެ ބަދަލު ގެނެސްފައިވަނީ އުމްރާއަކީ އަހަރުގެ ވަކި ދުވަސްވަރެއްގައި ކުރަންޖެހޭ އަޅުކަމަކަށް ނުވާތީއާއި އަހަރުގެ އެކި ހިސާބުތަކުގައި އުމްރާގެ ދަތުރުކުރާ މިންވަރު ކުންފުނިތަކުގައި އިތުރުވެފައިވާތީ ކަމަށެވެ.

މިނިސްޓްރީން އިތުރަށް ބުނީ މީގެ ކުރިން އުމްރާއަށް މީހުން ގެންދިއުމަށް ޕްރޮޕޯސަލް ހުށަހެޅުމަށް އިއުލާން ކުރަނީ އަހަރަކު ދެ ފަހަރު ކަމަށްވާތީ ކުރު މުއްދަތުގެ ތެރޭގައި އިދާރީ ގޮތުން އެއްފަހަރާ ގިނަ ޕްރޮޕޯސަލްތަކެއް އެވަލުއޭޓް ކުރަންޖެހޭ ކަމަށެވެ. ނަމަވެސް މިހާރު އިދާރީ ގޮތުން ކުރަން ޖެހޭ މަސައްކަތްތަކުގެ ދުވެލި އަވަސްވާނެ ކަމަށްވެސް މިނިސްޓްރީން ބުނެފައިވެ އެވެ.