އިޒްރޭލުގެ އިސްތިއުމާރީ ބާރުތަކުން ފޭރިގެންފައި އޮތް އިރުމަތީ ގުދުސްގައި މިހާރު ހިނގަމުންދާ ހަމަނުޖެހުންތަކުގެ ޒިންމާ އިޒްރޭލުގެ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫ ނަންގަވަން ޖެހޭނެ ކަމަށް އެ ގައުމުގެ ކުރީގެ ބޮޑުވަޒީރު އަދި އިދިކޮޅު ލީޑަރު ޔައީރު ލަޕީދު ވިދާޅުވެއްޖެ އެވެ.
މެދުއިރުމަތީގެ ހާލަތު ހެޔޮ ފާލެއްގައި އޮއްވައި މިފަދަ ނިކަމެތި ހާލަތަށް ވެއްޓުނީ މިކަމާ މެދު މުޅި ދުނިޔެ އިންޒާރުދެމުން ދަނިކޮށް ކަމަށް ވެސް އިދިކޮޅު ލީޑަރު ވިދާޅުވި އެވެ.
ބެންޖަމިން ނަތަންޔާހޫ އެކުލަވާލެއްވި ސަރުކާރަކީ އިޒްރޭލުގައި މިހާތަނަށް އުފެދުނު އެންމެ އަނިޔާވެރި ސަރުކާރަށް ވާނެ ކަމަށް މުޅި ދުނިޔެ އިއްތިފާގުވެފައިވާ ކަމަށް ވެސް ޔައީރު ލަޕީދު ވިދާޅުވި އެވެ.
އިޒްރޭލުގެ ޕަބްލިކް ރޭޑިއޯއަށް ވާހަކަ ދައްކަވަމުން ލަޕީދު ވިދާޅުވީ ބޮޑުވަޒީރު ބެންޖަމިން ނަތަންޔާހޫގެ ކެބިނެޓްގައި ނޭޝަނަލް ސެކިޔުރިޓީ މިނިސްޓަރުގެ މަގާމުގައި ހުންނެވި އިތަމާރު ބެންގަވީރުގެ ސަބަބުން އިޒްރޭލުން ކުރި މަސައްކަތް ފެނަށް ވެއްޖެ ކަމަށެވެ.
ބެންގަވީރުގެ ވިސްނުމަކީ މެދުއިރުމަތީގައި ހުޅު ރޯކުރުން ކަމަށް ލަޕީދު ވިދާޅުވި އެވެ. ބެންގަވީރުގެ ވިސްނުން ތަންފީޒުވެ ނިމޭއިރު އިޒްރޭލު ވެސް އޮންނާނީ އަނދާހުޅިވެފައި ކަމަށް އޭނާ ވިދާޅުވި އެވެ.
އިޒްރޭލު ސިފައިން އަގްސާ މިސްކިތަށް ވަނުމަކީ ހެދި ވަރަށް ބޮޑު ގޯހެއް ކަމަށް ވެސް ލަޕީދު ވިދާޅުވި އެވެ. އެކަމުން އިޒްރޭލަށް ވީ ކޮން ފައިދާއެއްތޯ ވެސް އޭނާ ސުވާލުކުރެއްވި އެވެ.
ބެންގަވީރުގެ އަމަލުތަކާ ހެދި އިޒްރޭލަށް ރައްދުވަނީ ދުނިޔޭގެ މަލާމާތް ކަމަށާއި ބައިނަލްއަގްވާމީ މުޖުތަމައު އިޒްރޭލާ މެދު ކުރިން ދެކެމުން އައި ގޮތް ދެމެހެއްޓުމަކީ އިޒްރޭލަށް އެންމެ ރަނގަޅު ގޮތް ކަމަށް ވެސް ލަޕީދު ވިދާޅުވި އެވެ.
ބެންގަވީރަކީ ހައްދު ފަހަނައަޅާފައި ހުރި މީހެއް ކަމަށް ޔައީރު ލަޕީދު ވިދާޅުވި އެވެ. މި ކަހަލަ މީހުންނަށް ޒިންމާތައް ހަވާލުކުރުމުން މުޅި ތަން ވިއްސިވިހާލިވުން ނޫން ކަމެއް ނުވާނެ ކަމަށް މުޅި އިޒްރޭލު އެއްބަސްވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
އިޒްރޭލު ފުލުހުންނާ ހަވާލާދީ ފެތުރިފައި ހުރި ޚަބަރުތައް ބުނާ ގޮތުން މިހާރު ހިންގަމުންދާ މުސްލިމުންގެ މުގައްދަސް ރަމަޟާން މަހުގައި ކުރިމަތިލުންތަކަށް މަގުފަހިކުރުވުމަކީ ގޯހެއް ކަމަށް ފުލުހުން ވަނީ ބެންގަވީރަށް ވިސްނައި ދެއްވާފަ އެވެ.
އަގްސާ މިސްކިތުގެ ހަރިންމަ ތެރެއަށް ވަޒަންވެރިން ވެއްދުމަކީ މި ދަނޑިވަޅުގައި އެންމެ ރަނގަޅު ގޮތް ނޫން ކަމަށް ވެސް ބެންގަވީރަށް ވަނީ ލަފާ ދެއްވާފަ އެވެ.
އެެހެން ނަމަވެސް، ފުލުހުންގެ ނަސޭހަތް ބެންގަވީރު ގަބޫލުނުކުރައްވާ ކަމަށް ޚަބަރުތައް ބުނެ އެވެ.