ލައިފްސްޓައިލް

ގޮން މަސް ކެވިގެން މެލޭޝިއާ ދެމަފިރިއަކު މަރުވެއްޖެ

އުމުރުން ދުވަސްވީ މެލޭޝިއާ ދެމަފިރިއަކަށް ވިހަ މަހެއް ކެވިގެން މަރުވެއްޖެ އެވެ.

ޗުއަން ސިންގް އާއި އޭނާގެ އަންހެނުން ލިމް ސިއު ގުއަން އަކީ އުމުރުން 80ގެ އަހަރުތައް ގުނަމުންދާ ދެމަފިރިންނެވެ.

މެލޭޝިއާގެ ޖޮހޯރުގައި ދިރިއުޅޭ މި ދެމަފިރިން، ގޮން މަސް (ޕަފާފިޝް) ނަމަކަށް ކިޔާ ޒާތުގެ ދެ މަސް އެމީހުން ގަނެފައިވަނީ އޮންލައިން ސައިޓަކުންނެވެ. އަދި ދެ މަސް ރަނގަޅަށް ތެއްލައިގެން ރޭގަނޑުގެ ކެއުމަކަށް ދެ މީހުން އެ މަސް ކައިފައި ވެއެވެ.

ފާއިތުވީ މާޗް މަހުގެ 25 ވަނަ ދުވަހު ހިނގި މި ހިތާމަވެރި ހާދިސާގައި، މަސް ކެއުމާއެކު 83 އަހަރުގެ އަންހެންމީހާ ހީކަރުވައި، ނޭވާ ލާން އުނދަގޫވާން ފެށީ އެވެ. އަދި ތެއްލި މަހާއެކު ރޭގަނޑުގެ ކެއުން ކައި ނިންމާލިތާ ގަޑިއެއްހާއިރު ތެރޭ ފިރިހެންމީހާ ވެސް ބަލިވި އެވެ.

ވަގުތުން ދެމަފިރިން ހޮސްޕިޓަލަށް ގެންގޮސް އައިސީޔޫގައި ފަރުވާ ދެމުން ދަނިކޮށް އަންހެންމީހާ މަރުވި އެވެ. އަދި މާގިނަ އިރެއް ނުވެ ފިރިހެންމީހާ ވެސް ވަނީ މަރުވެފަ އެވެ. އަދި ފިރިހެންމީހާ އަށް ދުވަސް ވަންދެން ކޯމާގައި އޮވެފައި ހޭނާރާ އޮވެ ވަނީ މަރުވެފަ އެވެ.

ދެމަފިރިން މަރުވުމަށްފަހު ޖަނާޒާގެ ކަންތައް ނިންމައި އެމީހުންގެ އަންހެން ދަރިފުޅު ވަނީ މީޑީއާށް ބަޔާނެއް ދީފަ އެވެ. އެންޖީ ލީ އައި ލީ ބުނި ގޮތުގައި ޕަވާފިޝްއާ ގުޅޭ ގޮތުން މީހުން ހޭލުންތެރިކުރުވުމުގެ ކަންތައްތަކެއް މެލޭޝިއާ ސަރުކާރުން ފެށުން މުހިއްމު ކަމެށެވެ. އަދި މި މައްސަލަ ހިނގައި ދިޔަ ގޮތް އެކަށީގެންވާ ގޮތަކަށް ތަހުގީގުކޮށްދިނުމަށް ވެސް އެންޖީ އެދުނެވެ.

ޕަފާފިޝް ފަދަ ވިހަ މަސްތައް ވިއްކުމަކީ މެލޭޝިއާގެ ގާނޫނު މަނާ ކުރާ ކަމެކެވެ. މިފަދަ ކަމެއް ކޮށްފިނަމަ އެނގިއްޖެ މީހަކަށް ދެ އަހަރު ދުވަހުގެ ޖަލު ހުކުމެއް އަންނާނެ އެވެ.

ޕަފާފިޝް އަކީ ވަރަށް ވިހަ މަހެއް ނަމަވެސް ޖަޕާނުގެ އަގުބޮޑު ރެސްޓޯރަންޓްތަކުން މި މަސް ކާން ލިބެ އެވެ. އަދި މިއީ އެފަދަ ރެސްޓޯރަންޓްތަކަށް ޒިޔާރަތްކުރާ މީހުންނަށް ވަރަށް މަގްބޫލު މަހެކެވެ. މިމަހަށް ޖަޕާން މީހުން ކިޔަނީ "ފޫގޫ" އެވެ.

ޖަޕާނުގައި ޕަފާފިޝް ކައްކާ މީހުން މި މަސް ތައްޔާރުކުރުމާ ގުޅޭ ތިން އަހަރުގެ ޓްރޭނިން ހަދައި އެ މަހުން ވިހައިގެ ބައި ނަގައި ވިހަކަން ކަނޑުވާނެ ގޮތުގެ ތަމްރީނުތައް ހަދާފައި ހުރެ އެވެ. ޝެފުންނަށް މި މަސް ކެއްކުމުގެ ޚާއްސަ ހުއްދަ ލިބެނީ އޭގެ ފަހުންނެވެ.