ފެނަކައިން ކުންފުނިތަކަށް ދޭންޖެހޭ ފައިސާ ދިނުން އަވަސްކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ހުށަހެޅި ކުއްލި މައްސަލަ ބޭރުކޮށްލައިފި އެވެ.
ރައްޔިތުންގެ މަޖިލީހުގެ މިއަދުގެ ޖަލްސާއަށް މި މައްސަލަ ހުށަހެޅުއްވީ މަޑުއްވަރީ ދާއިރާގެ މެންބަރު އާދަމް ޝަރީފު އެވެ.
ކުއްލި މައްސަލައަށް ބަހުސްކުރަން ނުފެންނަ ކަމަށް 18 މެންބަރުން ވޯޓު ދެއްވިއިރު ބަހުސް ކުރަން ފެންނަ ކަމަށް ވޯޓު ދެއްވީ 15 މެންބަރުންނެވެ.
ރައްޔިތުންގެ މަޖިލީހަށް ކުއްލި މައްސަލަ ހުށަހަޅުއްވަމުން މެންބަރު އާދަމް ޝަރީފު ވިދާޅުވީ ފެނަކައިން ވިޔަފާރީގެ މުއާމަލާތްތައް ހިންގުމަށްފަހު 2.8 ބިލިއަނަށްވުރެ ގިނަ ރުފިޔާ ދަރާފައިވާ ކަމަށެވެ.
"ފެނަކައިން ވިޔަފާރީގެ މުއާމަލާތްތައް ހިންގުމަށްފަހު މާލެ އާއި ރަށްރަށުގެ ކުދި ވިޔަފާރިތަކާއި ކުންފުނިތަކަށް 2.8 ބިލިއަނަށްވުރެ ގިނަ އަދަދެއްގެ ފައިސާ ދަރާފައިވޭ،" މެންބަރު އާދަމް ޝަރީފު ވިދާޅުވި އެވެ.
އާދަމް ޝަރީފު ވިދާޅުވީ އެ ފައިސާ ނުލިބުމުން ވިޔަފާރިތަކަށް މާލީ ދަތިތަކާ ކުރިމަތިވެފައިވާ ކަމަށެވެ.
އެގޮތުން މުވައްޒަފުންނަށް މުސާރަ ނުދެވި ކުލި ދެއްކުމަށް ދަތިވެ ބައެއް ކުންފުނިތައް ބަނގުރޫޓުވާ ހިސާބަށް ގޮސްފައިވާ ކަމަށް ވިދާޅުވި އެވެ.
"ފެނަކައިން ސަޕްލަޔަރުންނަށް ދޭންޖެހޭ ފައިސާ ނުލިބުމުގެ ސަބަބުން އެކަމުގެ ޝަކުވާތައް ތަކުރާރުކޮށް ކުރުމުންވެސް ފައިސާ ނުލިބުމުން ބައެއް ފަރާތްތަކުން ފެނަކަ މައި އޮފީސް ކުރިމަތީގައި މުޒާހަރާކުރާ ހިސާބަށް ފެނަކައިގެ ހާލަތު ގޯސްވެ، ފެނަކައާމެދު ކުދި ވިޔަފާރިތަކާއި ކުންފުނިތަކާއި އާންމު ރައްޔިތުންގެ އިތުބާރު ގެއްލިފައިވާ" ކަމަށް މެންބަރު އާދަމް ޝަރީފު ވިދާޅުވި އެވެ.
އާދަމް ޝަރީފު ވިދާޅުވީ ކުންފުނި ބަނގުރޫޓްވާ ހިސާބަށް ގޮސްފައިވާ ކަމަށާއި އެކަންކަމަށް ރިއާޔަތް ނުކޮށް ސިޔާސީ ކަންކަމަށާއި އިންތިހާބުތަކަށް ނުފޫޒު ފޯރުވުމަށް ފެނަކައިން އެތައް ހަރަދެއް ކުރަމުންދާ ކަމަށެވެ.
"ކުންފުނި ހިންގުމަށާއި ވިޔަފާރީގެ މުއާމަލާތްތައް ހިންގުމުގައި ކޮރަޕްޝަންގެ އެތައް ކަމެއް ހިނގަމުންދާ ކަމަށް އެންޓި ކޮރަޕްޝަން ކޮމިޝަން ރިޕޯޓްކޮށްފައިވާ" ކަމަށްވެސް އާދަމް ޝަރީފު ވިދާޅުވި އެވެ.
އާދަމް ޝަރީފުގެ ކުއްލި މައްސަލައިގައި ވަނީ ފެނަކައިން ވިޔަފާރިތަކަށް ދޭންޖެހޭ ފައިސާ ލަސްނުކޮށް އެ ފަރާތްތަކަށް ދެވޭނެ އިންތިޒާމު ހަމަޖެއްސުމަށާއި ފެނަކައިގެ ދަރަނި ބޮޑުވާންޖެހުނު ސަބަބު ބެލުމަށް އޮޑިޓެއް ހެދުމަށް ސަރުކާރަށް ގޮވާލާފަ އެވެ.