ކޮމަންޑޫ

ބައި އިލެކްޝަނަށް ސަރުކާރުން ދަނީ ނުފޫޒު ފޯރުވަމުން: އާދަމް ޝަރީފް

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ސަރުކާރުން ނުފޫޒު ފޯރުވުމުގެ މަސައްކަތް ކުރަމުންދާ ކަމަށް އިދިކޮޅު މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވިދާޅުވެއްޖެ އެވެ.

އަވަސްއާ ވާހަކަދައްކަވަމުން އާދަމް ޝަރީފް ވިދާޅުވީ ކޮމަންޑޫ ދާއިރާގެ އިންތިހާބާ ދިމާކޮށް ކޮމަންޑޫގެ ފެނަކަ ބްރާންޗުން ކުއްލިއަކަށް ގިނަ އަދަދެއްގެ މީހުން ވަޒީފާތަކަށް ނަގަމުންދާ ކަމަށެވެ. މި ވަޒީފާތަކަކީ މިވަގުތަށް ކޮންމެހެން ބޭނުންވާ ވަޒީފާތަކެއް ނޫން ކަމަށްވެސް ވިދާޅުވި އެވެ.

އާދަމް ޝަރީފް ވިދާޅުވީ މިއީ އިންތިހާބަށް ނުފޫޒު ފޯރުވުމުގެ ނިޔަތުގައި ސީދާ ސަރުކާރުން އަޑީގައި އޮވެގެން ކުރަމުންދާ ކަމެއް ކަމަށެވެ. އެ މައްސަލަ އިލެކްޝަން ކޮމިޝަނުން ބަލަން ޖެހޭނެ ކަމަށާއި އެހެން ނޫންނަަމަ ޕީޕީއެމް / ޕީއެންސީން މައްސަލަ ކޮމިޝަނަށް ހުށަހަޅާނެ ކަމަށެވެ.

"މި އިންތިހާބް އިންސާފުވެރި ވާނެ ކަމަކަށް އަޅުގަނޑަކަށް ގަބޫލެއް ނުކުރެވޭ،" އާދަމް ޝަރީފް ވިދާޅުވި އެވެ.

ކޮމަންޑޫ ދާއިރާގެ ބައި-އިލެކްޝަންގައި ވާދަކުރަން މިހާތަނަށް ނިންމާފައިވަނީ އެމްއެންޕީ އާއި އެމްޑީޕީގެ އިތުރުން ޕީޕީއެމްގެ ކެންޑިޑޭޓެކެވެ.

ކޮމަންޑޫ ދާއިރާގެ ކެމްޕޭނަށް އެމްޑީޕީއާއި އެމްއެންޕީގެ އިތުރުން އިދިކޮޅު ޕީޕީއެމްގެ ޓީމުތައް މިހާރު ވަނީ ކޮމަންޑޫ ދާއިރާގެ ރަށްތަކުގައި ކެމްޕޭން ފަށާފަ އެވެ.

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަނަށް ނުފޫޒު ފޯރުވާ ކަމަށް އިދިކޮޅު ފަރާތްތަކުން ކުރާ ތުހުމަތު ސަރުކާރާއި ފެނަކަ އިން ވަނީ ދޮގުކޮށްފަ އެވެ

ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލީ އެ ދާއިރާގެ މެންބަރެއްގެ ގޮތުގައި ހުންނެވި ހުސައިން ވަހީދު މިމަހުގެ 14 ވަނަ ދުވަހުގެ ރޭ އަވަހާރަވުމާ ގުޅިގެންނެވެ.

ބައި އިލެކްޝަންގައި ވާދަކުރުމަށް އިލެކްޝަންސް ކޮމިޝަނުން ފުރުސަތު ހުޅުވާލާފައި ވަނީ މިމަހުގެ 30 ވަނަ ދުވަހުގެ ނިޔަލަށެވެ. ވޯޓުލުން ކުރިއަށް ދާނީ އަންނަ އަހަރުގެ ފެބްރުއަރީ ފަސްވަނަ ދުވަހު އެވެ.