ނިމިގެން ދިޔަ ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެމްޑީޕީގެ ކެންޑިޑޭޓަކަށް ވޯޓު ދޭން އިންޒާރުދީ ވާހަކަ ދެއްކެވި ކަމަށް ތުހުމަތުކުރެވިފައިވާ ފެނަކަ ކުންފުނީގެ އޮޕަރޭޝަން ހެޑް ޒާހިރު އުސްމާންގެ މައްސަލަ ރައްޔިތުންގެ މަޖިލީހުގެ ކޮމިޓީތަކަށް ހުށަހަޅަން ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ނިންމަވައިފި އެވެ.
މިއަދުގެ ރައްޔިތުންގެ މަޖިލީހުގެ ތަޅުމުގައި އޮތް ޖަލްސާގައި ޝިޔާމް ވަނީ ޒާހިރުގެ މައްސަލަ މަޖިލީހުގެ ކޮމިޓީތަކަށް ހުށަހަޅާނެކަމަށް ވިދާޅުވެފަ އެވެ.
އެގޮތުން މަޖިލީހުގެ ހިއުމަން ރައިޓްސް ކޮމިޓީއާއި، ކުންފުނިތަކުގެ މައްސަަލަތައް ބަލާ ސްޓޭޓް އޯންޑް އެންޓަޕްރައިސް ކޮމިޓީއާއި އަދި ސަރުކާރުގެ މަސްއޫލިއްޔަތު އަދާކުރާ މިންވަރު ބަލާ ކޮމިޓީއަށް ހުށަހަޅާނެކަމަށް ވެސް އޭނާ ވިދާޅުވި އެވެ.
ކޮމަންޑޫ ދާއިރާގެ އިންތިހާބުގައި ޒާހިރު އުސްމާން ފެނަކައިގެ މުވައްޒަފަކަށް ބިރު ދައްކާކަމަށް ބުނާ އޯޑިއޯއެއް ލީކުވެފައިވާ އިރު މިއަދު މަޖިލީހުގައި ޝިޔާމް ވަނީ އެ އޯޑިއާ އިއްވަވައިފަ އެވެ.
ޝިޔާމް މިއަދު ވިދާޅުވީ ދޫނި ސޫފާ ސޫފި ހިމާޔަތްކުރާ ވާހަކަ ދައްކާއިރު އިންސާނުން ވެސް ހިމާޔަތްކުރަން ޖެހޭ ކަމަށާއި ޒާހިރު އުސްމާންގެ އަމަލަކީ އިންސާނުން އިންސާނުންނާ މެދު މުއާމަލާތްކޮށް ވާހަކަ ދައްކަން ޖެހޭ ގޮތެއް ނޫން ކަމަށެވެ.
ލީކުވެފައިވާ އޯޑިއޯގައި ފެނަކައިގެ މުވައްޒަފަކަށް ބިރު ދައްކައި އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓު ދިނުމަށް އެދިފައި ވެއެވެ. އަދި އެމްޑީޕީގެ ކެންޑިޑޭޓަށް ވޯޓު ނުދޭނަމަ ވޯޓު ލާން ނުގޮސް އައިޑީ ކާޑު ދިނުމަށް ވެސް އެދިފައި ވެއެވެ. އެހެން ނޫންނަމަ ވަޒީފާއިން ވަކިކުރާނެ ކަމުގެ އިންޒާރު ދީފައި ވެއެވެ.
މި އޯޑިއާ މަޖިލީހުގައި އިއްވި ނަމަވެސް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު މިއީ ނުފޫޒު ފޯރުވުން ކަމަކަަށް އެއްބަސްވެވަޑައެއް ނުގެންނެވި އެވެ.
"އޯޑިއޯއިން އަޅުގަނޑަށް އިވުނު ތަނުގައި އޮތީ ތި ވިދާޅުވި ފެނަކައިގެ ވެރިޔާ ވިދާޅުވަނީ ތިމަންނާއެއް ތި ބޭފުޅާަ ވަޒީފާއަކުން ވައްކެއް ނުކުރާނަމޭ ވަރަށް ސާފުކޮށް. ފުރަތަމަ ވަރަށް އޭނާ ވާހަކަ ދައްކަވަމުން ފައްޓަވަަމުން ވެސް އޭނާގެ އަމިއްލަ ހައިސިއްޔަތުން ކުރާ ކަމެއްކަން . އޭނާއަކީ ކޮމަންޑޫގެ ވޯޓު ހައްގުވާ މީހެއް. އޭނާއަކީ އަދި ކެމްޕޭން ކުރުމުގެ ފުރުސަތުވެސް ހައްގު އޮތް މީހެއް. އޭނާ ފޯން ކޯލުގައި ފުރަތަމައިނުން ވެސް އެންމެ ފުރަތަަމަ ފާހަގަކުރެއްވީ ތިމަންނާ ނުފޫޒު ނުފޯރުނުވާނެކަމަށް. އެއީ ވަޒީފާއިން ވަކި ނުކުރާނެކަމަށް." ރައީސް ނަޝީދު ވިދާޅުވި އެވެ.
ޒާހިރު އުސްމާންގެ އޯޑިއޯކަމަށް ބުނާ އޯޑިއޯއިން މަޖިލީހުގައި އިއްވުނީ ކުޑަ ތަންކޮޅެކެެވެ. އެ އޯޑިއޯ އިއްވަމުންދަނިކޮށް އެ ވީޑިއޯއިން ބުނާ އެއްޗެއް ސާފު ވެއްޖެކަަމަށް ވިދާޅުވީ ބާކީ ބައި އިއްވާކަށް ރައީސް ނަޝީދު ފުރުސަތެއް ނުދެއްވި އެވެ.
އޯޑިއޯ އެއްކޮށް އިއްވުމުގެ ފުރުސަތު ނުދެއްވިޔަސް އެ ވީޑިއޯ ރައީސް ނަޝީދަށް އަރުއްވާނެކަމަށް ޝިޔާމް ވިދާޅުވި އެވެ.
"މި އޯޑިއޯގައި ވިދާޅުވަނީ ކަނޑާ ވައްޓާލާނަމޭ ސަންޑޭ[އާދިއްތައިގަ]އި. ނުފޫޒެއް ނުފޯރުވައޭ [ ތި ވިދާޅުވީ]. މި މައްސަލަ އަޅުގަނޑު ކޮމިޓީތަކަށް ހުށަހަޅާނަން." ޝިޔާމް ވިދާޅުވި އެވެ.