އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ދިމާކޮށް ވަކި ކެންޑިޑޭޓަކަށް ތާއީދު ނުކުރާ މީހުން ސަރުކާރުގެ ވަޒީފާތަކުން ވަކިކޮށް ބިރު ދައްކަމުންދާ މައްސަލައި އެމްޑީޕީގެ ތެރޭގައި ހުޅުރޯވި ނަމަވެސް ނިމިގެން ދިޔަ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަންގައި އެފަދަ ކަންކަން ހިނގައި ދިއުމުން އެމްޑީޕީގެ މެމްބަރުން ހަނުތިއްބެވި ކަމަށް ވިދާޅުވެ ނައިފަރު ދާއިރާގެ މެމްބަރު އަހުމަދު ޝިޔާމް ފާޑުވިދާޅުވެއްޖެ އެވެ.
އެމްޑީޕީގެ ބައެއް މެންބަރުން ވަޒީފާތަކުން ވަކިކުރަމުންދާ ކަމަށް ބުނާ މައްސަލައާ ގުޅިގެން މަޖިލީހަށް ކުއްލި މައްސަލައެއް ހުށަހަޅައި ހޫނު ބަހުސެއް މިއަދު ކުރިއަށް ދިޔަ އެވެ.
އެމްޑީޕީގެ މެމްބަރުންނަށް ފާޑުވިދާޅުވެ ޝިޔާމް ވިދާޅުވީ ނަމުން ޑިމޮކްރެޓިކް ކިޔައިގެން އުޅުނު ނަމަވެސް އެމްޑީޕީ އަކީ ޑިމޮކްރެޓިކް ޕާޓީއެއް ނޫން ކަމަށެވެ. އެމްޑިޕީން ކުރިއަށް ނެރެގެން އުޅެނީ ހުދުމުހުތާރު ގޮތްތައް ކަމަށެވެ.
ޝިޔާމް ވިދާޅުވީ އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ގުޅިގެން ވަޒީފާއިން ވަކިކުރާ މައްސަލަތައް މަޖިލީހަށް ގެނައުމުގެ ކުރިން ނިމިގެން ދިޔަ ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން އިންތިހާބުގައި ހިންގި އެފަދަ އަމަލުތަކުގެ ވާހަކަ މަޖިލީހުގައި ދެކެވެން ޖެހޭނެ ކަމަށެވެ.
ކޮމަންޑޫ ދާއިރާގެ އިންތިހާބުގެ ދުވަސްވަރު ސަރުކާރުގެ ކުންފުންޏެއްގެ ވެރިޔަކު މުވައްޒަފަކަށް ބިރު ދައްކާ ވާހަކަ އިވޭ އޯޑިއޯއެއް މަޖިލީހުގެ ޖަލްސާއެއްގައި ޝިޔާމް މީގެ ކުރިން ވަނީ އިއްވައިފަ އެވެ. ނަމަވެސް އެ އޯޑިއޯ އެއްކޮށް އިއްވުމުގު ފުރުސަތު މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު އެ ދުވަހުގެ ޖަލްސާގައި ނުދެއްވަ އެެވެ. އެ އޯޑިއޯގައި ދެކެވޭ ވާހަކަ މާބޮޑު މައްސަލައެއްގެ ގޮތުގައި ވެސް ރައީސް ނަޝީދު އެ ދުވަހު ނުނަންގަވަ އެވެ.
"އެ ދުވަހު[އޯޑިއޯ އިއްވި ދުވަސް] ވަރަށް ދެރަވި މައިކު ކަނޑާލީމަ" ޝިޔާމް ވިދާޅުވި އެވެ.
ޝިޔާމް އިތުރަށް ވިދާޅުވީ މި ސަރުކާރު ވެރިކަަމަށް އައީ ސިޔާސީ ފިކުރުގައި ތަފާތު ހުރެގެން އެއްވެސް މީހެއްގެ ވަޒީފާ ނުގެއްލޭނެ ކަމަށް ވައުދުވެގެން ކަމަށާއި އެހެންނަމަވެސް ވެރިކަން ކުރާ އެމްޑީޕީގެ ފަރާތުން ވެސް ފެންނަނީ ދިމާ އިދިކޮޅަށް މަސައްކަތް ކުރަމުންދާ މަންޒަރު ކަމަށެވެ.
އިދިކޮޅު މަޑުއްވަރީ ދާއިރާގެ މެމްބަރު އާދަމް ޝަރީފް ވެސް ވިދާޅުވީ އެމްޑީޕީގެ މީހުން ވަޒީފާތަކުން ވަކިކުރަމުންދާއިރު ކޮމަންޑޫ ދާއިރާގެ އިންތިހާބުގައި ވަޒީފާއިން ކަނޑާލާނެ ކަމަށް ބުނެ ދެއްކި ވާހަކަަތައް މައްސަލައަކަށް ނުވި ކަމަށެވެ.
"އެ ވާހަކަ ދެއްކިއިރު އެރަށުގައި އުޅުނު މީހުންނަށް ކަންއޮތް ގޮތް ވަރަށް ރަނގަޅަށް ފެންނަން އޮތް. އެ ހަގީގަތަކީ އެންމެން ދަންނަ ހަގީގަތެއް. އެ ދުވަހު މިވާހަކަ އަޑުއައްސަވާކަަށް ބައެއް ބޭފުޅުންނަށް ފަސޭހައެއް ނުވި. އެހެން ނަމަވެސް މިއަދު، އަޅުގަނޑު ހިތުން މަޖިލިސްގައި ރެކޯޑުކުރެވިގެން މި ދަނީ ހަގީގަތުގައި ވެސް މީހުންނަށް ވަޒީފާގެ ބިރު އޮތްކަން" އާދަމް ޝަރީފް ވިދާޅުވި އެވެ.
އެމްޑީޕީގެ އެތެރޭގެ އިންތިހާބާ ދިމާކޮށް ވަކި ކެންޑިޑޭޓަކަށް ތާއީދު ނުކުރާ މީހުން ވަޒީފާތަކުން ވަކިކުރަމުންދާ ކަމަށް ބުނާ މައްސަލަ އެމްޑީޕީގެ ތެރޭގައި ހޫނުވީ ދުވާފަރު ސިއްހީ މަރުކަޒުގެ ސީނިއާ އެޑްމިނިސްޓްރޭޓަރު ހެލްތް ސާވިސަސްގެ މަގާމުގައި ހުރި އާމިރު އަހްމަދު މަގާމުން ވަކިކުރުމުންނެވެ. ސަރުކާރުން ވަނީ އެ ތުހުމަތު ދޮގުކޮށްފަ އެވެ.