މުހައްމަދު ރާޝިދު

ރާޝިދު ހުވާ ކުރައްވައި ޖަލްސާއަށް

މުހައްމަދު ރާޝިދު، ރައްޔިތުންގެ މަޖިލީހުގެ ކޮމަންޑޫ ދާއިރާގެ މެންބަރު ކަމުގެ ހުވާ ކުރައްވައިފި އެވެ.

އޭނާ ހުވާ ކުރެއްވީ މިއަދު ރައްޔިތުންގެ މަޖިލިސް ކުރާ ގޭގައި މިއަދު ހެނދުނު ބޭއްވި ހާއްސަ ރަސްމިއްޔާތެއްގަ އެވެ.

ރާޝިދަށް މެންބަރު ކަމުގެ ހުވާލައިދެއްވީ ސުޕްރީމް ކޯޓުގެ ފަނޑިޔާރު ހުސްނުއްސުއޫދު އެވެ. މިިރަސްމިއްޔާތުގައި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދާއި ބައެއް މެންބަރުން ބައިވެރިވެވަޑައިގެންނެވި އެވެ.

މިދިޔަ ހޮނިހިރު ދުވަހު އޮތް ކޮމަންޑޫ ދާއިރާގެ ބައި އިލެކްޝަން ރާޝިދު ކާމިޔާބު ކުރެއްވީ އޭނާއާ ވާދަކުރެއްވި ޕީޕީއެމްގެ ކެންޑިޑޭޓް މޫސާ ފަތުހީއާ ވާދަކުރައްވާ 240 ވޯޓްގެ ތަފާތުން ކުރި ހޯއްދަވައިގެންނެވެ.


އިލެކްޝަންސް ކޮމިޝަންގެ ދާއިމީ ނަތީޖާ ތަކަށް ބަލާއިރު އިންތިހާބު ކާމިޔާބު ކުރެއްވި ރާޝިދަށް ލިބިވަޑައިގަތީ 1،401 ވޯޓެވެ. ފަތުހީ އަށް 1،161 ވޯޓު ލިބިވަޑައިގެންނެވިއިރު ހަންނާނަށް 323 ވޯޓް ލިބިވަޑައިގަތެވެ.

އިންތިހާބުގައި ވޯޓްލީ މީހުންގެ ޖުމްލަ އަދަދަކީ 2،932 އެވެ. ސައްހަ ވޯޓްގެ އަދަދަކީ 2،885 ވޯޓެވެ. 47 ވޯޓް ބާތިލު ވޯޓްގެ ގޮތުގައި ގުނާފައިވެ އެވެ. މި އިންތިހާބުގައި ވޯޓްލުމުގެ ހައްގު 3،309 މީހަކަށް ލިބިފައިވާއިރު ވޯޓް ލާފައިވަނީ 88.61 ޕަސެންޓް މީހުންނެވެ.