ރާއްޖޭގެ އެކި ރަށްރަށުގައި ފެނާއި ނަރުދަމާ ގާއިމު ކުރުމުގެ ކުރިން ރާއްޖޭގެ އަންހެނުންގެ ގައިން ނުބައިވަސް ދުވާ ކަމަށް ބުނުމުން ކޮމަންޑޫ ދާއިރާގެ މެންބަރު މުހައްމަދު ރާޝިދުއަށް ފާޑު ކިޔުން އަމާޒު ވެއްޖެ އެވެ.
ރާޝިދު މި މޭރުމުން ވާހަކަފުޅު ދައްކަވާފައިވަނީ ދިވެހި ދައުލަތުން ދަރަނި އަނބުރާ ދެއްކުމާއި ގުޅޭގޮތުން ރައްޔިތުންގެ މަޖިލީހުގެ ހުށަހެޅުންތަކުގައި ބަޔާންކޮށްފައިވާ ކަންކަން ކުރުމަށް ގޮވާލައި ގަލޮޅު އުތުރު ދާއިރާގެ މެންބަރު އީވާ އަބްދުﷲ މަޖިލީހަށް ހުށަހެޅި ގަރާރަށް މިއަދުގެ ޖަލްސާގައި ބަހުސް ކުރައްވަމުންނެވެ.
އީވާ ހުށަހެޅި ގަރާރަށް ބަހުސް ކުރުމަށް ލިބުނު ފުރުސަތުގައި ރާޝިދު ވަނީ ސަރުކާރުގެ ރަނގަޅު ކަންކަމުގެ ވާހަކަ ވަރަށް ބޮޑަށް ދައްކަވާފަ އެވެ. އެގޮތުން ފެނާއި ނަރުދަމާގެ ވާހަކަވެސް ރާޝިދު ދެއްކެވި އެވެ.
ރާޝިދު ވިދާޅުވީ ރާއްޖޭގައި ތިބި "ރީތި ލޯބި އަންހެންކުދިން"ގެ މޫނުމަތިން ޗާލުކަން ފެންނަން ފެށީ މި ސަރުކާރުން ފެނާއި ނަރުދަމާގެ މަސައްކަތް ކޮށްދެއްވުމުން ކަމަށެވެ.
"އެ ބޭފުޅުން ކިތަންމެ އަގުބޮޑު ސެންޓެއް ޖަހައިގެން ނުކުތަސް މީގެ ކުރިން އެ ބޭފުޅުން ގައިން މާ މީރު ވަހެއް ނުދުވާ. އެއީ ޗަކަ ފެނުން ފެން ވަރަން ޖެހޭތީ. މިއަދު ވަރަށް ރީތި ސާފު ލޯބި ފެނުން ފެންވަރައިގެން އެ ތިބީ،" ރާޝިދު ވިދާޅުވި އެވެ.
ރާޝިދު މިހެން ވިދާޅުވުމުން އައްޑޫ ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބް ވަނީ ނިޒާމީ ނުކުތާއެއް ނަންގަވާ އެކަމާ ކަންބޮޑުވުން ފާޅު ކުރައްވާ ފާޑު ވިދާޅުވެފަ އެވެ.
އިލްޔާސް ވިދާޅުވީ ދިވެހި އަންހެނުންނަށް ބޭއަދަބީ ބަހަކުން މުހާތަބު ކުރުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން ކަމަށެވެ.
އިލްޔާސްގެ ވާހަކަފުޅާއި ގުޅިގެން މަޖިލީހުގެ ރިޔާސަތުގައި އިންނެވި ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދު ވަނީ އެއްވެސް ޖިންސަކާ ގުޅިގެން އެފަދަ ވާހަކައެއް ނުދެއްކޭނެ ކަމަށް ވިދާޅުވެފަ އެވެ.
"ރާއްޖޭގެ ރައްޔިތުންގެ އެއްވެސް ޖިންސެއްގެ ރައްޔިތުންނަށް ކުޑައިމީސް ވާ ގޮތަށް ވާހަކަ ދެއްކެވުމަކީ ބަލައިގަނެވޭނެ ކަމެއް ނޫން،" ނަޝީދު ވިދާޅުވި އެވެ.