ދުނިޔެ

ޗައިނާ-ޓައިވާން، ނުތަނަވަސްކަން އިތުރުވުމުގެ ބިރު އެބަ އޮތް: އދ

ޗައިނާ-ޓައިވާންއާ ދެމެދު އުފެދިފައި އޮތް ނުތަނަވަސްކަން، މިހާރު އޮތް ވަރަށް ވުރެ އިތުރުވެދާނެ ކަމުގެ ބިރު އޮތް ކަމަށް އދ. އިން ބުނެފި އެވެ. ނުތަނަަވަސްކަން އިތުރުކުރުމަށް އަލިފާނަށް ދަރުއަޅާ ބައެއްގެ ގޮތުގައި އެއްވެސް ބަޔަކު ނުވުމަށްވެސް އދ. އިން ވަނީ ގޮވާލާފަ އެވެ.

ޓައިވާން ވަށާލައި ޗައިނާގެ ހަނގުރާމަމަތީ މަނަވަރުތަކުން ދަނީ، ޗައިނާއިން ބޭނުންވެއްޖެ ހިނދެއްގައި ޓައިވާނަށް އަރައިގަތުމަށް ތައްޔާރުވަމުންނެވެ.

އަސްކަރީ ފަރިތަކުރުންތަކެއް ކަމަށް ބުނެ ޗައިނާގެ އަސްކަރިއްޔާއިން ޓައިވާން ސަރަހައްދުގައި ފަރިތަކުރުންތަކެއް ކުރިއަށް ގެންދިޔަ ނަމަވެސް، ޗައިނާއިން ޓައިވާނަށް އަރައިގަތުމަކީ ކުރިއާލައި ގޮތެއް ނިންމާފައި އޮތް ކަމެއްކަން އަދި ނޭނގެ އެވެ.

އެހެން ނަމަވެސް، ދުނިޔެއަށް އޮތް ބިރަކީ އަދި ޔަގީންވާ ކަމަކީ ޗައިނާއިން ޓައިވާނަށް އަރައިގެންފިނަމަ ބިރުބޮޑު ހަނގުރާމައެއް ފެށޭނެ ކަމެވެ.

ޗައިނާގެ މި ހަރަކާތްތައް ފެށުމުގެ އަސްލަކީ ޓައިވާން އާއި އެމެރިކާއާ އޮތް ގާތް ގުޅުމެވެ. ޓައިވާން އަކީ ޗައިނާގެ ބައެއް ކަމަށާއި އަދި މިނިވަން ދައުލަތެއް ނޫން ކަމަށް އެމެރިކާ ގަބޫލުކުރާ ހިނދުވެސް، އެމެރިކާއިން ގެންދަނީ ޓައިވާނަށް އަސްކަރީ ގޮތުން އެހީތެރިވަމުންނެވެ.

އެމެރިކާގެ ބޭނުމަކީ ޓައިވާންގެ މައްޗަށް ޗައިނާ ބާރުގަދަކުރަން އުޅެފިނަމަ ދިފާއުވުމުގެ ކުޅަދާނަކަން ޓައިވާނަށް ލިއްބައިދިނުމެވެ. އެހެން ނަމަވެސް، މިއީ ޗައިނާއިން ވަރަށް ބޮޑަށް ދެކޮޅުހަދާ ކަމެކެވެ.

އދ.ގެ ތަރުޖަމާން ނޫސްވެރިނަށް މައުލޫމާތު ދެއްވަމުން ވިދާޅުވީ ޓައިވާންއާ ޗައިނާގެ ގުޅުން ގޯސްވެދާނެ އެއްވެސް ކަމެއް އެއްވެސް ގައުމަކުން ނުކުރުމަށެވެ. އދ. އިން ދުނިޔެއަށް ނިސްބަތްވާ ގޮތަށް މިހެން ގޮވާލި ނަމަވެސް މިކަމުގައި ސީދާކޮށް އަދި ނުސީދާކޮށް ވެސް ބައިވެރިވަނީ އެމެރިކާ އާއި ޓައިވާން އަދި ޗައިނާ އެވެ.