ކްރިމިނަލް ކޯޓް

ފިރިމީހާ ދިފާއުކުރުމުން ވަޅި ހެރިކަން ސާބިތެއް ނުވި

Apr 11, 2023

އަނބިމީހާ ގަޔަށް ވަޅި ހެރި ކަމަށް ބުނާ މައްސަލާގައި ކުރި ދައުވާގައި ފިރިމީހާގެ ދިފާއުގައި އަނބިމީހާ ކޯޓުގައި ވާހަކަ ދެއްކުމުން ކުށް ސާބިތުނުވާ ކަމަށް ކްރިމިނަލް ކޯޓުން މިއަދު ހުކުމްކޮށްފި އެވެ.

މި މައްސަލައިގައި ދައުލަތުން ދައުވާކޮށްފައިވަނީ ރާއްޖޭގައި މަސައްކަތް ކުރަމުން ދިޔަ އިންޑިއާ ރައްޔިތެއް ކަމަށްވާ ސްރިނިވަސަން ސުބްރަމަނިގެ މައްޗަށެވެ.

މ. ރިހިވިދުވަރު ގޭގެ ދެވަނަ ފްލޯގައި އޭނާގެ އަންހެނުންނާ އެކު ދިރިއުޅެމުން ދިޔަ ސްރިނިވަސަން އޭނާގެ އަންހެނުންގެ ގަޔަށް ވަޅި ހެރީ ފެބްރުއަރީ ދޭއް، 2022ވަނަ ދުވަހު އެވެ.

މިމައްސަލައިގައި ސްރިނިވަސަންގެ މައްޗަށް ދައުލަތުން އުފުލާފައިވަނީ ބިރުދެއްކުމާއި ނުރައްކާތެރި ހަތިޔާރާއި ތޫނު އެއްޗެހި ގެންގުޅުން މަނާކުރުމުގެ ގާނޫނުގެ ދަށުން، ތޫނު އެއްޗެއް ނުވަތަ ހަތިޔާރެއް ބޭނުންކޮށްގެން މާރާމާރީ ހިންގުމުގެ ކުށުގެ ދައުވާ އެވެ.

މައްސަލައިގައި ސްރިނިވަސަން ހައްޔަރުކޮށް އޭނާގެ ބަންދާމެދު ގޮތެއް ނިންމުމަށް މީގެ ކުރިން ކޯޓަށް ހާޒިރުކުރުމުން އޭނަ ވަނީ އަނބިމީހާއަށް ވަޅިން ހަމަލާދިން ކަމަށް އިއުތިރާފުވެފަ އެވެ.

ކޯޓުގައި އަނބިމީހާ ބުނި ގޮތުގައި އޭނާ ގަޔަށް ވަޅި ހެރުނީ ސިޓިން ރޫމްގައި ތަރުކާރީ ކޮށަން އިންނަ ތަނެއްގައި އޮއްވާ ނިދުމުން ނިދީގެ ތެރޭގަ އެވެ.

ފިރިމީހާ ވަޅި ހެރި ކަމަށް ބުނެ ކުރިން ބަޔާން ދިނީ ޑީޕޯޓްކޮށްލާނެ ކަމަށް ބުނުމުން ކަމަށްވެސް އަނބިމީހާ ކޯޓުގައި ވަނީ ބުނެފަ އެވެ.