ވިސާގެ މައްސަލަތަކެއް ކުރިމަތިވެ އުމްރާއަށް ނުފުރި ތިބި އަލް ސަފާ ހައްޖު އެންޑް އުމްރާ ގުރޫޕްގެ އުމްރާވެރިންނަށް ވިސާ ހަމަޖެހި މިއަދު އުމްރާއަށް ފުރައިފި އެވެ.
ސަފާގެ އުމްރާވެރިން މިއަދު އުމްރާއަށް ފުރާފައި މިވަނީ އެ މީހުން އުމްރާއަށް ދިއުމަށް ފައިސާ ދައްކާ، މިމަހުގެ ހަވަނަ ދުވަހު ފުރަން ތައްޔާރުވެ ތިއްބާ ސައުދީ އަރަބިއްޔާއިން ވިސާ ހަމަނުޖެހޭ ކަމަށް ބުނެ އެންމެ ފަހު ވަގުތު ދަތުރު ކެންސަލް ކުރުމަށްފަހު އެވެ.
އޮމާންގެ ސަލާމް އެއާގެ ފްލައިޓެއްގައި މިއަދު 182 މީހަކު ސަފާ ގުރޫޕްގެ ހަވާލުގައި އުމްރާއަށް ފުރާފައިވެ އެވެ.
ސަފާ ގުރޫޕްގެ އުމްރާވެރިން މިއަދު އުމްރާއަށް ފުރާފައި މިވަނީ އެމީހުންގެ އަތުން އެއްވެސް އިތުރު ފައިސާއެއް ނުނަގައި އެ މީހުންނަށް އުމްރާއަށް ދެވޭނެ އިންތިޒާމު ހަމަޖައްސައިދިނުމަށް އިސްލާމިކް މިނިސްޓްރީން އަންގާފައި ވަނިކޮށެވެ.
މިނިސްޓްރީގެ އެންގުމާ ގުޅިގެން ސަލާމް އެއާގެ ބޯޓަކީ ސަފާ ގުރޫޕްގެ އުމްރާވެރިން އުމްރާއަށް ފުރުވާލަން ޗާޓަރު ކުރި ބޯޓެކެވެ.
ސަފާ ގުރޫޕުން ބުނި ގޮތުގައި އެ ގުރޫޕްގެ އުމްރާވެރިންނަށް ފުރަތަމަ ވިސާގެ މައްސަލަ ދިމާވީ އެކަމާ ހަވާލުވި ސައުދީ ކުންފުނިން ލަނޑުދިނީމަ އެވެ. ނަމަވެސް އެ ކުންފުނިން ފަހުން މައާފަށް އެދި ވިސާގެ ފައިސާ އަނބުރާ ދީފައިވާ ކަމަށް ސަފާ ގުރޫޕުން ބުނެ އެވެ.