އެމްޓީސީސީ

ތިނަދޫ އާއި ހިތާދޫގެ މަސައްކަތް އެމްޓީސީސީއަށް

Apr 11, 2023

ވ. ތިނަދޫގެ ބަނދަރު ބޮޑުކުރުމުގެ މަޝްރޫއާއި ބ. ހިތާދޫގެ ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއު އެމްޓީސީސީއާ ހަވާލުކޮށްފި އެވެ.

ޕްލޭނިން މިނިސްޓްރީގައި އޮތް ރަސްމިއްޔާތެއްގައި މިނިސްޓްރީގެ ފަރާތުން އެއްބަސްވުމުގައި ސޮއިކުރެއްވީ ޕާމަނަންޓް ސެކްރެޓަރީ ޒީނިޔާ އަހްމަދު ހަމީދެވެ. އެމްޓީސީސީގެ ފަރާތުން ސޮއިކުރެއްވީ ސީއޯއެފް ޝާހިދު ހުސައިން މޫސާ އެވެ.

ތިނަދޫ ބަނދަރުގެ މަސައްކަތް ނިންމަން އެއް އަހަރު ދީފައިވާއިރު މަޝްރޫއުގެ އަގަކީ 40.57 މިލިއަން ރުފިޔާ އެވެ. ހިތާދޫ ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަސައްކަތް ނިންމަން ދީފައިވަނީ 180 ދުވަހެވެ. މަޝްރޫއުގެ އަގަކީ 16.96 މިލިއަން ރުފިޔާ އެވެ.

ތިނަދޫގައި އެމްޓީސީސީން ކުރާ މަސައްކަތްތަކުގެ ތެރޭގައި ހިމެނެނީ 12,800 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ އާ ހާބަ ބޭސިން ފުންކުރުމާއި، 1,847.11 އަކަމީޓަރުގެ ސަރަހައްދެއްގައި ހާބަ ޕޭވްމަންޓް ހެދުމާއި، 860 ކިއުބިކް މީޓަރުގެ ސަރަހައްދެއްގެ ނެރު ފުންކުރުމާއި، 482 މީޓަރުގެ ސަރަހައްދެއްގައި ރިވެޓްމެންޓް ޖެހުމާއި، 291 މީޓަރުގެ ސަރަހައްދެއްގައި ކަރބަ ހަރުކުރުމުގެ މަސައްކަތްކުރުމާއި، 249.66 މީޓަރުގެ ސަރަހައްދެއްގައި އެއްގަމުތޮށި ލުމާއި، 77 މީޓަރުގެ ސަރަހައްދެއްގައި ބޭރުތޮށި ލުމާއި، މޫރިން ބޯއީސް ހަރުކުރުމާއި، 10 މީޓަރު ދިގު ނުވަ މީޓަރު ފުޅާ ރޭމްޕެއް ހެދުމާއި، 16 މީޓަރު ދިގު ދެ މީޓަރު ފުޅާ ކޮންކްރީޓް ބްރިޖެއް ހެދުންވެސް ހިމެނެ އެވެ.

ހިތަދޫގައި އެމްޓީސީސީން ކުރާ މަސައްކަތްތަކުގެ ތެރޭގައި 7,800 ކިއުބިކް މީޓަރުގެ ސަރަހައްދަކަށް ވެލިއަޅައިގެން ގޮނޑުދޮށް ހެދުމާއި، 610 މީޓަރުގެ ސަރަހައްދެއްގައި ޖިއޯ ބޭގް ރިވެޓްމެންޓް ޖެހުމާއި، 230 މީޓަރުގެ ސަރަޙައްދެއްގައި ގްރޮއިން ޖެހުމުގެ މަސައްކަތް ހިމެނެ އެވެ.