ފިނޭންސް މިނިސްޓްރީން 2013 ވަނަ އަހަރު ގަވައިދާއި ހިލާފަށް ހިންގާފައިވާ މުއާމަލާތްތަކުގެ ސަބަބުން އެ އަހަރު ދައުލަތަށް 955 މިލިއަން ރުފިޔާގެ ގެއްލުން ވެފައިވާ ކަމަށް އޮޑިޓާ ޖެނަރަލް އޮފީހުން ބުނެފި އެވެ.
ފިނޭންސް މިނިސްޓްރީގެ 2013 ވަނަ އަހަރުގެ އޮޑިޓް ރިޕޯޓްގައި ގަވާއިދާ ހިލާފަށް ހިންގާފައިވާ ފައިސާގެ މުއާމަލާތްތަކާ ބެހޭ ބޮޑެތި މައްސަލަތަކެއް ފާހަގަކޮށްފައިވާއިރު، ބޮޑު އެއް މައްސަލައިގެ ގޮތުގައި ފާހަގަކޮށްފައިވަނީ، އެ އަހަރު އެ މިނިސްޓްރީ މެދުވެރިކޮށް ދައުލަތަށް ލިބެންޖެހޭ ގިނަ އަދަދެެއްގެ ފައިސާ ހޯދާފައި ނުވުމެވެ. ނުވަސަތޭކަ މިލިއަނަށްވުރެ ގިނަ ރުފިޔާ އެ އަހަރު ދައުލަތަށް ލިބުނު އާމްދަނީ އިން އުނިވެފައިވާ އިރު، އެ ފައިސާ ހޯދަން، ލިޔުމުން އެންގުން ނޫން ކަމެއް، ފިނޭންސް މިނިސްޓްރީން ކޮށްފައި ނުވާކަން ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ.
ދެހާސްތޭރަ ވަނަ އަހަރު ފިނޭންސުން ދައުލަތަށް ލިބެންޖެހޭ އާމްދަނީ އިން މަދުވާ ފައިސާގެ ތެރޭގައި، ސަރުކާރުގެ ވިޔަފާރި ކުންފުނިތަކަށް ދޫކުރި 227 މިލިއަން ރުފިޔާ އާއި އޮންލެޓް ލޯނުގެ ގޮތުގައި ދޫކުރި 591 މިލިއަން ރުފިޔާ އާއި އަމިއްލަ ފަރާތްތަކަށް ދޫކުރި ލޯނުތަކަށް ލިބެންޖެހޭ 48 މިލިއަން ރުފިޔާ އާއި ދަނޑުވެރިކަމުގެ ދާއިރާގެ މަސައްކަތްތަކަށް ކަނޑައެޅި ފަންޑުން ދޫކުރި 17 މިލިއަން ރުފިޔާ އާއި އެކި މަސައްކަތްތަކަށް ހަރަދުކުރަން ކަނޑައެޅި ފަންޑް، (މޯފާ އެކައުންޓް 291) އިން ދޫކުރި 17 މިލިއަން ރުފިޔާ ހިމެނެ އެވެ.
އެއްވެސް ފަރާތަކުން ދައުލަތަށް ދައްކަންޖެހޭ ފައިސާއެއް ނުދައްކާނަމަ އެފަރާތަކަށް އެކަން އަންގައި ދެންވެސް ފައިސާ ނުދައްކައިފި ނަމަ، ކޯޓު މެދުވެރިކޮށް އެ ފައިސާ އަތުލުމަށް މާލިއްޔަތު ގާނޫނުން ކަމާ ބެހޭ މުއައްސަސާތަަކަށް ލާޒިމްކުރެ އެވެ. ނަމަވެސް ފިނޭންސް މިނިސްޓްރީން އެގޮތަށް އަމަލުކޮށްފައި ނުވާތީ މާލިއްޔަތުގެ ގާނޫނާއި އެ މިނިސްޓްރީން ހިލާފުވެފައިވާ ކަން އޮޑިޓާ ޖެނަރަލް ވަނީ ފާހަގަކުރައްވާފަ އެވެ.
"ދައުލަތުގެ މާލިއްޔަތު ގަވާއިދުގެ 1.07 ވަނަ މާއްދާގެ (ހ) ގައި ވަނީ، އެކި ފަރާތްތަކުން ދައުލަތަށް ލިބެންޖެހޭ ފައިސާ ހޯދުމަށް ކަމާ ބެހޭ ފަރާތްތަކުން ފިޔަވަޅު އަޅަންޖެހޭ ކަމަށް. އެ މާއްދާގެ (ނ) ގައި ވަނީ (ހ) ގައި ބަޔާންކޮށްފައިވާ ގޮތަށް ފިޔަވަޅު އަޅައިގެންވެސް އެ ފައިސާ ނުލިބޭ ނަމަ އެ މައްސަލަތައް ގަވާއިދުން ޝަރީއަތަށް ހުށަހަޅަންޖެހޭނެ ކަމަށް. ނަމަވެސް މިނިސްޓްރީ އޮފް ފިނޭންސަށް ލިބެންޖެހި، ނުލިބި ހުރި ގިނަ ފައިސާ ތަކެއް ހުރި އިރު، އިސްވެ ބަޔާންކުރި އުސޫލާ އެއްގޮތަށް އަމަލުކޮށްފަ ނުވާކަން ފާހަގަކުރެވުނެވެ،" އޮޑިޓް ރިޕޯޓުގައި ބުނެފައިވެ އެވެ.
ދައުލަތުގެ މުއައްސަސާތަކަށް ހަރު މުދަލުގެ ގޮތުގައި ގަންނަ ތަކެތީގެ ދަފްތަރު ތައްޔާރުކުރުމަށް މުއައްސަސާތަކާ ބެހޭ ގާނޫނުގައި ބަޔާންކޮށްފައިވީ ނަމަވެސް އެފަދަ ރިކޯޑެއް ފިނޭންސް މިނިސްޓްރީޏް 2013 ވަނަ އަހަރު ގަވާއިދުން ބަލަހައްޓާފައި ނުވާކަން ވެސް އޮޑިޓް ރިޕޯޓުގައި ފާހަގަކޮށްފައިވެ އެވެ. އޭގެ ސަބަބުން އެ މިނިސްޓްރީން 2013 ވަނަ އަހަރު ކުރި ހަރަދު ތަފްސީލުކޮށް އެކުލަވާލި މާލީ ބަޔާނުގެ ސައްހަކަމާމެދު ޝައްކު އުފެދޭ ކަމަށް އޮޑިޓް ރިޕޯޓުގައި ބުންޏެވެ.
"31 ޑިސެމްބަރު 2013ގައި ނިމޭ މާލީ އަހަރުގެ އަހަރީ މާލީ ބަޔާނުގައި ހަރުމުދަލުގެ ގޮތުގައި ބަޔާންކޮށްފައިވާ ދެ މިލިއަން ހަތްދިހަ ހަތް ލައްކަ ރުފިޔާގެ ސައްހަ ކަމާއި، ހުރިހާ މުދަލެއް އުނި އިތުރެއްނެތި ބަޔާންކުރެވިފައިވާކަން ކަށަވަރު ނުކުރެވުމާއި، ފުރިހަމަ ގޮތުގައި މުދާ ރައްކާތެރިކަމާއެކު ބެލެހެއްޓިފައިވާ ކަން ކަށަވަރެއް ނުވެ އެވެ،" ރިޕޯޓުގައި ބުނެފައިވެ އެވެ.
އެހެންކަމުން އަލުން ދަފްތަރެއް އެކުލަވާލައި ސައްހަ މާލީ ބަޔާނެއް ތައްޔާރުކުރުމަށް އޮޑިޓާ ޖެނަރަލް ވަނީ އެ މިނިސްޓްރީއަށް ލަފާދެއްވާފަ އެވެ.
މާލީ އަހަރު ނިމޭފަހުން ކުރާ މުއާ މަލާތްތައް ރިކޯޑުކޮށް ބަލަހައްޓާފައި ނުވާ މައްސަލަ ފިނޭންސް މިނިސްޓްރީގެ އޮޑިޓުންވެސް ފާހަގަވި އެވެ. އެކަމަކީ، އިންޓަނޭޝަނަލް ޕަބްލިކް ސެކްޓާ އެކައުންޓިން ސްޓެންޑަޑްސް (އިޕްސަސް) ގެ ގަވާއިދު ތަކާއި ހިލާފަށް ކޮށްފައިވާ ކަމެއްކަން ފާހަގަކޮށް އެކަން ހައްލުކުރުމަށް އެ އަހަރުގެ މާލީ އަހަރުގެ ފަހުން ކުރި ހަރަދުތަކުގެ ތަފްސީލު ހޯދަން އޮޑިޓާ ޖެނަރަލް ލަފާ ދެއްވި އެވެ. އަދި އެ ތަފްސީލުތައް ޕަބްލިކް ސެކްޓާ އެކައުންޓިން ސްޓެންޑަޑްސް އިން ނެގޭނެ ގޮތް ހެދުމަށާއި، އެކުލަވާލާފައިވާ މާލީ ބަޔާންތަކުގައި އެ ތަފްސީލު ހިމެނުމަށް ވެސް ލަފާ ދެއްވި އެވެ.
ފިނޭންސް މިނިސްޓްރީގެ އޮޑިޓުން ގިނަ މައްސަލަތަކެއް ފެންމަތިވެފައިވާއިރު، ރިޕޯޓްތަކުގައި ފާހަގަކުރައްވާ ކަންކަމާ ގުޅޭ ގޮތުން ފިޔަވަޅު އަޅަން ފަށާތަން ކުރިއަށް އޮތް ތަނުގައި ފެނިގެން ދާނެ ކަމަށް ފިނޭންސް މިނިސްޓަރު އަބްދުﷲ ޖިހާދު ވަނީ ވިދާޅުވެފަ އެވެ. ނަމަވެސް، އޮޑިޓް ރިޕޯޓްތަކުގައި ގިނަ އަދަދެއްގެ ފައިސާގެ މައްސަލަތައް ފާހަގަކޮށްފައި ހުރިނަމަވެސް އެފައިސާ އަނބުރާ ހޯދުމަކީ ހީކުރި ވަރަށް ވުރެ އުނދަގޫ ކަމެއް ކަމަށް މި އަހަރުގެ ބަޖެޓް ދިރާސާކުރުމަށް ބޭއްވި ބައްދަލުވުމެއްގައި މިނިސްޓަރު ވަނީ ވިދާޅުވެފަ އެވެ.