އެމްޓީސީސީ

ގުޅި އާއި މާފުށީގައި މަސައްކަތް ފަށަން ސާމާނު ގެންގޮސްފި

Apr 12, 2023
1

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަންގައި ވޯޓުލާން މަދު ދުވަސްކޮޅަކަށް ވެފައި ވަނިކޮށް ކ. ގުޅީގެ ބިން ހިއްކުމަށް ބޭނުންވާ ސަމާނާއި ކ. މާފުށީގެ ބަނދަރު ބޮޑުކުރުމަށް ބޭނުންވާ ސާމާނު އެ ރަށްތަކަށް ގެންގޮސްފި އެވެ.

ގުރައިދޫ ދާއިރާގައި ހިމެނެނީ ގުރައިދޫގެ އިތުރުން ގުޅިއާއި މާފުށްޓެވެ. މިދާއިރާގެ ބައި-އިލެކްޝަންގެ ވޯޓުލުން އޮތީ އަންނަ ހޮނިހިރު ދުވަހު އެވެ.

މާފުށި ބަނދަރު މަޝްރޫއުގެ ދަށުން 700 މީޓަރުގެ ޖިއޯ ބޭގް ރިވެޓްމަންޓެއް ޖެހުމާއި، 160 މީޓަރުގެ ކޮންކްރިޓް ދެ ޖެޓީ ހެދުމާއި، 64 މީޓަރުގެ ރިވެޓްމަންޓް ޖެހުމާއި، 31 މީޓަރުގެ ބޭރު ތޮއްޓެއް ލުމާއި ބަނދަރާއި ބޭރު ތޮށި ކޮންކްރީޓް ބްރިޖަކުން ގުޅާލުން ހިމެނެ އެވެ.

މިމަސައްކަތުގެ އަގަކީ 76.5 މިލިއަން ރުފިޔާ އެވެ. މަސައްކަތް ނިންމަން ދިނީ ދޮޅު އަހަރެވެ.

ގުޅީގެ ބިން ހިއްކުމުގެ މަޝްރޫއުގެ ދަށުން 10 ހެކްޓަރުގެ ސަރަހައްދެއް އެމްޓީސީސީން ހިއްކާނެ އެވެ. އޭގެފަހުން ހިއްކާ ސަރަހައްދުގެ ގޮނޑުދޮށް ހިމާޔަތްކުރުމަށްޓަކައި 940 މީޓަރުގެ ބޮޑުހިލައިގެ ރިވެޓްމަންޓް ޖެހުމުގެ މަސައްކަތާއި 362 މީޓަރުގެ ޖިއޯބޭގް ރިވެޓްމަންޓް ޖަހާނެ އެވެ. އަދި 88 މީޓަރުގެ ބޮޑުހިލައިގެ ގްރޮއިން ޖެހުމުގެ މަސައްކަތް ކުރާނެ އެވެ.

މިމަސައްކަތުގެ އަގަކީ 89.6 މިލިއަން ރުފިޔާ އެވެ. މަސައްކަތް ނިންމަން ދީފައިވަނީ އެއް އަހަރާއި ދެމަސް ދުވަހެވެ.

ގުރައިދޫ ދާއިރާގެ އިންތިހާބުގައި ވާދަކުރަނީ އެމްޑީޕީ، ޕީޕީއެމް އަދި އެމްއެންޕީގެ ކެންޑިޑޭޓުންނެވެ.