ކިނބުލެއްގެ ހަމަލައިން ފިރިމީހާ ސަލާމަތްކުރުމަށް އިންޑިޔާގެ ރާޖަސްތާނުގެ ކަރޯލީ އަންހެނަކު އާދަޔާޚިލާފު ހިތްވަރެއް ދައްކައިފި އެވެ.
ބަންނޭ ސިންގް ކިޔާ 26 އަހަރުގެ މި ފިރިހެންމީހާ އަކީ ބަކަރި ހުއިހައްޕާ މީހެކެވެ. އޭނާ ގެންގުޅޭ ބަކަރިތައް ގޮވައިގެން އެ ދުވަހު ޗެމްބަލް ކޯރަށް ދިޔައީ ބަކަރިތަކަށް ފެން ދޭށެވެ. އޭނާ ބަކަރިތައް ގޮވައިގެން ކޯރު ތެރޭގައި ހުއްޓާ ކިނބުލެއް އައިސް އޭނާގެ ކުރި ބައްދައި ފައިގައި ހިފައި ކޯރު ތެރެއަށް ދަމައިގަތެވެ. އެވަގުތު ބަންނޭގެ އަންހެނުން ވިމާލް ބާއީ ވެސް އޭނާއާ ވަރަށް ކައިރީގައި ކޯރު ތެރޭގައި ހުއްޓެވެ.
ވަގުތުން ވިމާލް އޭނާގެ ފިރިމީހާ ކިނބުލުގެ ހަމަލައިން ސަލާމަތްކުރުމުގެ މަސައްކަތް ފެށި އެވެ. އެ ވަގުތު ވިމަލްގެ އަތުގައި އޮތީ ހަމައެކަނި ދިގު ދަނޑިބުރި އެކެވެ. އޭނާ އެ ދަނޑިބުރިން ކިނބުލުގެ ގައިގައި ތަޅައި އޭނާގެ ފިރިމީހާގެ ފައި އެސޮރުގެ އަނގައިން ނައްޓާލެވޭތޯ މަސައްކަތް ފެށި އެވެ.
ނަމަވެސް ބަންނޭގެ ފައިން ކިނބޫ ދުލެއް ނުކުރި އެވެ. އެސޮރު މަސައްކަތް ފެށީ ބަންނޭ ގޮވައިގެން ކޯރުގެ އަޑީއަށް ފީނައިގަންނާށެވެ.
ވިމާލް އަށް މިކަން އެނގިގެން އޭނާގެ އަތުގައި އޮތް ދަނޑިބުރި ކިނބުލުގެ ލޮލަށް ހަރާލި އެވެ. އެހިސާބުން ކިނބޫ ވަނީ ބަންނޭގެ ފައިން ދޫކޮށްލާފަ އެވެ. އަދި ބަންނޭ ސަލާމަތްވުމާއެކު ދެމަފިރިން އެކުގައި ދުވެފައި އެއްގަމަށް އެރީ އެވެ.
ބަންނޭގެ ފައި ވަރަށް ބޮޑަށް ޒަޚަމްވެފައިވީ ނަމަވެސް އޭނާގެ ފުރާނަ ސަލާމަތްވެފައިވަނީ އޭނާގެ އަންހެނުން ކުރި ހިތްވަރުގަދަ މަސައްކަތުންނެވެ.
ވިމާލް ބާއީގެ ދުރުވިސްނުމާއި ހިތްވަރުގަދަކަމުން ކިނބުލާއި އޭނާ އާ ކުރި ހަނގުރާމަ ކާމިޔާބު ކުރެވިފައިވަނީ 15 ވަރަކަށް މިނިޓް މަސައްކަތް ކުރި ފަހުންނެވެ.
އިންޑިޔާގެ ނޫހަކަށް ދިން އިންޓަވިއު އެއްގައި ބަންނޭ ސިންގް ބުނީ އޭނާގެ ފުރާނަ ސަލާމަތްވީ އަންހެނުންނަކީ ކެރޭ، ކުޅަދާނަ މީހަކަށް ވީމަ އެވެ. އަދި އަންހެނުން ވަނީ އޭނާގެ ފުރާނަ ސަލާމަތްކޮށްދީ ހަޔާތުގައި ދެވޭނެ އެންމެ ބޮޑު ހަދިޔާ ދީފައި ކަމަށެވެ.
ވިމާލް ބާއީ ބުނީ ފިރިމީހާގެ ފުރާނައަށް ވުރެ އޭނާއަށް އެއްވެސް އެއްޗެއް މުހިއްމު ނޫން ކަމަށެވެ. އަދި ފިރިމީހާގެ ފުރާނަ ސަލާމަތް ކުރުމަށް އޭނާގެ އަމިއްލަ ފުރާނައިން ގުރުބާން ވާން ވެސް ތައްޔާރަށް ހުރި ކަމަށް އޭނާ ބުންޏެވެ.
"އަހަރެން އެ ވަގުތު އަހަރެންގެ އަމިއްލަ ފުރާނައާ ދޭތެރެއަކު ނުވިސްނަން. އަހަރެން ވިސްނީ ފިރިމީހާގެ ފުރާނަ ސަލާމަތް ކުރުމަށް. ކޮންމެ ގޮތަކުން ނަމަވެސް ފިރިމީހާގެ ފުރާނަ ސަލާމަތްކުރުމުގެ އަޒުމުގައި އަހަރެން އެ ކިނބުލާ ކުރިމަތިލީ،" ވިމާލް ބާއީ ބުންޏެވެ.
މި ޚަބަރު ސޯޝަލް މީޑީއާގައި ދައުރުވުމުން ވިމާލް އަށް ތައުރީފުކޮށް ގިނަ ބަޔަކު ކޮމެންޓުކޮށްފައި ވެއެވެ. އަދި ވިމާލްގެ ހިތްވަރުގަދަކަން ފާހަގަކޮށް ސަރުކާރުން ޚާއްސަ އިނާމެއް އޭނާއަށް ދޭން ފެންނަ ކަމަށް ވެސް ބައެއް މީހުން ބުނެފައި ވެއެވެ.
ކިނބުލުގެ ކިބައިން ބަންނޭ ސިންގް ސަލާމަތްކުރުމަށްފަހު ވިމާލް އޭނާ ގޮވައިގެން ދިޔައީ އެ ހިސާބުގައި ހުރި ހޮސްޕިޓަލް އަކަށެވެ. ނަމަވެސް ބަންނޭގެ ފަޔަށް ލިބިފައިވާ އަނިޔާގެ ބޮޑުކަމުން އެތަނުން އެކަށީގެންވާ ފަރުވާ ދެވެން ނެތިގެން ވަރަށް ދުރުގައި ހުރި ބޮޑު ހޮސްޕިޓަލަށް ފިރިމީހާ ގޮވައިގެން ވިމަލް އަށް ދާން ޖެހުނެވެ.
ނަސީބަކުން ބަންނޭގެ ފަޔަށް އެކަށީގެންވާ ފަރުވާއެއް ލިބި އޭނާގެ ފުރާނަ ވަނީ ސަލާމަތް ވެފަ އެވެ. އަދި ފައި ވެސް މުޅިން ރަނގަޅު ވާނެކަމުގެ ޔަގީންކަން ޑޮކްޓަރުން ދީފައި ވެއެވެ.