ލައިފްސްޓައިލް

މަންމަ ޒޫމް ކޯލެއްގައި އިންދާ ކުޑަ ދަރިފުޅު އަތުން ބަޑިޖެހި މަރު

ވަރަށް ކުޑަ ކުއްޖަކު އަސްލު ބަޑިއެއް ގެންގުޅެނިކޮށް އެ ބަޑި ޖެހި އެ ކުއްޖާގެ މަންމަ މަރުވެއްޖެ އެވެ. އެމެރިކާގެ ފްލޮރިޑާގައި މި ހާދިސާ ހިނގިއިރު އެ ކުއްޖާގެ މަންމަ އިނީ އޮފީސް ބަޔަކާއެކު ޒޫމް ވީޑިއޯ ކޯލެއްގަ އެވެ. އެހެންވެ މި މަންޒަރު ވަރަށް ރީތިކޮށް އެ ވަގުތު އެ ކޯލުގައި ބައިވެރިވި އެންމެންނަށް ވެސް ވަނީ ފެނިފަ އެވެ.

އެމެރިކާގެ ނޫހަކުން ބުނި ގޮތުގައި މިދިޔަ ބުދަ ދުވަހު ހިނގި މި ހާދިސާގެ މަންޒަރުތައް ފެނުނު އެކަކު ވަގުތުން 911 އަށް ގުޅާފައި އެހީއަށް އެދުނު ނަމަވެސް ފުލުހުން އައިއިރު އަންހެން މީހާ އޮތީ މަރުވެފަ އެވެ.

ވީޑީއޯ ކޯލްގައި ތިބި މީހުން ބުނެފައިވާ ގޮތުގައި ޝަމާޔާ ލީން ނަމަކަށް ކިޔާ މި ޒުވާން އަންހެން މީހާ ވީޑިއޯ ކޯލްގައި އިނދެފައި ކުއްލިއަކަށް ފަހަތަށް ވެއްޓުނު ގޮތަކަށް ދެން ނުތެދުވި އެވެ. އެ މީހާ ވެއްޓުނު ގަޑީގައި ބަޑިއެއް ޖެހި އަޑު ކަހަލަ އަޑެއް އިވުނު ކަމަށް ވީޑީއޯ ކޯލްގައި އެވަގުތު ބައިވެރިވި މީހުން ބުނެފައިވެ އެވެ.

ފުލުހުން ބުނެފައިވަނީ އެމީހުން އައިސް އަންހެން މީހާ ޗެކް ކުރިއިރު އޭނާގެ ފުރާނައެއް ނެތެވެ. ބޮލަށް ވަޒަން އެރުމުގެ ގޮތުން ބޯ އޮތީ ވަރަށް ބޮޑަށް ޒަޚަމްވެފައި ކަމަށް ވެސް ފުލުހުން ބުނެފައިވެ އެވެ.

އެމެރިކާގައި ބަޑި ގެންގުޅުމަކީ ހުއްދަ ކަމެކެވެ. އެހެންވެ ވަރަށް ގިނަ ބަޔަކު އަމިއްލަ ބަޑި ގޭގަ އާއި ބޭރަށް ނުކުމެ އުޅޭއިރުވެސް ގެންދެ އެވެ. މި ޚަބަރު ކިޔާފައި އެމެރިކާގެ ގިނަ ބަޔަކު ބުނެފައިވަނީ އަދިވެސް ބަޑި ގެންގުޅުން މަނާ ކުރާކަށް ނުވޭހެއްޔޭ އެވެ.

ފުލުހުން ބުނި ގޮތުގައި ބަޑި ގެންގުޅުނަސް އެ ގެންގުޅޭ މީހުން މިހާ ފަރުވާ ކުޑަކޮށް ކުޑަކުދިންގެ އަތުޖެހޭ ހިސާބުގައި އެތަކެތި ނުބެހެއްޓުމަށް ސަމާލުކަން ދޭން ޖެހޭނެ ކަމަށެވެ. ގޭގައި މި ތަކެތި ބަހައްޓާނަމަ ތަޅުލާފައި ހުންނަ ތަންތަނަށް ލާ ރައްކާތެރިކޮށްފައި ބެހެއްޓުމަށެވެ.

އުމުރުން 21 އަހަރުގެ ޝަމާޔާގެ ފުރާނަ ވެސް ދިޔައީ އޭނާގެ އެޕާޓްމަންޓުގައި މީހަކު ބާއްވާފައި އޮތް ބަޑިއެއްގެ ސަބަބުންކަން ފުލުހުން ފާހަގަކޮށްފައިވެ އެވެ. މި ބަޑިއަކީ ޝަމާޔާގެ ދެ ދަރިންގެ ބައްޕަގެ އެއްޗެކެވެ. އެމީހާ ގޭތެރޭގެ ތަނަކަށް އެ ބަޑި އެއްލާލާފައި އޮއްވާ ޝަމާޔާގެ ކުޑަ ދަރިފުޅު އެ ނަގައިގެން ކުޅެނިކޮށް ބަޑި ޖެހުނީ އެވެ.

މި ހާދިސާގައި ޝަމާޔާގެ ކުޑަ ދެކުދިންނަކަށް އެއްވެސް އަނިޔާއެއް ނުވެ އެވެ.

ފުލުހުން ބުނި ގޮތުގައި ފަރުވާ ކުޑަކޮށް އެކި ތަންތަނަށް ބަޑި އެއްލާލާފައި ބޭއްވުމުގެ ސަބަބުން އެމެރިކާގައި ކޮންމެ އަހަރަކު އެތަކެއް މައުސޫމް މީހުންގެ ފުރާނަތައް ގެއްލޭ ކަމަށެވެ.