ތިލަމާލެ ބްރިޖު އެޅުމަށް ހަވާލުކޮށްފައިވާ އިންޑިއާގެ އެފްކޮންސް ކުންފުނި ވިއްކާލަން އުޅޭކަން ސަރުކާރަށް ނާންގާ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މުހައްމަދު މިއަދު ވިދާޅުވެއްޖެ އެވެ.
ރައީސް އޮފީހުގައި މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމެއްގައި މިއުވާން ވިދާޅުވީ އެފްކޮންސް ވިއްކާލުމާއި ގުޅޭ ގޮތުން ދިވެހި ސަރުކާރަށް މައުލޫމާތު ހިއްސާކޮށްފައިނުވާ ކަމަށެވެ.
"ރޭގަވެސް އަޅުގަނޑު ޗެކްކޮށްލިއިރު އެކަމާ ގުޅޭ ގޮތަކުންނެއް ސީދާ ދިވެހި ސަރުކާރާއެއްކޮށް އެ ބޭފުޅުން މައުލޫމާތު ހިއްސާކުރައްވާފައިނުވޭ،" މިއުވާން ވިދާޅުވި އެވެ.
އެފްކޮންސް ކުންފުނި ވިއްކާލުމަކީ ރާއްޖޭގައި ހިންގާ މަޝްރޫއުތަކަށް އަސަރުކުރާނެ ކަމެއް ނޫން ކަމަށްވެސް މިއުވާން ވިދާޅުވި އެވެ.
"އެފްކޮންސްގެ ޕޭރަންޓް ކުންފުނިން އެފްކޮންސްގެ ހިއްސާ އެހެން ބަޔަކަށް ބަދަލުކުރުމަކީ އެ ކުންފުނިން ކުރަމުން އަންނަ މަސައްކަތަށް އެއްވެސް ކަހަލަ ބުރުލެއް އަރާނެ ކަމެއް ނޫން. އެ ކުންފުންޏާއި ދިވެހި ސަރުކާރާއެކު ވެފައިވާ އެއްބަސްވުން ހަމަ އޮންނާނެ. އެ ކުންފުންޏާއި ކުރަމުންދާ މަސައްކަތްތައް ކުރިއަށްދާނެ،" މިއުވާން ވިދާޅުވި އެވެ.
މިއުވާން ވިދާޅުވީ ކުންފުނިތައް ވިއްކުމަކީ އާންމު ކަމެއް ކަމަށާއި ދުނިޔޭގެ ބޮޑެތި ހޯލްޑިން ކުންފުނިތަކުން އެ ކުންފުނިތަކުގެ ދަށުގައި ހުންނަ ސަބްސިޑަރީ ކުންފުނިތަކާއި އެސެޓްތައް ވިއްކާ ކަމަށެވެ.
އެފްކޮންސް ކުންފުންޏަކީ އިންޑިއާގެ ބިލިއަނަރެއް ކަމުގައިވާ ޝާޕޫރު މިސްޓްރީގެ ޝާޕޫރުޖީ ޕަލޯންޖީ (އެސްޕީ)ގެ ދަށުން ހިންގަމުންދާ ކުންފުންޏެކެވެ.
މިއުވާން ވިދާޅުވީ އެފްކޮންސް ކުންފުނީގެ ބެލެނިވެރި ކުންފުނިން، އެފްކޮންސް ވިއްކާލަން އުޅޭކަން މީޑިއާތަކުން ފެނިވަޑައިގެންނެވި ކަމަށެވެ.
އެފްކޮންސް އިން ރާއްޖޭގައި ހިންގަމުންދާ މަޝްރޫއުތަކަށް އެކަނިވެސް ގާތްގަނޑަކަށް 10 ބިލިއަން ރުފިޔާ ދިވެހި ސަރުކާރުން ހަރަދުކުރާނެ އެވެ. އެއީ ބްރިޖުގެ މުޅި މަޝްރޫއަށް ގާތްގަނޑަށް އަށް ބިލިއަން ރުފިޔާއާއި އައްޑޫ މަގު ހެދުމަށް ގާތްގަނޑަކަށް ދެ ބިލިއަން ރުފިޔާ އެވެ.
އިންޑިއާގެ ބައެއް ނޫސްތަކުގައި ރިޕޯޓްކޮށްފައިވާ ގޮތުން އެސްޕީއަށް ދިމާވެފައިވާ މާލީ މައްސަލަތަކާ ގުޅިގެން ވިއްކާލުމަށް މަސައްކަތް ކުރަމުންދަނީ އެފްކޮންސްގެ އިތުރުން އެސްޕީ ގުރޫޕުން އިންޑިއާގައި ހިންގާ ގޯޕާލްޕޫރު ޕޯޓެވެ.
ވިއްކާލަން މަސައްކަތް ކުރަނީ ގާތްގަނޑަކަށް ދެ ބިލިއަން ޑޮލަރުގެ އެސެޓް ކަމަށް ރިޕޯޓްތައް ބުނެ އެވެ.
މާލީ ހިސާބުތަކަށް ބަލާއިރު ގާތްގަނޑަކަށް 30 ބިލިއަން ރުފިޔާގެ އެސްޕީއަށް ދިމާވެފައިވާ މާލީ މައްސަލަތަކާ ގުޅިގެން މިދިޔަ އަހަރުވެސް އެ ކުންފުނީގެ އެސެޓްތަކެއް ވިއްކާލާފައިވެ އެެވެ.
އެފްކޮންސް ވިއްކާލުމުގެ ވާހަކަތަކެއް ފެންމަތިވެފައި މިވަނީ އިންޑިއާ އަދި ރާއްޖޭގައި އެ ކުންފުނިން ކުރިއަށް ގެންދާ މަޝްރޫއުތަކުގައި މަސައްކަތް ކުރާ މުވައްޒަފުންނަށް މުސާރަ ނުދޭ މައްސަލަތަކެއް ފެންމަތިވެ އެ މީހުން އިހްތިޖާޖުތަކެއްވެސް ކޮށްފައިވަނިކޮށެވެ. އެފްކޮންސް އިން ދިވެހި ދައުލަތަށް ދައްކަންޖެހޭ 69 މިލިއަން ރުފިޔާގެ ޖޫރިމަނާވެސް އަދި އޮތީ ނުދައްކަ އެވެ.
ރާއްޖޭގައި އެފްކޮންސް އިން ކުރިއަށް ގެންދާ މަޝްރޫއުތަކުގެ ސްޕީޑް ވަރަށް ބޮޑަށް ލަސްވެފައިވާތީ އެ ކުންފުންޏަށް ރާއްޖޭގައި އަބަދުވެސް ފާޑުކިޔުންވެސް އޮވެ އެވެ.