ތިލަމާލެ ބްރިޖް އެޅުމަށް ބޭނުންކުރި ޕްލެޓްފޯމް ވިލިމާލެ ފަރަށް އަރައި ބޮޑެތި ގެއްލުންތަކެއް ލިބިފައިވާތީ ވަކި ގައުމެއްގެ ވަކި ކުންފުންޏަކަށްވީތީ ފިޔަވަޅު އެޅުމުގައި ހާއްސަ އުސޫލުތަކެއް ނުގެންގުޅޭނެ ކަމަށް ސަރުކާރުން ބުނެފި އެވެ.
ރައީސް އޮފީހުގެ ތަރުޖަމާން މިއުވާން މުހައްމަދު މިއަދު ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވިދާޅުވީ ގާނޫނާއި ގަވައިދުތަކާ އެއްގޮތަށް އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ [އީޕީއޭ] އިން ފިޔަވަޅުތައް އަޅަމުންދާނެ ކަމަށެވެ.
"އަޅުގަނޑު ކުރިން ދެންނެވިހެން ވަކި ގައުމެއްގެ ވަކި ކުންފުންޏަކަށްވީތީ ވަކި ހާއްސަ އުސޫލުތަކެއް ނޯންނާނެ. ކަނޑައެޅިފައިވާ ގާނޫނީ އިމުގެ ތެރެއިން ފިޔަވަޅެއް އަޅާކަމަށްވާނަމަ އެ ފިޔަވަޅެއްވެސް އަޅާނެ. އީޕީއޭ އިން އެބައި ކުރިއަށް ގެންދަވާނެ" މިއުވާން ވިދާޅުވި އެވެ.
އޭނާ ވިދާޅުވީ ތިމާވެށީގެ މައްސަލަތަކުގައި ފިޔަވަޅު އެޅުމަކީ އީޕީއޭއިން ކުރާ ކަމަކަށްވާތީ ފިޔަވަޅު އަޅާނެ ސީދާ ތާރީހެއް ދަންނަވަން ދަތި ކަމަށެވެ.
ތިލަމާލެ ބްރިޖް އެޅުމަށް އިންޑިއާގެ އެފްކޮންސް ކުންފުނިން ބޭނުން ކުރާ ޕްލެޓްފޯމް ފަރަށް އެރީ އޮގަސްޓް މަހުގެ 16 ވަނަ ދުވަހު އެވެ.
މި ހާދިސާގައި ތިން މީހަކަށް އަނިޔާވެސްވި އެވެ. ފަރަށް އެރިތާ 11 ދުވަސް ފަހުން ޕްލެޓްފޯމް މިދިޔަ އޮގަސްޓް މަހުގެ 27 ވަނަ ދުވަހު ނެގީ ޕްލެޓްފޯމް ފުންކުރުން ލަސްވެ އާންމުން ވަރަށް ބޮޑަށް ފާޑުކިޔަމުން ދަނިކޮށެވެ.
އެއްވެސް ބާވަތެއްގެ މައްސަލައެއްގައި ވަކި ގައުމެއްގެ ކުންފުންޏަކަށްވީތީ ހާއްސަ އުސޫލެއް ނުގެންގުޅޭނެ ކަމަށް ރައީސް އޮފީހުގެ ތަރުޖަމާނު މިއުވާން މީގެ ކުރިންވެސް ވިދާޅުވެފައިވެ އެވެ.
ފަރަށް ލިބުނު ގެއްލުންތައް ހާމަވީ އީޕީއޭގެ ޓީމެއް އެ ސަރަހައްދަށް ފީނައިގެން ނެގި ފޮޓޯތައް އާންމުކުރުމުންނެވެ.
އީޕީއޭ އިން އާންމުކުރި ފޮޓޯތަކުގައި ފަރުގައި ހެދިފައިވާ ބޮޑެތި ހަތަރު ވަޅުގަނޑު ފެނެ އެވެ. އީޕީއޭ އިން ލަފާކުރާ ގޮތުގައި ފަރަށް ގެއްލުން ލިބިފައިވަނީ ޕްލެޓްފޯމުގެ ފައިތައް ނުވަތަ "އެންކާ ސްޕަޑް" ތަކުންނެވެ. ފަރުގައި ހެދިފައިވާ ވަޅުގަނޑުގެ ތެރެއިން އެއްވަޅުގަނޑު ފެންނަނީ މާބޮޑަށް ވެސް ފުންކޮށެވެ.
ބްރިޖާއި ކޯޒްވޭ ހިމެނޭ ގޮތަށް ހަދަން ނިންމާފައިވާ ގާތްގަނޑަކަށް 6.695 ކިލޯ މީޓަރުގެ ބްރިޖު މަޝްރޫއަށް ފަންޑު ކުރަނީ އިންޑިއާ ސަރުކާރުން ނެވެ. ތިލަމާލެ ބްރިޖު އަޅަނީ އިންޑިއާގެ 100 މިލިއަން ޑޮލަރުގެ ހިލޭ އެހީ އާއި އެ ގައުމުގެ އެގްޒިމް ބޭންކުން ދޫކުރާ 400 މިލިއަން ޑޮލަރުގެ ލޯނު ފައިސާއިން ނެވެ. ދިވެހި ރުފިޔާ އިން ނަމަ މުޅި މަޝްރޫއަށް 7.7 ބިލިއަން ރުފިޔާ ވަރު ހަރަދުކުރާނެ އެވެ.