ލ. ގަމު ކައުންސިލުން ނިންމި ގޮތަށް ގޯތީގެ ސައިޒު ބޮޑުކޮށް 400 ގޯތީގެ ރަޖިސްޓްރީ ދޭން އެ ކައުންސިލުން ނިންމާ އެކަން ސަރުކާރަށް އަންގައިފި އެވެ.
ލ. ގަމުން ދޫކުރަން ކުރިން އިއުލާނުކުރީ 2،000 އަކަފޫޓުގެ ގޯއްޗެވެ. ނަމަވެސް އެ ރަށު ކައުންސިލުން ފަހުން ނިންމީ 4،000 އަކަފޫޓުގެ ގޯތި ދޫކުރުމަށެވެ.
ގަމު ކައުންސިލުގެ ރައީސް އަހުމަދު ޒަކީ ޕްލޭނިން މިނިސްޓްރީއަށް ފޮނުވި ސިޓީގައި ވަނީ އެ ރަށުން ދޫކޮށްފައިވާ 400 ގޯތީގެ ސައިޒު ބޮޑުކުރަން ކައުންސިލުން ނިންމުމުން އެކަމުގެ ހުއްދަ ހޯދުމަށް މިނިސްޓްރީގެ އިތުރުން ކަމާގުޅޭ އިދާރާތަކުގައި އެދިފައިވާކަން ފާހަގަކޮށްފަ އެވެ.
މީގެ އިތުރުން އެ ގޯތިތައް ކައުންސިލުން ނިންމާފައިވާ ގޮތަށް ދޫކުރަމުންދާނެކަން މި ސިޓީގައި އަންގާފައިވެ އެވެ.
މި ސިޓީ ވަނީ ރައީސް އޮފީހާއި މޯލްޑިވްސް ލޭންޑް އެންޑް ސާވޭ އޮތޯރިޓީގެ އިތުރުން ހައްދުންމަތީ އަތޮޅު ކައުންސިލް އިދާރާއަށް ކޮޕީކޮށްފަ އެވެ.
ގޯތި ދޫކުރުން ލަސްވުމުން އިއްޔެ ގަމުގައި ވަނީ މުޒާހަރާކޮށްފަ އެވެ.
މުޒާހަރާކުރި މީހުން އެދިފައިވަނީ މިހާރު ދޫކޮށްފައިވާ ގޯތީގެ ރަޖިސްޓްރީ ހަވާލުކޮށް ގޯއްޗަށް އެދޭ އެހެން މީހުންނަށް އެ ފުރުސަތު އަލުން ހުޅުވާލުމަށް އިއުލާނުކުރުމެވެ.