ހަބަރު

ކޯލިޝަން ރޫޅިއްޖެ! ދެން ތެދުވާނީ ގާނޫނު އަސާސީގެ ދިފާއަށް: ޖޭޕީ

Jan 24, 2015

ޖުމްހޫރީ ޕާޓީ (ޖޭޕީ) އާއި ޕީޕީއެމް ކޯލިޝަން ރަސްމީކޮށް ރޫޅާލަން ޖުމްހޫރީ ޕާޓީގެ ގައުމީ ހިންގާ ކޮމެޓީން ނިންމައި އެކަން ރަސްމީކޮށް އިއުލާންކޮށްފި އެވެ.

ޖޭޕީގެ ހިންގާ ކޮމެޓީގެ ނިންމުން މިއަދު އާއިރު މީގެ ކުރިން އެ ކޯލިޝަން ރޫޅިފައިވާ ކަމަށް ޕީޕީއެމާއި އެޕާޓީގެ ބައެއް އިސްވެރިން ވަނީ އިއުލާންކޮށްފައެވެ ނަމަވެސް ޖޭޕީން މިހާތަނަށް ބުނަމުން އައީ ކޯލިޝަން އުވިގެން ނުދާ ކަމަށެވެ.

މިއަދު ޖޭޕީން ބޭއްވި ބައްދަލުވުމަށްފަހު ނޫސްވެރިންނަށް މައުލޫމާތު ދެއްވަމުން ޖޭޕީގެ ނައިބު ރައީސް އަދި ވީޓީވީ އާއި ވީއެފްއެމާއި ވީނިއުސް ހިންގާ ވީމީޑީއާގެ ޗެއާމަން އަމީން އިބްރާހިމް ވިދާޅުވީ ޕީޕީއެމާއި ޖޭޕީ ގުޅިގެން ސަރުކާރެއް ގެނާއިރު އެ ސަރުކާރު ގެނައުމަށްވި ކޯލިޝަން އެގްރީމެންޓާ ޕީޕީއެމުން ހިލާފުވެ އެކި ގޮތްގޮތަށް އަމަލު ކުރަމުން ގޮސް ކޯލިޝަން އެގްރިމެންޓް ރޫޅިފައިވާކަމަށް ޕީޕީއެމުން ބުނަމުން އަންނަކަން އެއީ ސިއްރެއް ނޫން ކަމަށާއި ނަމަވެސް މިހާތަނަށް ރަސްމީކޮށް އުވާލެވިފައި ނުވާ އެ އެގްރިމެންޓް ޖޭޕީގެ ގައުމީ ހިންގާ ކޮމެޓީގެ އިއްތިފާގުން މިއަދު އުވާލާފައިވާ ކަމަށެވެ.

އަދި ވިދާޅުވީ އަމީން ވިދާޅުވީ ކޯލިޝަންގައި ޖޭޕީގެ ސްލޮޓްތަކުގައި ސަރުކާރުގައި ތިއްބެވި ސިޔާސީ ބޭފުޅުން ވެސް ވަނީ މަގާމުން ވަކިކޮށްފައިވާ ކަމަށައި އެހެން ނަމަވެސް މިއަދާ ހަމައަށް ވެސް ޖޭޕީން ބުނަމުން އައިސްފައި ވަނީ ކޯލިޝަނުން ވަކިވެފައިވާ ކަމަށް ޕީޕީއެމުން ބުންޏަސް އެކަން ގަބޫލު ނުކުރާ ކަމަށެވެ.

އަމީން ވިދާޅުވީ އިހުލާސްތެރި ކަމާއެކު ޖޭޕީއާއި ޕީޕީއެމުން ގެނައި ސަރުކާރާއެކު މިހާތަނަށް އާއިރު ގާނޫނާއި ގަވައިދުތަކާ ހިލާފު އަދި ގާނޫނުގެ ރޫހާ ހިލާފަށް އެތައް ކަމެއް ސަރުކާރުން ކުރަމުންދާއިރު މިހާރު އޮތީ ޕީޕީއެމްގެ ސަރުކާރެއްތޯ ނުވަތަ ޕީއޭގެ ސަރުކާރެއްތޯ ސުވާލު އުފެދިފައިވާ ކަމަށެވެ.

އޭނާ އަދި ވިދާޅުވީ ގާނޫނު އަސާސީ އައި ގާނޫނުގެ ވެރިކަން ދަމަހައްޓާ ނެގެހެއްޓުމަށް އެޕާޓީއާ ގުޅިގެން މަސައްކަތް ކުރަން ބޭނުންވާ ހުރިހާ ފަރާތްތަކާއެކު މަސައްކަތް ކުރުމަށާއި އެކަންކަމަށް ކުރަންޖެހޭ ހުރިހާ ކަމެއް ވަގުތުން ވަގުތަށް ކުރުމުގެ އިހުތިޔާރާއި ބާރުވެސް ޕާޓީގެ ލީޑަރު ގާސިމް އިބްރާހީމަށް އަރުވާން ގައުމީ ހިންގާ ކޮމެޓީން މިއަދު ނިންމާފައިވާ ކަމަށެވެ.

ޕީޕީއެމްގެ ކޯލިޝަނުން ވަކިވުމަށް ޖޭޕީން ނިންމި ކޯލިޝަން ރޫޅިފައިވާ ކަމަށް ޕީޕީއެމްގެ ނައިބް ލީޑަރު އަދި ޓޫރިޒަމް މިނިސްޓަރު އަހްމަދު އަދީބް ވަނީ މިދިޔަ އަހަރުގެ މެއި މަހުގެ 28 ވަނަ ދުވަހު މީޑިއާގައި ވިދާޅުވެފަ އެވެ. އޭގެ ފަހުން ޕީޕީއެމްއާއި ޖޭޕީ ގުޅިގެން ރަސްމީ މަސައްކަތްތައް ކުރިޔަށް ގެންދާން މަޝްވަރާތައް ކުރާނެ ކަމަށް ޕީޕީއެމްގެ ރައީސް މައުމޫން އަބްދުލް ގައްޔޫމާއި ރައީސް އަބްދުﷲ ޔާމީން ވެސް ވަނީ ވިދާޅުވެފައެވެ.