މޯލްޑިވްސް ކަސްޓަމްސް ސާވިސް

އިތިއޯޕިއާ އިން ރާއްޖެ އައި އިންޑިއާ މީހެއްގެ އަތުން ފަސްކިލޯގެ ޑްރަގު އަތުލައިގެންފި

Apr 13, 2023

ވައިގެ މަގުން އިތިއޯޕިއާ އިން ރާއްޖެ އައި އިންޑިއާގެ ފަސިންޖަރެއްގެ ލަގެޖުން މަސްތުވާތަކެތި ކަސްޓަމްސް އިން އަތުލައިގެންފި އެވެ.

ކަސްޓަމްސް އިން ބުނީ މި ތަކެތި އަތުލައިގަނެވުނީ ވައިގެމަގުން ގިނަ އަދަދެއްގެ މަސްތުވާތަކެތި ރާއްޖެއަށް އެތެރެކޮށްފާނެ ކަމަށް ކަސްޓަމްސްއަށް ލިބުނު އިންޓެލިޖެންސް މައުލޫމާތަކާ ގުޅިގެން އިއްޔެ އިތިއޯޕިއާ އިން ރާއްޖެ އައި އިންޑިއާގެ އުމުރުން 56 އަހަރުގެ އަންހެން ފަސިންޖަރަކު ހުއްޓުވައި، ބަލައި ފާސްކުރުމުގެ ތެރޭގައި ކަމަށެވެ.

ބަލައި ފާސްކުރުމުގެ ތެރޭގައި މަސްތުވާތަކެތި ކަމަށް ޝައްކު ކުރެވޭ ތަކެތި ފެނުމުން، އެ ތަކެތި ފުރަތަމަ މަރުހަލާގައި ތަހުލީލުކުރިއިރު، އަތްދަބަހުން ފެނުނު ތަކެތި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ކޮކެއިން އަށް އަދި ލަގެޖުން ފެނުނު ތަކެތި މަސްތުވާތަކެތީގެ ބާވަތެއް ކަމަށްވާ ހެރޮއިން އަށް ޕޮޒިޓިވް ވެފައިވާ ކަމަށް ކަސްޓަމްސް އިން ބުނެ އެވެ.

އަންހެން މީހާގެ އަތްދަބަހާއި ފޮށީގައި ރައްކާކޮށްފައި ހުރި 1.180 ކިލޯ ކޮކެއިން އަދި 4.2 ކިލޯ ހެރޮއިން އާއެކު ޖުމްލަ 5.380 ކިލޯގެ މަސްތުވާތަކެތި އަތުލައިގަނެވެވުނު ކަމަށްވެސް ކަސްޓަމްސް އިން ބުނެ އެވެ. މިތަކެތީގެ މަގުމަތީ އަގު ނުވަ މިލިއަން ރުފިޔާއަށް ވުރެ މަތިވާނެ ކަމަށް ލަފާކުރެވެ އެެވެ.

މި މައްސަލަ އިތުރަށް ތަހުގީހުކުރުމަށްޓަކައި ފަސިންޖަރާއި އޭނާގެ އަތުން އަތުލައިގަނެވުނު މަސްތުވާތަކެތި މިހާރު ވަނީ ފުލުހުންނާ ހަވާލުކޮށްފަ އެވެ.