ލައިފްސްޓައިލް

އަވަހަށް ހިކޭނެ ކަމަށް ހީކޮށް ޖިމަށް ދާނެ ކަމެއް ނެތް!

ބައެއް މީހުންނަކީ ޖިމް ޖައްސާނުލެވެނީސް ލޮލަށް ނިދި ވެސް ނާންނަ މީހުންނެވެ. ރޭނގަނޑު ވަކި އެއްޗެއް ނުވަތަ މާ ގަދަ އަށް ކައިލެވިއްޖެކަމުގެ އިހްސާސްކުރެވިއްޖެ ނަމަ އެ ހުރިހާ އިހްސާސެއް ބޭރުކޮށްލަން ބޭނުންވަނީ ޖިމަށެވެ.

ނުވަތަ ބައެއް މީހުންނަކީ ފަތިސް ނަމާދަށް ގަވާއިދުން ނުހޭލެވުނަސް، ފަހެއް ޖަހާއިރަށް ނުވަތަ ފަސްގަޑިބަޔަށް ޖިމަށް ދާން ހަނދާން ހުންނަ، މީހަކު ނުގޮވިޔަސް އަދި ގަޑިއެއް ވައްވައްނުޖެހިޔަސް ހޭލެވޭ މީހުންނެވެ.

އެކަމަކު އެނގޭ ހެއްޔެވެ؟ ގައިގައި ޖަހާފައި ތިޔަހުރި ސަރުބީތައް އަވަހަށް އަންދާލުމުގެ ބޭނުމުގައި ހަތަރު ދަޅައަށް ޖިމަށް ދިޔަޔަސް ކުރާނެ މާ ބޮޑު ކަމެއް ނުވަތަ ފައިދާއެއް ނެތެވެ. މިކަން ހޯދާފައި ވަނީ އެމެރިކާގެ ސިޓީ ޔުނިވާސިޓީ އޮފް ނިއު ޔޯކްގެ ސައިންސްވެރިންގެ ޓީމަކުންނެވެ.

މި ޓީމުން 300 އަށް ވުރެ ގިނަ އަންހެނުންނާއި ފިރިހެނުން ބޭނުންކޮށްގެން ކުރިއަށް ގެންދިޔަ މި ދިރާސާއިން އެނގުނު ގޮތުގައި ގިނައިރު ޖިމުގައި ހޭދަކޮށް ގިނަ ވަގުތު ކަސްރަތުކުރުމަކީ އެއިން ހަގީގީ ފައިދާއެއް ފެންނަ ކަމެއް ނޫނެވެ. ނުވަތަ ޖިމުގައި ކަސްރަތުކުރަން އެ ހޭދަކުރާ ވަގުތާ އެއްވަރަކަށް ކެލޮރީސް އަނދައިގެނެއް ނުދެ އެވެ.

އެހެން ނަމަވެސް ސޯފާއަށް ވެއްޓިގަނެގެން ޕޮޓޭޓޯ ޗިޕްސްގައި ވަޅުލެވިގެން އޮންނަ މީހަކާ އަޅާބަލާއިރު ޖިމުގައި ގިނަ ވަގުތު ހޭދަކުރާ މީހާ އަށް ކުރި ލިބެ އެވެ. އެގޮތުން ގިނަ އިރު ކަސްރަތުގައި ހޭދަނުކުރާ މީހާ އަށް ވުރެ ކަސްރަތުގައި ގިނައިރު ހޭދަކުރާ މީހާ ދުވާލަކަށް 200 ލެރޮރީސް އިތުރަށް އަންދަ އެވެ.

އެކަމަކު މިއީ ޖިމުގައި ކައްކާ ދަލާ އެއްވަރުގެ ނަތީޖާއެއް ނޫނެވެ. މި ދިރާސާއެއްގައި އިސްކޮށް ބައިވެރިވި ލީޑް ސައިސްޓިސްޓް ޑޮކްޓަރު ހާމަން ޕޮންޒާ ވިދާޅުވެފައި ވަނީ ބަރުދަން ލުއިކުރަން ނުވަތަ ކޮންޓްރޯލްކުރަން ބަލާއިރު އެކަން ކާމިޔާބުކުރުމަށް ބޭނުންވާ ހަމައެކަނި އެއްޗަކީ ގިނަ ވަގުތުގެ ކަސްރަތު ނޫން ކަމަށެވެ.

ޕޮންޒާގެ ޓީމުން ގާތްގަނޑަކަށް ހަފުތާއަކަށ ްކުރިއަށް ގެންދިޔަ ދިރާސާއިން އެނގުނު ގޮތުން ބަރުދަން ލުއިކުރުމުގެ ރޭހުގައި ނުވަތަ ސަރުބީ އެންދުމުގެ ރޭހުގައި ކުރި ލިބެނީ އާދައިގެ ކަސްރަތަށް ދިރިއުޅުން ފައްތާލައިގެން އުޅޭ މީހުންނަށެވެ. މިސާލަކަށް ސައިކަލުގައި ނުވަތަ ކާރެއްގައި އޮފީހަކަށް ދިއުމުގެ ބަދަލުގައި ގަވާއިދުން ހިނގާލާފައި އުޅޭ މީހުންނާއި ލިފްޓްގެ ބަދަލުގައި ގަވާއިދުން ސިޑި ބޭނުންކުރާ މީހުންނަށް ލިބޭ ފައިދާ ޖިމަށް ގޮސް ކުރާ ކަސްރަތަށް ވުރެ ބޮޑެވެ.

އަދި މިހެން އުޅެލާފައި ހަފުތާއަކު އެއްފަހަރު ޖިމަށް ގޮސް ގަދަ އަށް ޖިމް ޖައްސާލީމަ އެ ނުކުންނަ ނަތީޖާ ވެސް ތަފާތު ކަމަށް ދިރާސާ އިން އެނގިފައިވެ އެވެ.

ޕޮންޒާގެ ޓީމުގެ މި ދިރާސާ ރިޕޯޓް އާންމުކޮށްފައި ވަނީ މެޑިކަލް ޖާނަލްއެއްކަމުގައިވާ ކަރަންޓް ބަޔޮލޮޖީގަ އެވެ. އޭގައި ސައިންސްވެރިން ފާހަގަކޮށްފައިވާ އެންމެ މުހިންމު ނުކުތާ އަކީ ހިކެން މަސައްކަތްކުރާއިރު ކެއުން ވަކި ގޮތަކަށް ކޮންޓްރޯލްނުކޮށް ހަމައެކަނި ޖިމުން އެބައި ހަމަޖައްސާނުލެވޭނެ ކަމެވެ.

ދުވާލު ދެ ދަޅަށް ޖިމަށް ގޮސް ކަސްރަތުކޮށްގެން އަވަހަށް ހިކުމުގެ ފުރުސަތެއް ނެތް ކަމަށް ސައިންސްވެރިން ބުންޏަސް ކަސްރަތުކުރުމަކީ އޭގެ ސަބަބުން ހަށިގަނޑަށް ނިކަން ގިނަގުނަ ފައިދާތަކެއް ކުރާ ކަމެއްކަން ހަނދާނުގައި ބަހައްޓަން ޖެހެ އެވެ.