ހަބަރު

އަމާނުﷲ ގެ މަރުގެ މައްސަލާގައި ހައްޔަރުކުރި ޑްރައިވަރުގެ ބަންދަށް 7 ދުވަސް

ގދ. ފަރެސްމާތޮޑާގައި ލޯޑަރެއް ދަށުވެ ސީރިއަސް ޒަހަމްތަކެއް ލިބުނު އަމާނުﷲ ގެ މަރުގެ މައްސަލާގެ ތަހުގީގަށް ހައްޔަރުކުރި ޑްރައިވަރުގެ ބަންދަށް ހަތް ދުވަސް ޖަހައިފި އެވެ.

ހާދިސާގެ ތަހުގީގަށް ހައްޔަރުކޮށްފައިވަނީ އެ ހާދިސާ ހިނގި ވަގުތު ލޯޑަރު ދުއްވަން އިން ދިވެހި ޑްރައިވަރެވެ. އޭނާގެ ބަންދަށް ކޯޓުން ހަތް ދުވަސް ދީފައި ވަނީ މިއަދު އެވެ. ފުލުހުން ވަނީ އެކަން ކަށަވަރުކޮށްދީފަ އެވެ.

ކުއްޖާ ލޯޑަރު ދަށުވި މައްސަލާގައި ޑްރައިވަރު ހައްޔަރުކޮށްފައިވާއިރު ހާދިސާ ހިނގިއިރުގެ މަންޒަރު ދުށް ފަރާތްތަކާ ހަވާލާދީ ފަރެސްމާތޮޑާ ކައުންސިލްގެ ރައީސް އަބްދުﷲ ސައީދު ވިދާޅުވީ، ލޯޑަރު ދުއްވާލިއިރު އެކުއްޖާ އޮތީ އޭގެ ދަތްގަނޑު ތެރެއަށް އެރި ކަމަށެވެ. އަދި ހާދިސާ ހިނގި އިރު ލޯޑަރު ދުއްވަން އިން މީހާއަށް ކުއްޖާ ނުފެންނަ ކަމަށެވެ.