ލައިފްސްޓައިލް

ހިޕޯއެއްގެ އަތުން ފުރާނަ ސަލާމަތްވީ ކިރިޔާ

ހިޕޯޕޮޓެމަސް (ހިޕޯ)އެއްގެ އަނގައިގެ ތެރެއިން މީހަކު ހަނި ގޮތަކަށް ސަލާމަތްވެއްޖެ އެވެ.

ދިރިހުއްޓާ އޭނާ ސަލާމަތްކުރެވުނުއިރު ހިޕޯ ވަނީ އެ މީހާ ތިން ފަހަރެއްގެ މަތިން ދިރުވާލަން މަސައްކަތް ކޮށްފަ އެވެ. މީގެން ކޮންމެ ފަހަރަކު ވެސް އޭނާ އަށް އެސޮރުގެ އަނގައިގެން ތެރެއިން ނުކުމެވެނީ އެ ސޮރު ކޮއްޕާ ނެރުނީމަ އެވެ. އަނގައިން ބޭރުކޮށްލުމަށްފަހު އަނެއްކާވެސް ކާލަނީ އެވެ. އެގޮތުން އެމީހާގެ ސަލާމަތްވީ ތިން ފަހަރު ކާލަން އުޅެނިކޮށް އޭނާގެ ރައްޓެއްސަކު ވަރަށް ހިތްވަރާއެކު މަސައްކަތް ކޮށްގެންނެވެ. އެ ވަގުތު އޭނާ އައިސް ސަލާމަތްކުރަން މަސައްކަތް ނުކުރިނަމަ ހިޕޯގެ އެ ދުވަހުގެ ކެއުމަކަށް އެމީހާ ވީހެވެ.

ޕޯލް ޓެމްޕްލާ އަކީ ކުރިން އެފްރިކަން ޓުއާ ގައިޑެއްގެ ގޮތުގައި މަސައްކަތް ކުރި މީހެކެވެ. އޭނާ ހުރީ މިފަދަ ހިޕޯގެ ހަމަލައެއް ކުރިމަތިވެއްޖެނަމަ ކަންކުރާނެ ގޮތް ދަސްކޮށްފަ އެވެ. ނަމަވެސް އޭނާއަށް ހިޕޯގެ ހަމަލައެއް ހަގީގަތުގައި ކުރިމަތިވީ ފަހަރު ދަސްކޮށްފައި ހުރި އެއްވެސް އެއްޗެއް މަސައްކަތެއް ނުކުރި އެވެ.

"އާއްމުގޮތެއްގައި ހިޕޯއެއް ހަމަލަ ދޭން އަންނަނަމަ މާ ކުރިއްސުރެ އެ ސޮރު އަންނަތަން ފެންނާނެ. އެ ސޮރު އަންނައިރު ރާޅުބާނި ވެސް ހުންނާނީ އެހެން ގޮތަކަށް. އެހެންވެ ހިޕޯއެއް އެބަ އަންނަކަން އެނގޭއިރު ފެންގަނޑުގައި ބާރު ބާރަށް އަތުން ތަޅަން ފެށުމުން 100 ފަހަރަކުން 99.9 ފަހަރު އެ ސޮރު އެނބުރި އައިކޮޅަށް ދާނެ،" ޓެމްޕްލާ ބުންޏެވެ.

އޭނާ އިތުރަށް ބުނި ގޮތުގައި ކެނޯ އެއް ފަދަ އެއްޗެއް މަތީގައި އިންދާ ހިޕޯއެއް ހަމަލަދިނުމުގެ ސަބަބުން ފެންގަނޑު ތެރެއަށް ވެއްޓިއްޖެނަމަ އެ ކެނޯ އާ ނުވަތަ އަރައިގެން އިން އެއްޗާ ވީހާވެސް ދުރަކަށް ދާން ޖެހޭނެ އެވެ. އެއީ އެސޮރުގެ ހަމަލަ ދެން އެންމެ އަވަހަށް އަމާޒުކުރާނީ ބޮޑު އެއްޗާ ކަމަށް ވާތީ އެވެ.

ނަމަވެސް ޓެމްޕްލާގެ ނަސީބު ދެރަކަމުން އެ ދުވަހު ފެންގަނޑުގައި ބާރަށް ތަޅާ ތަޅާ ވެސް ހިޕޯ އަނބުރާލާފައި ދާގޮތެއް ނުވި އެވެ. ހިޕޯ އައިސް ޓެމްޕްލާ އަށް ހަމަލާ ދިނީ އެވެ.

ޒިމްބާބުވޭ އަށް އުފަން ޓެމްޕްލާ އަށް އޭރު 28 އަހަރެވެ. ޓެމްޕްލާ އަކީ ޓުއާ ގައިޑަކަށް ވާތީ ޒެމްބޭޒީ ކޯރުގައި، ކެނޯއެއްގައި އޭނާ އެ ދުވަހު ވެސް އުޅުނީ ހަ މީހުންގެ ގްރޫޕެއް ގޮވައިގެންނެވެ. މި ގްރޫޕްގައި އޭނާއާއެކު އިތުރު ދެ ޓުއާ ގައިޑުން ވެސް ތިއްބެވެ.

އާއްމުކޮށް އެ ކޯރުން ހިޕޯ އެއް ނުފެނެ އެވެ. ނަމަވެސް އެ ދުވަހު ޑަޒަނެއްހާ ހިޕޯ އެ ކޯރުގައި އުޅުނެވެ. އެހެންވެ އެ ޖަނަވާރުތަކުގެ ވަށައިގެން ކެނޯ ދުއްވާލާފައި ދާން އެ ގްރޫޕުން ނިންމި އެވެ. ދެން ވީނުވީއެއް ނޭނގި ކުއްލިއަކަށް ބާރު އަޑުފައްގަނޑެއް އިވުނެވެ. އެއާއެކު ކެނޯ ކުއްލިއަކަށް ވައިގެ ތެރެއަށް އެރި އެވެ. އެއާއެކު އޭގައި ހުރި އިވާންސް ކިޔާ ޓުއާ ގަޢިޑެއް ކޯރު ތެރެއަށް ވެއްޓުނެވެ.

ކުރޫން ވަރަށް މަސައްކަތުން ކެނޯގައި ތިބި ޓޫރިސްޓުން އެއްގަމަށް އެރުވި އެވެ. އެންމެ މީހަކު ފިޔަވަ އެވެ. ޓެމްޕްލާ އެނބުރި ކޯރަށް އެރިގެން ދާން ޖެހުނީ އެމީހާ ސަލާމަތް ކުރާށެވެ. އޭނާއަށް ހަމަލަ އަމާޒުވީ އެ ވަގުތު އެވެ.

"ހަމަލަ އައިލެއް ފާސްޓްކަމުން އަހަންނަށް ވީނުވީއެއް ނޭނގުނު. ކުއްލިއަކަށް އަހަރެންނަށް އެނގުނު އަހަރެން އޮތީ ހިޕޯއެއްގެ އަނގައިގެ ތެރޭގައިކަން. އަހަރެންގެ އުނަގަނޑުން ތިރި އޮތީ އެސޮރު ދިރުވާލާފައި. އަހަރެންގެ އުނަގަނޑުން ތިރި ހީވަނީ ފެންގަނޑެއް ތެރޭގައި އޮތްހެން. އުނަގަނޑުން މަތީ އޮތީ ހިކިކޮށް. އަދި އުނަގަނޑުން ތިރިއަށް ވަރަށް ވަރުގަދަ ޕްރެޝަރެއް ކުރިމަތިވެ ބާރުވަމުން އައި. އަހަރެން ހަރަކާތްކުރަން އުޅެ އުޅެ އެއްވެސް ހަރަކާތެއް ނުކުރެވުނު. އެ ވަގުތު އަހަރެންނަށް އިހްސާސްވި އަހަންނަށް މި އޮވުނީ ހިޕޯގެ އަނގައިގެ ތެރޭގައިކަން،" ޓެމްޕްލާ ބުންޏެވެ.

ޓެމްޕްލާގެ އެއްބުރި ކާލައި އަނެއްކާވެސް އަނގައިން ބޭރުކޮށްލުމަށްފަހު ދިރުވާލަން ތިން ފަހަރެއްގެ މަތިން ހިޕޯ މަސައްކަތް ކުރި އެވެ. އޭނާ ސަލާމަތްކުރަން އުޅުނު މީހުންނަށް އޭނާ އަތުލައިގަނެވުނީ ތިން ވަނަ ފަހަރަށް ދިރުވާލަން އުޅެނިކޮށެވެ.

"އަހަރެންނަށް ހުރިހާ ކަމެއްވެސް ވީ ސްލޯ މޯޝަންގައި. އެސޮރު ފެނުގެ އަޑިއަށް ދިއުމުން އަހަރެން އޮންނަނީ ނޭވާ ހިފަހައްޓާލައިގެން. މިގޮތަށް އުޅެނިކޮށް އެހެން ޓުއާ ގައިޑެއް އަހަރެން ސަލާމަތް ކޮށްދިނީ،" ޓެމްޕްލާ ބުންޏެވެ.

ޓެމްޕްލާގެ ފުރާނަ ސަލާމަތްކޮށްދިން ޓުއާ ގައިޑަށް އޭނާ ވަރަށް ޝުކުރު އަދާކޮށް ތައުރީފު ކުރި އެވެ. ސަބަބަކީ ޓެމްޕްލާ ސަލާމަތްކުރުމުގެ މަސައްކަތް އޭނާ ކުރީ އަމިއްލަ ފުރާނައަށް ބެލުމެއް ނެތި ކަމަށް ވާތީ އެވެ.

ޓެމްޕްލާގެ ފުރާނަ ސަލާމަތްވިޔަސް އޭނާގެ އެ އަތް ވަނީ ގެއްލިފަ އެވެ. ފުއްޕާމޭ ވަނީ ފަޅައިގެން ގޮއްސަ އެވެ. އަދި އެނޫންވެސް ގިނަ އަނިޔާތަކެއް ލިބިފައި ވެއެވެ.