ޒިކާ ވައިރަސް

ފަތުރުވެރިޔާއަށް ޒިކާ ވައިރަސް ޖެހުނީ ރާއްޖެއިންކަން ސާބިތެއްނުވޭ: މިނިސްޓަރު

ރާއްޖޭގައި ހުރުމަށްފަހު ދިޔަ ފިންލޭންޑްގެ ޓޫރިސްޓެއްގައިން ޒިކާ ވައިރަސް ފެނުނު ކަމަށް އެ ގައުމުން ރާއްޖޭގެ ހެލްތް މިނިސްޓްރީއަށް މައުލޫމާތު ދީފައިވީ ނަމަވެސް އެ މީހާއަށް ޒިކާ ވައިރަސް ޖެހިފައިވަނީ ރާއްޖެއިން ކަމެއް އަދި ކަށަވަރު ކުރެވިފައިނުވާ ކަމަށް ހެލްތް މިނިސްޓަރު އިރުތިޝާމް އާދަމް ވިދާޅުވެއްޖެ އެވެ. ރާއްޖެއިން ޒިކާ ވައިރަސްގެ އެއްވެސް އަލާމާތެއް މިހާތަނަށް ފެނިފައިނުވާ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.

ޒިކާ ވައިރަސްއާ ގުޅޭގޮތުން މިއަދު ހެލްތް މިނިސްޓްރީގައި ބޭއްވި ނޫސްވެރިންގެ ބައްދަލުވުމުގައި ވާހަކަފުޅު ދައްކަވަމުން މިނިސްޓަރު ވިދާޅުވީ، މިދިޔަ ޑިސެމްބަރު މަހުގެ 29 ވަނަ ދުވަހު، ފިންލެންޑުން ދިން މައުލޫމާތާ ގުޅިގެން ސަރުކާރުން އަވަސް ފިޔަވަޅުތަކެއް އަޅާފައިވާ ކަމަށާއި އެގައުމުގެ ހެލްތް ދާއިރާއިން މައުލޫމާތު ދިން ގޮތުގައި އޭނާ ގައިން ޒިކާ ވައިރަސް ފެނިފައިވާ ރާއްޖެއިން އެނބުރި ދިޔަތާ ދެ ދުވަސް ފަހުން ކަމަށެވެ. ނަމަވެސް އޭނާއަށް ޒިކާ ވައިރަސްގެ އަސަރުކުރީ ރާއްޖެއިން ކަމެއް އަދި ސާބިތުވެފައިނުވާ ކަމަށެވެ.

"މި މައުލޫމާތު ލިބިގެން ހެލްތް ޕްރޮޓެކްޝަން އެޖެންސީއިން މިވަނީ 30 ޑިސެމްބަރުގައި ފޮރިން އެފެއާޒަށް އަދި ޓޫރިޒަމް މިނިސްޓްރީއަށް އެ މައުލޫމާތު ދީފައި،" އިރުތިޝާމް ވިދާޅުވި އެވެ. "ދިވެހި ސަރުކާރުގެ ފަރާތުން ވަރަށް ގިނަ ފިޔަވަޅުތަކެއް މިވަނީ އަޅާފައި، ޒިކާ ވައިރަސްއާ ގުޅޭ މައުލޫމާތުތައް ވެސް ވަނީ މީޑިއާގެ ޒަރީޔާއިން ފޯރުކޮށްދީފައި،"

ޒިކާ ވައިރަސްއާ ގުޅިގެން ކަމާބެހޭ ފަރާތްތަކުން ގިނަ ބައްދަލުވުންތަކެއް ބާއްވާފައިވާ ކަމަށާއި އެކަމަށް ޓާސްކް ފޯސް އެކުލަވާލައި އިއްޔެ ގައުމީ ފެންވަރުގައި ޒިކާ ވައިރަސް ރާއްޖެއަށް ތައާރަފުވިއަ ނުދިނުމަށް އަޅަންޖެހޭ ފިޔަވަޅުތަކާ ގުޅޭ ގޮތުން މަޝްވަރާކޮށްފައިވާ ކަމަށް ވެސ މިނިސްޓަރު ވިދާޅުވި އެވެ.

އެކަމަނާ ވިދާޅުވީ ބެންކޮކްގެ ކޮންސަލްޓެންޓް ޓީމެއް ރާއްޖެ ގެނެސް، ރާއްޖޭގެ އެކި އަތޮޅުތަކަށް ފޮނުވާ ޒިކާ ވައިރަސްގެ އެއްވެސް އަލާމާތެއް ފެނޭތޯ ބަލާފައިވާނެ ކަމަށެވެ.

"މި ޓީމު ރާއްޖޭގައި ޖެނުއަރީ 24 ން 28 އަށް މަސައްކަތްތަކެއް ކޮށްފައިވޭ، މިއީ ވަރަށް އަވަސް ފިޔަވަޅެއް، މި ޓީމްގެ މަސައްކަތް ނިމި، ރާއްޖެއިން ޒިކާ ވައިރަސް ޓެސްޓް ކުރުމަށް ސާންޕަލް ގެންދާނީ ކިހިނެއްތޯ، ސާންޕަލް ނަގާނީ ކިހިނެއްތޯ ބަލާފައިވޭ، ރާއްޖެއިން ނަގާ ސާންޕަލް ޑަބްލިއުއެޗްއޯއިން ގަބޫލުކުރާ ފެންވަރުގެ ލެބަކަށް ފޮނުވުމުގެ އިންތިޒާމް ވެސް ވަނީ ހަމަޖައްސާފައި،" އިރުތިޝާމް ވިދާޅުވި އެވެ.

އިރުތިޝާމް ވަނީ އަމިއްލަ ބޭނުމަށް ނުވަތަ ސިޔާސީ ބޭނުމަށް ތެދުނޫން ސިޔާސީ މައުލޫމާތުތައް ރައްޔިތުންނާ ހަމައަށް ފޯރުކޮށްނުދިނުމަށް އިލުތިމާސްކޮށްފަ އެވެ. އެފަދަ ކަންކަމަކީ އެތައް ބަޔަކަށް ސިއްހީ ގޮތުން ގެއްލުން ލިބިދާނެ ކަމެއް ކަމަށާއި ޒިކާ ވައިރަސް ފަދަ ވައިރަހެއް ރާއްޖޭގައި ފެތުރުނަ ނުދިނުމަށް ފަރުދީ ގޮތުން ވެސް މަސައްކަތް ކުރަން ޖެހޭ ކަމަށް މިނިސްޓަރު ވިދާޅުވި އެވެ.