ޒިކާ ވައިރަސް

އިތުރު ދިވެއްސަކު ޒިކާއަށް ޕޮޒިޓިވެއް ނުވޭ: އެޗްޕީއޭ

ރާއްޖޭގެ ދެ މީހެއްގެ ގައިން ޒިކާ ވައިރަސް ފެނުމާއެކު ޒިކާ ވައިރަހަށް މީހުން ޓެސްޓު ކުރުމަށް މިހާތަނަށް ކުރި ތަހުލީލުތަކުން އެ ވައިރަހަށް ޕޮޒިޓިވްވެފައިވާ އިތުރު ދިވެއްސަކު ފެނިފައި ނުވާކަމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީ (އެޗްޕީއޭ) އިން ބުނެފި އެވެ.

މިހާތަނަށް 500 އަށް ވުރެ ގިނަ ދިވެހިން ވަނީ ޒިކާ ވައިރަހަށް އައިޖީއެމްއެޗްގައި ޓެސްޓުކޮށްފަ އެވެ. ނަމަވެސް ވައިރަސް ހުރި އިތުރު މީހަކު އަދި ފެނިފައިނުވާއިރު، މީގެ ކުރިން ވައިރަސް ފެނުނު ދެ މީހުން ވެސް މިހާރު ރަނގަޅުވެފައިވާ ކަމަށް އެޗްޕީއޭ އިން ވަނީ ބުނެފަ އެވެ. -- ޒިކާ ބައްޔަށް މިހާތަނަށް ސީދާ ފަރުވާއެއް ހޯދިފައި ނުވީ ނަމަވެސް އެއީ އަމިއްލައަށް ރަނގަޅުވާ ބައްޔެއް ކަމަށް ޑޮކްޓަރުން ވިދާޅުވެ އެވެ.

ޒިކާ ވައިރަސް ހުރިތޯ ބަލަން ސާމްޕަލް ނެގި އިރު ރާއްޖެއިން ޕޮޒިޓިވްވެފައި ވަނީ މުސްކުޅި އުމުރުގެ ފިރިހެނަކާއި ދިވެހި ކުޑަކުއްޖެކެވެ. އެ ދެ މީހުން އާދައިގެ ހާލަތަށް އައީ ވައިރަސް ޖެހުނުތާ ހަފްތާއެއް ފަހުންނެވެ.

އަފްޒަލް ވިދާޅުވީ މިދިޔަ ހަފުތާއާ ހަމަޔަށް 517 މީހަކު ސްކްރީންކޮށް، އިތުރު މީހުން ސްކްރީންކުރުމުގެ މަސައްކަތް އައިޖީއެމްއެޗް އިން މިހާރުވެސް ކުރިއަށްގެންދާއިރު، މިހާތަނަށް ހެދި އެއްވެސް ޓެސްޓަކުން ޒިކާ ވައިރަސް ހުރި އިތުރު ދިވެއްސަކު ނުފެންނަ ކަމަށެވެ. އެއީ ރަނގަޅު ސިގްނަލަކަށް ވީނަމަވެސް އަދިވެސް ބައްޔަށް ދޭންޖެހޭ ސަމާލުކަމާއި ފަރުވާތެރިކަން ދަމަހައްޓަން ވިދާޅުވި އެވެ.

ޒިކާ އަކީ ޑެންގީ ޖައްސާ މަދިރީގެ ޒަރީއާއިން ފެތުރޭ ބައްޔެކެވެ. ޒިކާ ވައިރަސް ރާއްޖެއަށް ފެތުރިދާނެ ކަމުގެ ބިރު ބޮޑުވެގެންދިޔައީ މި އަހަރުގެ ކުރީކޮޅު ރާއްޖެއަށް އައި ދެ ފަތުރުވެރިއެއްގެ ގައިން ވައިރަސް ފެނުމާ ގުޅިގެންނެވެ.