ޒިކާ ވައިރަސް

ޒިކާއަށް 55 ސާމްޕަލް ޓެސްޓް ކޮށްފިން، ނަތީޖާ ނެގެޓިވް: އެޗްޕީއޭ

ޒިކާ ވައިރަސް ރާއްޖޭގައި އުޅޭތޯ ބެލުމަށް ހެލްތު ޕްރޮޓެކްޝަން އޭޖެންސީން (އެޗްޕީއޭ) މިހާތަނަށް 55 ލޭގެ ސާމްޕަލް ޓެސްޓް ކޮށްފައިވާ ކަމަށާއި، އެއިން އެއްވެސް މީހަކު ޒިކާއަށް ޕޮޒިޓިވް ވެފައި ނުވާކަމަށް އެޗްޕީއޭ އިން ބުނެފި އެވެ.

ރާއްޖޭގައި ޒިކާ ވައިރަސް ފެތުރިދާނެ ކަމުގެ ބިރު ބޮޑުވެ، ބައްޔަށް ސަމާލުވާން އެޗްޕީއޭއިން ދެވަނަ ފަހަރަށް އިއުލާން ކުރީ މިއަހަރު ރާއްޖެއަށް އައި ދެ ގައުމެއްގެ ދެ ފަތުރުވެރިއަކު ޗުއްޓީ ހޭދަ ކުރުމަށްފަހު އެނބުރި ގައުމަށް ގޮސް ހެދި ޓެސްޓް ތަކުން ޒިކާއަށް ޕޮޒިޓިވް ވެފައިވާކަން ހެލްތު މިނިސްޓްރީއަށް އެންގުމާ ގުޅިގެންނެވެ.

އެޗްޕީއޭގެ އެޕިޑެމިލޮޖިސްޓް ޑރ. އިބްރާހިމް އަފްޒަލް މިއަދު "އަވަސް"އަށް ވިދާޅުވީ، އައިޖީއެމްއެޗް އާއި އޭޑީކޭއިން ޒިކާއަށް ސްކްރީން ކުރުމުގެ ހިދުމަތް ދެމުންދާއިރު، ވައިރަހަށް ހުށަހެޅިދާނެ ކަމަށް ލަފާ ކުރެވޭ މީހުންގެ ގޮތުގައި އެ އެޖެންސީން ފާހަގަކޮށްފައިވާ ބައެއް ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންގެ ލޭގެ ސާމްޕަލްތައް ނަގައިގެން ބައްޔަށް ޓެސްޓް ކުރުމުގެ މަސައްކަތް މިހާރުވެސް ކުރިއަށްދާ ކަމަށެވެ. އެގޮތުން އިއްޔެއާ ހަމަޔަށް 55 ސާމްޕަލް ޓެސްޓްކޮށްފައިވާ އިރު އެ ހުރިހާ ސާމްޕަލެއްވެސް ވައިރަހަށް ނެގެޓިވް ވެފައިވާ ކަމަށް ޑޮކްޓަރު ވިދާޅުވި އެވެ.

".. އެޗްޕީއޭއިން ބްލަޑް ސާމްޕަލް ނަގަމުން މި ދަނީ ވައިރަސް ހުރެދާނެ ކަމަށް ޝައްކު ކުރެވޭ ސަރަހައްދުތަކުގައި ދިރިއުޅޭ މީހުންގެ ގައިން. އޭގެ ތެރޭގައި މި ހިމެނެނީ، ޒިކާއަސް ޕޮޒިޓިވް ވި ފަތުރުވެރިން ޗުއްޓީ ހޭދަކުރި މުއްދަތުގައި ތިބި ސަރަހައްދުތަކާއި، ދަތުރުކޮށް އުޅުނު ސަރަހައްދުތަކާއި، އާންމުކޮށް ޑެންގީ ބަލި އެންމެ ބޮޑަށް ފެތުރެމުންދިޔަ އަދި ދާ ސަރަހައްދު ތަކާއި ޒިކާ ވައިރަސް އަށަގަތުމުން ފެންނަ އަލާމާތްތައް ރިޕޯޓް ކުރާ މީހުން،" ޑރ. އަފްޒަލް ވިދާޅުވި އެވެ.

އެޗްޕީއޭއިން ވަކި ބައެއްގެ ސާމްޕަލްތައް ޓެސްޓު ކުރަމުން ދިޔަ ނަމަވެސް، އެފަދަ އަލާމާތްތަކެއް ފެންނަން ފަށައިފި ނަމަ ޑޮކްޓަރަށް ދެއްކުމުން ޑޮކްޓަރުގެ ލަފާގެ މަތިން ޒިކާއަށް ޓެސްޓު ކުރެވޭނެ އެވެ.

ޒިކާ ވައިރަސް އަކީ އިންފެކްޓް ވެފައި ނުވަތަ ޒިކާ ވައިރަސް ޖެހިފަ ހުންނަ މަދިރި އިންސާނުންގެ ގައިގައި ހެފުމުން ޖެހޭ ބައްޔެކެވެ. ޒިކާ ވައިރަސް ފެތުރެނީ ބަލި ޖެހިފަ ހުންނަ މަދިރި ގިނަވެ ގިނަ މީހުން ގައިގަ ހެފުމުންނެވެ.

ޒިކާ ވައިރަސްގެ އަލާމާތްތަކުގެ ތެރޭގައި ފިތް ނެގުމާއި ހުޅުތަކުގައި ރިއްސުމާއި ހުން އައުން ހިމެނެއެވެ. މި ހުން އަންނަނީ ދެ ދުވަހާއި ހަތް ދުވަހާއި ދެމެދުގެ މުއްދަތަށެވެ. މި ބަލި ޖެހުނުކަން ކަށަވަރު ކުރުމަށް ލޭ ޓެސްޓު ކުރުމުން އެކަން ދެނެގަނެވޭނެއެވެ. މި ބައްޔަކަށް ވަކި ފަރުވާ އެއް ނުވަތަ ޓްރީޓްމެންޓް ޕްލޭނެއް އަދި ކަނޑައެޅިފައެއް ނުވެއެވެ. އަދި ގިނަ ޕޭޝެންޓުންނަކީ ޕެނެޑޯލް ފަދަ އާދައިގެ ބޭހާއި، ގިނައިން ދިޔާ އެއްޗެހި ބުއިމުން ރަނގަޅުވާ މީހުންނެވެ.

ސައިންޓިސްޓުން ޒިކާ ވައިރަސް ފުރަތަމަ ދެނެގަނެފައިވަނީ 1952 ގައެވެ.