މި ހޫނު މޫސުމުގައި ޔޫރަޕަށް ޒިކާ ވައިރަސް ފެތުރިދާނެ ކަމުގެ ބިރު އެބަ އޮތް ކަމަށް އދ.ގެ ސިއްހަތާ ބެހޭ ޑަބްލިއުއެޗްއޯއިން ބުނެފި އެވެ. ޔޫރަޕަށް އަންނަ މަހު ހޫނު މޫސުން ފެށޭނެ އެވެ.
ޑަބްލިއުއެޗްއޯއިން ބުނީ، ޔޫރަޕަށް ޒިކާ ވައިރަސް ފެތުރިދާނެ ކަމުގެ ބިރު އޮތް ނަމަވެސް އައުޓްބްރޭކެއް އައިސްދާނެ ކަމަށް ނުބެލެވޭ ކަމަށެވެ. އެ ޖަމިއްޔާއިން ބުނީ ރިސްކް އެންމެ ބޮޑީ އީޑީޒް މަދިރި އުޅޭ ސަރަހައްދުތަކަށް ކަމަށެވެ. އެގޮތުން ރަޝިއާ އާއި ޖޯޖިއާއަށް ރިސްކް ބޮޑު ކަމަށެވެ. މީގެއިތުރުން ފްރާންސް، އިޓަލީ، ސްޕެއިން އަދި ގްރީސްއަށް ވެސް ކޮންމެވެސް ވަރަކަށް ނުރައްކާ އެބަ އޮތް ކަމަށް ޑަބްލިއުއެޗްއޯއިން ބުނެ އެވެ. ނަމަވެސް އިނގިރޭސިވިލާތަށް ނުރައްކާ ކުޑަ ކަމަށް ވެސް އެ ޖަމިއްޔާއިން ވަނީ ބުނެފަ އެވެ.
ޔޫރަޕަށް ޒިކާ ވައިރަސް ފެތުރިދާނެ ކަމުގެ ބިރު އޮތް ނަމަވެސް އދ.އިން އެއްވެސް ޓްރެވެލް އެޑްވައިސްއެއް ނެރެފައެއް ނުވެ އެވެ. އެއްވެސް ގައުމަކަށް ދަތުރުނުކުރުމަށް އަންގާފައެއް ނުވެ އެވެ.
ޑަބްލިއުއެޗްއޯއިން ވަނީ ނުރައްކާ އޮތް ގައުމުތަކުން ތައްޔާރަށް ތިބުމަށް ގޮވާލާފަ އެވެ. އަދި ބައްޔަށް ހޭލުންތެރިކުރުމަށް ވެސް ވަނީ ގޮވާލާފަ އެވެ. ހާއްސަކޮށް މާބަނޑު މީހުންނަށް ބައްޔާ ގުޅޭ މައުލޫމާތު ދިނުމަށް ވަނީ އަންގާފަ އެވެ.
ޒިކާ ވައިރަސް!
ޒިކާ ވައިރަސް އަކީ އިންފެކްޓް ވެފައި ނުވަތަ ޒިކާ ވައިރަސް ޖެހިފަ ހުންނަ މަދިރި އިންސާނުންގެ ގައިގައި ހެފުމުން ޖެހޭ ބައްޔެކެވެ. ޒިކާ ވައިރަސް ފެތުރެނީ ބަލި ޖެހިފަ ހުންނަ މަދިރި ގިނަވެ ގިނަ މީހުން ގައިގަ ހެފުމުންނެވެ.
ޒިކާ ވައިރަސްގެ އަލާމާތްތަކުގެ ތެރޭގައި ފިތް ނެގުމާއި ހުޅުތަކުގައި ރިއްސުމާއި ހުން އައުން ހިމެނެއެވެ. މި ހުން އަންނަނީ ދެ ދުވަހާއި ހަތް ދުވަހާއި ދެމެދުގެ މުއްދަތަށެވެ. މި ބަލި ޖެހުނުކަން ކަށަވަރު ކުރުމަށް ލޭ ޓެސްޓު ކުރުމުން އެކަން ދެނެގަނެވޭނެއެވެ. މި ބައްޔަކަށް ވަކި ފަރުވާ އެއް ނުވަތަ ޓްރީޓްމެންޓް ޕްލޭނެއް އަދި ކަނޑައެޅިފައެއް ނުވެއެވެ. އަދި ގިނަ ޕޭޝެންޓުންނަކީ ޕެނެޑޯލް ފަދަ އާދައިގެ ބޭހާއި، ގިނައިން ދިޔާ އެއްޗެހި ބުއިމުން ރަނގަޅުވާ މީހުންނެވެ.
ޒިކާ ވައިރަސްގެ ބިރު ބޮޑުވާ ސަބަބުތައް
- ވިހާއިރު ހުންނަ އުނިކަމާއި ސިކުނޑީގެ ގެއްލުން ވައިރަސްގެ ސަބަބުން ކަމަށް ވުން
- ވައިރަސް އަލަށް ފެތުރޭ ސަރަހައްދުތަކުގައި، އިތުރަށް ފެތުރުން ހުއްޓުވޭނެ ނިޒާމެއް ނެތުން
- ވައިރަސް ޖެހިފަ ތިބި މީހުންނަށް ފަރުވާދޭނެ ބޭހެއް އަދި ނެތުން
- ޒިކާ ވައިރަސްއަށް ވަކި ވެކްސިންނާއި ފަރުވާދޭނެ ޕްލޭނެއް ނެތުން
- ބައިނަލްއަގްވާމީ ދުނިޔެއަށް ފެތުރުމުގެ ބިރު ބޮޑުވުން
ސައިންޓިސްޓުން ޝައްކު ކުރާ ގޮތުގައި މި ވައިރަހަކީ އަލަށް ވިހާ ކުދިންގެ ބޯ އާދަޔާ ހިލާފަށް ކުޑަވެ ސިކުނޑިއަށް ގެއްލުންދޭ ވައިރަހަކަށް ވާތީ އެވެ. ނަމަވެސް ޑަބްލިޔޫއެޗްއޯއިން ހާމަ ކުރާ ގޮތުން އަލަށް ވިހާ ކުޑަކުދިންގެ ސިކުނޑިއަށް ލިބިފަ ހުންނަ ގެއްލުމަކީ އެ ވައިރަސް ގެ ސަބަބުން ލިބޭ ގެއްލުމެއް ކަމެއް ޔަގީންކަމާއެކު އަދި ބުނާކަށް ނޭނގެ އެވެ. ނަމަވެސް ލަފާ ކުރެވޭ ގޮތުން އެއ ޒިކާ ވައިރަސްގެ ސަބަބުން ވާކަމެކެވެ.