ހަބަރު

ދެ ދިވެއްސެއްގެ ގައިން ޒިކާ ވައިރަސް ފެނިއްޖެ

Dec 16, 2016
  • ޒިކާ ވައިރަސް ފެތުރެމުން ނުދޭ
  • ތިން ޓޫރިސްޓަކަށް ޒިކާ ޖެހުނީ ރާއްޖެއިން
  • މަދިރި ނައްތާލުމަށް މަސައްކަތް ކުރަން ގޮވާލި

މިއަހަރުގެ މިހާތަނަށް ޒިކާ ވައިރަސްއަށް ޓެސްޓް ކުރި ދިވެހިންގެ ތެރެއިން ދެ މީހަކު އެ ވައިރަސްއަށް ޕޮޒިޓިވްވެފައިވާ ކަމަށް، ހެލްތް ޕްރޮޓެކްޝަން އެޖެންސީ އެޗްޕީއޭ އިން މިއަދު ބުނެފި އެވެ. މިއީ އެ ވައިރަސް ދިވެއްސެއްގެ ގައިން ފެނުނު ފުރަތަމަ ފަހަރެވެ.

ރާއްޖޭގެ ޒިކާ ވައިރަސްގެ ހާލަތާ ގުޅޭ ގޮތުން އެޗްޕީއޭއިން މިއަދު ނެރުނު ބަޔާނެއްގައި ބުނީ، ރާއްޖޭގައި ޒިކާ ވައިރަސް ހުރިތޯ ޓެސްޓް ކުރުމުގެ ގޮތުން، އެބަލީގެ އަލާމާތްތައް ފެނުނު، 517 ދިވެއްސެއްގެ ގައިން ސާމްޕަލް ނަގައި ޓެސްޓްކޮށްފައިވާ ކަމަށެވެ. މީގެ ތެރެއިން ދެ މީހެއްގެ ސާމްޕަލް ޒިކާ ވައިރަސްއަށް ޕޮޒިޓިވްވެފައިވާ ކަމަށް އެޗްޕީއޭއިން ބުންޏެވެ.

އޭގެ އިތުރު ތަފްސީލެއް އެޗްޕީއޭއިން ހާމައެއް ނުކުރެ އެވެ. އައިޖީއެމްއެޗްގައި ޒިކާއަށް ސްކްރީން ކުރެވޭނެ އިންތިޒާމް ހަމަޖައްސައި، ހުން އައިސްގެން ޑޮކްޓަރަށް ދައްކާ މީހުން އައީ އެ ވައިރަސް އަށް ޓެސްޓް ކުރަމުންނެވެ.

ޒިކާ ވައިރަސް އަކީ ދުނިޔޭގެ ފެންވަރުގައި ކަންބޮޑުވާން ޖެހޭ ފަދަ ބަލިމަޑުކަމެއް ނޫން ކަމަށް މިދިޔަ ނޮވެމްބަރު މަހު ދުނިޔޭގެ ސިއްހަތު ޗަމްއިއްޔާ ޑަބްލިއުއެޗްއޯއިން ވަނީ ނިންމައިފަ އެވެ.

ޒިކާއިން ރައްކާތެރިވުމަށް

  • މަދިރިއުފެދޭ ފަދަ ތަންތަން ނައްތާލާ
  • ފެން އުފެދޭ ޒާތުގެ ކުނި ރައްކާތެރިކަމާ އެކު ނައްތާލާ
  • ވީހާވެސް ބޮޑަށް ހަށިގަނޑު ނިވާކުރުމާ އެކު މަދިރި ލޯޝަން ބޭނުންކުރައްވާ
  • މާބަނޑު ދުވަސްވަރު ހުރަސްބޭނުންކޮށްގެން ޖިންސީ ގުޅުން ހިންގަވާ
  • މާބަނޑުވުމުގެ ކުރިން އަދި މާބަނޑު އިރު ޒިކާގެ މައުލޫމާތު ހޯއްދަވާ

ދެ ދިވެހިންގެ ގައިން ޒިކާ ވައިރަސް ފެނުނު ނަމަވެސް، ޒިކާގެ ސަބަބުން ކުރިމަތިވާ ބައެއް ނުރައްކާތައް ކަމަށްވާ، އާންމުކޮށް ހުންނަ ވަރަށް ވުރެ ބޯ ކުޑަކޮށް ތިބޭ ކުދިން އުފަންވުމާއި ނާރުތަކަށް ޖެހޭ ބައްޔެއް ކަމަށްވާ، "ގިލެއިން ބާރޭ ސިންޑްރޯމް" ރާއްޖެއިން ފެންނަވަރު އިތުރުވެފައި ނެތް ކަމަށް ވެސް އެޗްޕީއޭއިން ބުންޏެވެ.

މީގެ ކުރިން ރާއްޖޭގައި ޗުއްޓީ ހޭދަކޮށްފައި ގައުމަށް އެބުރި ދިޔަ ތިން ޓޫރިސްޓެއްގެ ގައިން ޒިކާ ވައިރަސް ވަނީ ފެނިފަ އެވެ. އެޗްޕީއޭއިން މިއަދު ބުނީ އެ ތިން ޓޫރިސްޓުންނަށް ވެސް ޒިކާ ވައިރަސް ޖެހުނީ ރާއްޖެއިން ކަމަށް މިހާތަނަށް ބެލިބެލުމުން ލަފާކުރެވިފައިވާ ކަމަށެވެ.

އެކަމާ ގުޅިގެން ރާއްޖެއަށް ދަތުރުކުރުމުގައި، ސަމާލުވުމަށް އެމެރިކާގެ ސިއްހަތާ ބެހޭ ވުޒާރާއިން ޓްރެވަލް އެޑްވައިޒަރީ ވެސް މީގެ ކުރިން ނެރެފައިވެ އެވެ. އެހެން ނަމަވެސް، މިހާރު ވަނީ އެ އެޑްވައިޒަރީތައް އުވާލައިފަ އެވެ.

ޒިކާގެ އަލާމާތްތައް

  • ހުންއައުން
  • ގައިގާ ރިއްސުން
  • ގައިގައި ކުދި ރަތް ބިހިތަކެއް ނެގުން
  • ބޮލުގައި ރިއްސުން
  • ހުޅުތަކުގައި ރިހުން
  • ލޯ ރަތްވުން

ޒިކާ ވައިރަސް ރާއްޖޭގައި އުޅޭކަން ޔަގީންވުމާ އެކު އެޗްޕީއޭއިން ވަނީ، މަދިރި އުފެދޭ ގޮތަށް ހުންނަ ތަންތަން ނައްތާލުމާއި މަދިރި ރައްކާތެރިވުމަށް ފިޔަވަޅުތައް އެޅުމަށް އިލްތިމާސްކޮށްފަ އެވެ. އަދި އެ ވައިރަސްއަކީ ޖިންސީ ގުޅުމުން ވެސް އަރާ އެއްޗަކަށް ވާތީ، ޖިންސީގުޅުން ހިންގުމުގައި ރައްކާތެރި ގޮތްތައް އިހުތިޔާރު ކުރުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ.

މީގެ އިތުރަށް ޒިކާ ފެތުރޭ ގައުމުތަކަށް ދަތުރުކުރުމުގައި އެގައުމުތަކުގައި އެ ވައިރަސްގެ ހާލަތު ބެލުމާއި މާބަނޑު މީހުން އެފަދަ ގައުމުތަކަށް ކޮންމެހެން ދަތުރު ކުރަން ޖެހިގެން ނޫނީ ނުދިޔުމަށް ވެސް ވަނީ އިލްތިމާސްކޮށްފަ އެވެ. އަދި ދަތުރަށް ފަހު ޒިކާގެ އަލާމާތެއް ފެންނަ ނަމަ އަވަހަށް ޑޮކްޓަރަށް ދެއްކުމަށް ވެސް ވަނީ އެދިފަ އެވެ.