ޒިކާ ވައިރަސް

ރާއްޖެ އަންނަ ފަތުރުވެރިން ޒިކާއަށް ސަމާލުވާން އެދެފި

ރާއްޖެ އާއި އޭޝިއާ ސަރަހައްދުގެ 11 ގައުމަކަށް ދަތުރު ކުރާ މާބަނޑު އަންހެނުން ޒިކާއަށް ސަމާލުވުމަށް އެދި އެމެރިކާއިން ޓްރެވަލް އެޑްވަސަރީއެއް ނެރެފި އެވެ.

އެމެރިކާގެ ސެންޓާ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަންއިން އިއްޔެ ނެރުނު އެޑްވަޒަރީގައި ބުނެފައި ވަނީ ސައުތު އީސްޓް އޭޝިއާގެ ބައެއް ގައުމުތަކުގައި ވޭތުވެދިޔަ ދުވަސްތަކުގައި ހަލުވިކޮށް ޒިކާ ވައިރަސް ފެތުރެމުންދާ ކަމަށާއި ބައެއް ފަތުރުވެރިން ގަޔަށް ވެސް އެ ބަލި އަރާފައިވާ ކަމަށް ރިޕޯޓުކޮށްފައިވާ ކަމަށެވެ.

އެގޮތުން ރާއްޖެއާ، ބުރުނާއީ، ކެމްބޯޑިޔާއާ، އީސްޓިމޯއާ، އިންޑޮނޭޝިއާ އާއި ލާއޯސް މެލޭޝިއާޔާއި، މިއަންމާއާ، ފިލިޕީންސްއާ އަދި ތައިލެންޑުގެ އިތުރުން ވިއެޓްނާމް އަށް ދަތުރު ކުރުމުގައި ޒިކާއާ މެދު ސަމާލުވުމަށް އެ ސެންޓަރުން އިލްތިމާސްކޮށްފައި ވެއެވެ.

ސެންޓާ ފޯ ޑިޒީސް ކޮންޓްރޯލް އެންޑް ޕްރިވެންޝަންއިން މިހެން ބުނި ނަމަވެސް މިހާތަނަށް ރާއްޖެއިން ޒިކާ ވައިރަސް ފެނިފައި ނުވާ ކަމަށް ހެލްތު މިނިސްޓްރީއިން ވަނީ ބުނެފަ އެވެ. އަދި ރާއްޖެ އައި ފަތުރުވެރިއެއް ފަރާތުންވެސް އެ ބަލީގެ އަލާމާތެއް ވެސް ފެނިފައެއް ނުވެއެވެ.

ނަމަވެސް ގިނަ ދިވެހިން ދިރިއުޅެމުން އަންނަ ސްރީލަންކާ އަދި މެލޭޝިއާއިން ވަނީ ޒިކާ ވައިރަސް ފެނިފައެވެ.