ރިޕޯޓް

ޝައިހް ޝަމީމު، އޭކަން އަށް ދެއްވީ ނަސްލީ ހަމަލާއެއްތަ؟

އިސްލާމިކް މިނިސްޓްރީން ފެށި ސިލްސިލާ ދަރުސް "ދަ މެސެޖު" ގެ ފުރަތަމަ ހުށަހެޅުމާއެކު އެންމެންގެ ސަމާލު ކަމަށް އަނެއްކާވެސް މަޝްހޫރު ޝައިހް އާދަމް ޝަމީމް އިބްރާހިމް އަތުވެއްޖެ އެވެ. އެކަމަކު އެއްގޮތަކަށް ވެސް ދީނީ ގޮތުން އެ ބޭފުޅާ ދެއްވި އަގުހުރި ނަސޭހަތްތަކަކާ ގުޅިގެނެއް ނޫނެވެ.

ކާނިވަލުގެ ސްޓޭޖުގައި ޝަމީމް ރޭ ދެއްވި ދަރުސުގެ ފިލާވަޅުތަކަށް ވުރެ ގިނަ ބައެއްގެ ސަމާލުކަން ހޯދީ ދަރުސްގެ ތެރެއިން އޭކަންގެ ހާއްސަ "ފެނިލުމެއް" ދިޔައީމަ ކަމަށް ގަބޫލުކުރެވެ އެވެ. ދަރުސްގެ ތެރެއިން ޒުވާނުންގެ އަހުލާގަށް އަލި އަޅުއްވަމުން ދެއްކެވި ވާހަކަފުޅުގެ ތެރެއިން ޝަމީމް ވަނީ، އިހަކަށް ދުވަހު ރާއްޖެ އަށް އައި އެމެރިކާގެ މަޝްހޫރު ލަވަކިޔުންތެރިޔާ އޭކަން އަށް އަމާޒުވާ ފަދަ ގޮތަކަށް ބަހުގެ ހަމަލާތަކެއް ދެއްވައިފަ އެވެ. 

އޭކަންގެ ނަން ގަތް ހިސާބުން ޝަމީމްގެ ދަރުސްގެ ވާހަކަ ތުންތުންމަތިން ގޮސް ރޮކެޓެއްހެން އަރައިގެން ދިޔައީ އެވެ. އަދި އެއީ ނަސްލީގޮތުން ތަފާތުކޮށް، ޝައިހް ޝަމީމް، އޭކަން އަށް ބަހުގެ ހަމަލާތަކެއް ދެއްވި ކަމަށް ބަޔަކު މީހުން ބުނާތީ އެވެ.

މި މައްސަލާގައި ރާއްޖޭގެ ސޯޝަލް މީޑިއަމްތަކުގައި ވެސް ގިނަ ބަޔަކު ދަނީ މިހާރު ޝަމީމަށް ފުރައްސާރަކޮށް ފާޑުކިޔަމުންނެވެ. އެހެންވީމަ މި ވީ ގޮތް އެނގިއްޖެ އެއް ނޫން ހެއްޔެވެ؟

އޭކަންއާ ދިމާލަށް "ކާފަރު ބަބުރެކޭ" ވިދާޅުވުމުން ދިވެހިންގެ ތެރެއިން ބަޔަކު ރަތަށް އެރީ އެވެ. އެހެން ނަމަވެސް މުސްލިމުންގެ ލޮބުވެތިވި ރަސޫލާ އާއި އިސްލާމް ދީނަށް ފުރައްސާރަކޮށް ބަޔަކު މީހުން ކާޓޫނު ކުރެހީމަ ދީނާއި ރަސޫލާގެ ދިފާއުގައި މި ފާޑަށް މޭ ފުއްޕާލާފައި ނުކުންނާނެ ދިވެއްސަކު ނުވި އެވެ. މިއީވެސް ސުވާލެކެވެ.

އަނެއްކޮޅުން އެގޮތަށް ނުކުންނަ "ތުނބުޅި ލީ މީހާ" މި ވަނީ "ހަރުކަށި ޓެރަރިސްޓަކަށެވެ." އެހެންވީމަ ލިބިފައި މި އޮތީ ފިސާރި ވަރުގަދަ ގައުމެއް ނޫން ހެއްޔެވެ؟

ދެން މި އޮތީ ޝައިހް ޝަމީމްގެ ވާހަކަ އެވެ.

"އަވަސް" އަށް ދެއްވި އިންޓަވިއުއެއްގައި އޭނާ ވިދާޅުވީ އޭކަން އަށް ނިސްބަތްކޮށް "ކާފަރު ބަބުރެކޭ" ވިދާޅުވީ އެއްގޮތަކަށް ވެސް ނަސްލީގޮތުން އޭނާއަށް ހަމަލާ ދެއްވުމުގެ ވިސްނުމެއްގައި ނޫން ކަމަށެވެ. އަދި އޭނާ އަކީ ކާފަރެއް ކަމަށް ގޮވީ، އެއީ ކާފަރެއް ކަމަށް ގަބޫލުކުރެވޭތީ ކަމަށެވެ.

"އަޅުގަނޑު ނުދެކެން އަޅުގަނޑު ދެއްކި ވާހަކަ އަކީ ނަސްލީތަފާތު ކުރުމެއްް ކަމަކަށް. އޭނާ އަށް ނިސްބަތްކޮށް އަޅުގަނޑު ބޭނުންކުރީ ހަމަ ދިވެހި ބަހެއް. ދިވެހިން އެކި ނަސްލުތަކުގެ މީހުން ސިފަކުރުމަށް ބޭނުންކުރާ ބަސްތަކުގެ ތެރެއިން ބަހެއް އެއީ ވެސް،" ބަބުރެއްގެ ގޮތުގައި އޭކަން ސިފަކުރުމުން އަމާޒުވެފައިވާ ފާޑުކިޔުންތަކަށް ރައްދު ދެއްވަމުން ޝަމީމް ވިދާޅުވި އެވެ.

"އެ ބަސް އަޅުގަނޑު ބޭނުންކޮށްފައި ވަނީ ވަކި ވައްތަރެއްގެ ބަޔަކު ސިފަކުރުމަށް ދިވެހިން ބަންގާޅީއޭ ވެސް ކިޔާ ގޮތަށް. ކަޅު މީހުން ސިފަކުރުމަށް ދިވެހި ބަހުގައި ބޭނުންކުރޭ ބަބުރު، މި ބަސް. އެކަމަކު މި ޒަމާނުގައި މި ބަސް ބޭނުންކުރާ ގޮތް މަދުވެދާނެ"

"މިހާރު އާންމުކޮށް ކިޔާނީ ކަޅު މީހެކޭ. އެހެންވީމަ މީހަކު ހުރި ގޮތް ސިފަކުރުމަށް ބަބުރެކޭ ބުނުމުން އެ ސިފަކުރުން ރޭސިސްޓް ކޮމެންޓަކަށްވާ ނަމަ މިވެނި މީހަކީ ކަޅު މީހެކޭ ބުނީމަ އެ ވާހަކަ ރޭސިސްޓް ނުވަނީ ކީއްވެގެންތޯ؟"

ދަރުސްގައި ޝައިހު ވިދާޅުވެފައި ވަނީ މިހެނެވެ: "ކާފަރު ބަބުރެއް ގައުމަށް އެރުވީމާ އޭނަ ބަލަންވެގެންް އެތަނަަށް ޖަމާވި މީސްތަކުން ރޭގަނޑު ނުވައެއް ޖަހާއިރު ފެށޭ ޝޯއަކަށް އަޞުރުފަހުން ފެށިގެން ކިއު ހަދާފައި. ކުޑަކުދިންތައް ވެސް ގޮވައިގެން ބައެއް މީހުން އަނެއްބައި މީހުން އާއިލާއާ އަނބިދަރިން ދޫކޮށްލާފައި. މަޣުރިބު ނަމާދު ދިޔައީ، އިޝާ ނަމާދު ދިޔައީ. ހުރިހާ ނަމާދެއް އަޅާފައި ގޮސް އެ ޝޯގައި ބައިވެރިވާންވެގެން. އަޅުގަނޑުމެންގެ ތެރެއިން އެތަނަށް ދިޔަ އެންމެހާ މުސްލިމުންނަށް ވެސް އެނގޭ އެމީހާއަކީ އަދި ކާފަރުންގެ ތެރިއިންވެސް އާންމު އާދައިގެ ފަރުދެއް ނޫން. ހުރިހާ ފާހިޝް ކަންތައްތަކާއި މުންކަރާތްތަކުގެ ބަފައެއް،" 

މި މޭރުމުން ވާހަކަ ދައްކަވަމުން ޝަމީމް ވިދާޅުވީ އޭކަން އަކީ މުސްލިމެއް ކަމަށް ވެސް ގަބޫލު ނުކުރައްވާ ކަމަށެވެ. އަދި އޭނާ އަކީ މުސްލިމެއްކަން ސާބިތުކޮށްދެވޭ ވަރުގެ ހެކިތަކެއް ލިބިއްޖެ ނަމަ އޭނާގެ ވާހަކަ އަނބުރާ ގެންދަވާނެ ކަމަށެވެ.

"ކާފަރެކޭ އަޅުގަނޑު ބުނީ އޭނާ އަކީ މުސްލިމެއް ކަމެއް އަޅުގަނޑަކަށް މިހާތަނަށް އެނގިފައެއް ނެތީމަ. އެކަމަކު މިސާލަކަށް އޭނަ އަކީ ޝަހާދަތް ކިޔައިގެން ހުރި މުސްލިމެއްކަން ނުވަތަ އޭނާ ކާފަރުނުވާކަން ސާބިތުވާ ވަރުގެ ހެއްކެއް ލިބިއްޖެ ނަމަ އަޅުގަނޑު ދެއްކި ވާހަކަތައް އަނބުރާ ގެންދާނަން،" ފޯނުން ވާހަކަ ދައްކަވަމުން ޝަމީމް ވިދާޅުވި އެވެ.

އޭކަން ބުނާ ގޮތުން އޭނާ އަކީ މުސްލިމެކެވެ. އިންޓަވިއުތަކުގައި އޭނާ އާންމުކޮށް ބުނެފައި ވަނީ އޭނާ އަކީ މުސްލިމެއް ކަމަށެވެ.

"އެކަމަކު އަޅުގަނޑަށް މިހާތަނަށް އޭނާ އެނގިފައި އޮތީ ކާފަރެއްގެ ގޮތުގައި. އެއީ ރާއްޖެ އަށް އޭނާ 2010 ވަނަ އަހަރު ގެންނަން އުޅެގެން ވެސް އަޅުގަނޑު އޭނާގެ މައުލޫމާތު އެއްކޮށް ބަޔޮގްރަފީވެސް ކީން. އޭނާގެ ދީނީ އަގީދާއާ ބެހޭ ގޮތުން ވެސް މައުލޫމާތު އެއްކުރިން"

"މި ހުރިހާ އެއްޗަކުން އަޅުގަނޑަށް އެނގުނީ އޭނާ އަކީ އަމިއްލަ ފިކުރެއް ނުވަތަ ވަކި އަގީދާއަކަށް ތަބާނުވާ، މަސްހުނި ފިކުރުތަކަކަށް ތަބާވާ މީހެއް ކަމަށް. އެހެންވީމަ އަޅުގަނޑުގެ ނުދެކެން އޭނާ އަކީ މުސްލިމެއް ކަމަކަށް."

ކޮންމެއަކަސް، މިއީ ޝައިހް ޝަމީމްގެ ހިޔާލު ހުންނެވި ގޮތެވެ. ދެން އެހެން މީހެއްގެ ހިޔާލެވެ.

"ދީނީ އިލްމުވެރިން މިފަދަ ދަރުސްތައް ދެއްވާއިރު އެ ބޭފުޅުން ބޭނުންކުރައްވާ ބަސްތަކަށް ވަރަށް ބޮޑަށް ފަރުވާތެރިވާން ޖެހޭ. ބަންގާޅީއެކޭ ބުނާ ގޮތަށް މީހަކާ ދިމާލަށް ބަބުރެކޭ ބުނީމަ މި ޒަމާނުގައި އޭގެ މާނަ ތަރުޖަމާކުރެވިގެން ދާނީ ރޭސިސްޓް ކޮމެންޓަކަށް. ބަންގާޅީންނަށް ދިވެހިން ޒަމާނުއްސުރެ ބަންގާޅީންނޭ ގޮވިޔަސް މިއަދު ބަންގާޅީއޭ ގޮވާލާ ރާގުގައި ވަނީ އެހެން މާނައެއް،" ނަން ނުޖެހުމަށް އެދި ހިޔާލުފާޅުކުރި ޒުވާނާ ބުނީ މިހެންނެވެ.

"އެހެންވީމަ އަޅުގަނޑަށް ވިސްނޭ ގޮތުން، ބަބުރެކޭ ބުނީމަ އެ ބަސް ކިތަންމެ މުސްކުޅި ދިވެހި ބަހަކަށް ވިޔަސް އެއީ ވެސް މިއަދު ރޭސިސްޓް ކޮމެންޓެއް. އެހެން އެކަން ނުވާ ނަމަ، އަޅުގަނޑުމެން ސްޓޭޖަށް އަރައި އަވަގުރާނަ ވެސް ގޮވާލާފައި ބުނަންވީ ނޫންތޯ، އެވެސް ދިވެހި ބަހޭ."

ފާހަގަކޮށްލަން ޖެހޭ އެހެން ނުކުތާއެއް ވެސް އެބައޮތެވެ. މި މުޖުތަމައުގައި ދީނާއި ދީނީ އިލްމުވެރިންނާ ދެކޮޅަށް އޮތް ފިކުރެވެ. ވަކިން ހާއްސަކޮށް ދީނީ އިލްމުވެރިންގެ ތެރެއިން ގިނަ ބަޔަކު ސިޔާސީ ޕޯޑިއަމްތަކާ ރައްޓެހިވުމަކީ، ދެންމެ މި ދެންނެވި ފިކުރުގެ ހަމަލާތައް ދީނީ އިލްމުވެރިންނަށް އަމާޒުވެފައިވާ އެންމެ ބޮޑު އެއް ސަބަބެވެ.

މިސާލަކަށް ޝައިހް ޝަމީމު ވެސް ގިނަ ބަޔަކު މިހާރު ސިފަކުރަނީ ސިޔާސީ ދަންތުރައެއްގައި ޖެހިވަޑައިގެން މަގްބޫލުކަން ކިލަނބުވެފައިވާ ފަރާތެއްގެ ގޮތުގަ އެވެ. އެއް އިރެއްގައި އަޅުގަނޑުމެންގެ ތެރެއިން ގިނަ ބައެއްގެ ލޯތްބާއި އިހްތިރާމް ހޯއްދެވި މަޝްހޫރު ދީނީ އިލްމުވެރިޔާ، ޝައިހް އިލްޔާސް ހުސެއިން އަކީ ވެސް މިހާރު އާންމުންގެ މެދުގައި ހަގީގީ ބުރަދަނެއް ނެތް ދީނީ އިލްމުވެރިޔެކެވެ.

އެހެންވީމަ ދީނީ އިލްމުވެރިން ސިޔާސީ ރޯގާގައި ބަލިވެ، ދީނީ އިލްމުވެރިންނާ ދެކޮޅު ފިކުރު އެމީހުންގެ ބޮލަށް އަރައި ފިތާލަނީ ހެއްޔެވެ؟

ކޮންމެއަކަސް ގަލޮޅު ބޯޅަދަނޑުގައި ބޭއްވި އޭކަންގެ ޝޯ އާއި ކާނިވަލުގައި ރޭ ބޭއްވި ޝަމީމުގެ ދަރުސަކީ ދީނީގޮތުން މި ރާއްޖޭގެ އާބާދީގެ ފިކުރު ވަރަށް ބޮޑަށް ދެ ބައިވެފައި އޮތް ކަމުގެ ސާފު ހެއްކެކެވެ.