ބޮލީވުޑް

ޝެހެނާޒްއާ ގުޅުވާ ދެކެވޭ ވަހަކައަށް ރާގަވް ޖަވާބުދީފި

ޑާންސަރު-އެކްޓަރު ރާގަވް ޖުޔާލް އާއި ޝެހެނާޒް ގިލް ރައްޓެހިވެގެން އުޅޭ ކަމަށް ބުނެ އިންޑިއާ ނޫސްތަކުން ފަތުރަމުންދާ ޚަބަރުތައް ރާގަވް ޖަވާބު ދީފި އެވެ.

މި ވާހަކަތައް ދެކެވެން ފެށީ ސަލްމާން ޚާންގެ އާ ފިލްމު "ކިސީ ކާ ބާއީ ކިސީ ކީ ޖާން"ގެ ޓްރެއިލާ ލޯންޗުކުރަން ބޭއްވި އިވެންޓުގައި ރާގަވް އާއި ޝެހެނާޒްގެ ކެމިސްޓްރީ އާ ގުޅޭ ގޮތުން ސަލްމާން ދެއްކި ވާހަކަ ތަކަކާ ގުޅިގެންނެވެ. ސަލްމާންގެ މި ފިލްމުގައި ރާގަވް އާއި ޝެހެނާޒް ވެސް ބައިވެރިވެ އެވެ.

މި އިވެންޓު ބެލި ވަރަށް ގިނަ ފޭނުންނަށް ވެސް ހީވީ ސަލްމާން މި އިޝާރާތް ކުރަނީ ރާގަވް އާއި ޝެހެނާޒްގެ ލޯބީގެ ގުޅުމަށް ކަމަށެވެ. އެހެންވެ އިސާހިތަކު މި ވާހަކަ ވައިގައި ހިފީ އެވެ.

މި ވާހަކަ މާ ހޫނުވުމުން ރާގަވް ވަނީ މި ވާހަކަތަކުގައި އެއްވެސް ހަގީގަތެއް ނެތް ކަމަށް ބުނެފަ އެވެ.

ޑީއެންއޭ އިންޑިއާ ނޫހަށް ދިން އިންޓަވިއު އެއްގައި ރާގަވް ބުނީ މި ކަހަލަ ވާހަކަތަކެއް ދެކެވޭ ކަން ގަބޫލުކުރަން ވެސް އޭނާއަށް ދަތި ކަމަށެވެ. އަދި މިފަދަ ވާހަކަތައް އޭނާއަށް ވަގުތު ނެތް ކަމަށް ވެސް ރާގަވް ބުންޏެވެ.
"އަހަރެން ޑަބަލް ޝިފްޓް މިހާރު އެބަ މަސައްކަތް ކުރަން. އަހަރެންގެ މިހާރުގެ ހާލަތު ހުރި ގޮތުން ތި ކަހަލަ އެއްވެސް ކަމަކަށް ވަގުތެއް ނެތް. އަހަރެން މިވަގުތު ބޭނުންވަނީ އަހަރެން ކުރާ މަސައްކަތާ ގުޅޭ ގޮތުން ވާހަކަ ދައްކަން،" ރާގަވް ބުންޏެވެ.

ހަމަ އެއާއެކު ރާގަވް ވަނީ ޝެހެނާޒް އަށް ވަރަށް ބޮޑަށް ތައުރީފުކޮށްފަ އެވެ. ރާގަވް ބުނި ގޮތުގައި ޝެހެނާޒް އަކީ ވަރަށް ހިތްވަރުގަދަ މީހެކެވެ.

"ޝެހެނާޒް ވަރުގެ ހިތްވަރުގަދަ މީހެއް ދުނިޔޭގައި ވަރަށް މަދުވާނެ. އަހަރެން ގަބޫލުކުރާ ގޮތުގައި އޭނާވަރުގެ ހިތްވަރުގަދަ މީހެއް ދުނިޔެއަކު ނެތް. ތެދުވެރިކަން އާޓްގެ ގޮތުގައި ނުވަތަ ކްރާފްޓްގެ ގޮތުގައި ދަސްކުރަން ބޭނުންނަމަ ޝެހެނާޒް ކައިރިން ޓިއުޝަން ނަގަން އަހަރެން ނަސޭހަތްތެރިވަން،" ރާގަވް ބުންޏެވެ.

ޝެހެނާޒް ގިނަ ބަޔަކު ދަންނަ މީހަކަށްވީ ބިގް ބޮސްގެ ސީޒަނެއްގައި އޭނާ އާއި ސިދާރްތު ޝުކްލާގެ މެދުގައި އޮތް ގުޅުމުގެ ސަބަބުންނެވެ. ގިނަ ބަޔަކު ހީކުރީ ބިގް ބޮސްގެ ގެއިން ނުކުތުމަށްފަހު ޝެހެނާޒް އާއި ސިދާރްތު ކައިވެނިކުރާނެ ކަމަށެވެ. އެހާވެސް ލޯބިން ދެ މީހުން ބިގް ބޮސްގެ ގޭގައި އުޅެފައި ވެއެވެ. ނަމަވެސް ޝޯ ނިމުނުތާ މާ ގިނަ ދުވަހެއް ނުވެ ސިދާރްތު ވަނީ ހާޓް އެޓޭކެއް ޖެހި ވަރަށް ކުއްލި ގޮތަކަށް މި ދުނިޔެއަށް އަލްވަދާއު ކިޔާފަ އެވެ.

ސިދާރްތުގެ މަރާ ގުޅިގެން ޝެހެނާޒްގެ ހިތް ހަލާކުވި އެވެ. އަދި ސިދާރްތުގެ ހަނދާންތަކާ ދުރަށް ނުދެވި ގިނަ ދުވަސްތަކެއް ވަންދެން އޭނާ ވަރަށް ހިތާމައިގައި އުޅެފައި ވެއެވެ.

"ކިސީ ކާ ބާއީ ކިސީ ކީ ޖާން"ގެ ޓްރެއިލާ ލޯންޗުގައި ސަލްމާން ވެސް މިކަމާ ގުޅޭ ގޮތުން ވާހަކަ ދެއްކި އެވެ. އަދި ސިދާރްތު މަތިން ހަނދާން ނައްތާލާ މުޅިން އާ ފެށުމަކުން ދިރިއުޅުން ފަށަން ޝެހެނާޒަށް އިރުޝާދު ދީފައި ވެއެވެ.

ސަލްމާނާއި ރާގަވް އަދި ޝެހެނާޒްގެ އިތުރުން ޕޫޖާ ހެގްޅޭ، އާއި އިތުރު ގިނަ ތަރިން ތަކެއް ބައިވެރިވާ "ކިސީ ކާ ބާއީ ކިސީ ކީ ޖާން" މި ހިނގާ އެޕްރީލް މަހުގެ 21 ވަނަ ދުވަހު ރިލީޒްކުރަން ވަނީ ހަމެޖެހިފަ އެވެ. ބައެއް ގައުމުތަކަށް މި ދުވަސް ވާނީ ފިތުރު އީދު ދުވަހަށެވެ. މި ފިލްމުގެ ޑައިރެކްޓަރަކީ ފަރްހާދް ސަމްޖީ އެވެ.