ޖިނާއީ މައްސަލަތަކުގައި ހެކިބަސް ދޭން ދެކޮޅު ހަދާނަމަ އެމީހަކު ޖަލަށްލުމަށް ވަގުތުން ހުކުމް ކުރެވޭ ގޮތަށް ސުޕްރީމް ކޯޓުން ފުރަތަމަ ފަހަރަށް ހަމަޖައްސައިފި އެވެ.
މިގޮތަށް ހަމަޖައްސާފައިވަނީ ސުޕްރީމް ކޯޓުން އެކުލަވާލައި މިއަދު އާންމުކުރި ގަވައިދުގަ އެވެ. މިގަވައިދަކީ މިއަހަރު އަމަލުކުރަން ފެށި ހެއްކާ ބެހޭ އާ ގާނޫނުގެ ދަށުން ހެދި ގަވައިދެކެވެ.
މި ގާނޫނުގައި ހެކިބަސް ދޭން އެންގުމާ ގުޅޭ ގަވާއިދުތައް ހެދުމުގެ ބާރު ދީފައިވަނީ ސުޕްރީމް ކޯޓަށެވެ.
މިގަވައިދުގައިވާ ގޮތުން ހެކިބަސް ދޭން ދެކޮޅު ހަދާ މީހުންނަށް ހެކިބަސް ދިނުމަށް އަމުރުކުރުމުގެ ބާރު ފަނޑިޔާރުންނަށް ލިބިގެންވެ އެވެ.
ހެކިބަސް ދޭން ދެކޮޅު ހަދާނަމަ އެޅިދާނެ ފިޔަވަޅުތައް
- ތިން މަހަށް ވުރެ ދިގު ނޫން މުއްދަތަކަށް ޖަލަށްލުން
- ގޭގައި ބަންދުކުރުން
- 10،000 ރުފިޔާއަށް ވުރެ ބޮޑު ނޫން އަދަދަކުން ޖޫރިމަނާކުރުން
އާއިލީ ގުޅުމެއްގެ ސަބަބުން ހެކިބަސް ދޭން ދެކޮޅު ހަދާ މީހުންނާއި ހެއްކާ ބެހޭ ގާނޫނުގެ ދަށުން ހެކިބަސް ދިނުމަށް ލާޒިމް ނުކުރެވޭ މީހުން ފިޔަވައި އެހެން މީހުންނަށް މިގަވައިދުގެ ދަށުން ފިޔަވަޅު އެޅެ އެވެ. އެގޮތުން ހައްޔަރުކޮށްގެން ކޯޓަށް ހާޒިރުކުރުމުގެ ބާރުވެސް ގަވައިދުގެ ދަށުން ލިބެ އެވެ.
އެއްލައްކަ ރުފިޔާއަށް ވުރެ ދަށުގެ އަދަދުގެ ފައިސާ ހިމެނޭ މަދަނީ މައްސަލަތަކުގައި ހުވާކޮށްގެން މައްސަލަ ސާބިތު ކުރެވޭ އުސޫލެއްވެސް މިގަވައިދުގައި ތައާރަފްކޮށްފައިވެ އެވެ. އެކަމަކު ހުވާކުރަން ފުރުސަތު ދެނީ ހެކި ނެތް ހާލަތުގަ އެވެ. ދައުވާ ލިބޭ މީހާ ދެކޮޅު ހަދައިފިނަމަ މައްސަލަ ސާބިތުކުރޭވެނެ ކަމަށްވެސް ގަވައިދުގައިވެ އެވެ.