ހަބަރު

ތިން މަސްތެރޭ އެސްއެމްއީ ލޯނަށް ފައިސާ ދޫކުރަން ފަށާނެ

އެސްއެމްއީ ލޯނަށް ހުށަހެޅި ފޯމްތައް ޗެކުކޮށް ކުރިއަށް އޮތް ތިން މަސް ދުވަހުގެ ތެރޭގައި ފައިސާ ދޫކުރަން ފަށާނެ ކަމަށް އިކޮނޮމިކް މިނިސްޓްރީން ބުނެފި އެވެ.

އެސްއެމްއީ ލޯނަކީ 50 މިލިއަން ރުފިޔާގެ ބަޖެޓަކާއެކު ވިޔަފާރީގެ ރޮނގުން ކުރިއަށްދާން ބޭނުންވާ ޒުވާނުންނަށް ހާއްސަކޮށްގެން މިނިސްޓްރީން ފެށި ލޯން ސްކީމެކެވެ. އެސްއެމްއީ ލޯނަށް ކުރިމަތިލުމުގެ ފުރުސަތު އިކޮނޮމިކް މިނިސްޓްރީން ހުޅުވާލީ މިދިޔަ މަހުގެ 14 ވަނަ ދުވަހު އެވެ. ފޯމް ހުށަހެޅުމުގެ މުއްދަތު ވަނީ ޖެނުއަރީ 21 ގެ ނިޔަލަށް ހަމަވެފަ އެވެ.

އަވަސް އަށް މައުލޫމާތު ދެއްވަމުން އިކޮނޮމިކް މިނިސްޓްރީގެ އިކޮނޮމިކް ޑިވެލޮޕްމަންޓް އޮފިސާ، މުސްތަފާ އަބްދުލް ޣަފޫރު ވިދާޅުވީ، އެސްއެމްއީ ލޯނަށް ޒުވާނުންގެ ބޮޑު ތަރުހީބެއް ލިބިފައިވާ ކަމަށެވެ. އެ މިނިސްޓްރީގެ ކައުންޓަރަށް 400 އަށްވުރެ ގިނަ ފޯމް ލިބުނުއިރު، އީމެއިލް މެދުވެރިކޮށް ވެސް ގިނަ އަދަދަކަށް މީހުން ފޯމް ހުށަހެޅި ކަމަށެވެ.

ފޯމްތައް އިވެލުއޭޓްކުރުމުގެ މަސައްކަތް މިހާރު ފަށާފައިވާ ކަމަށް އޭނާ ވިދާޅުވި އެވެ. އަދި ވިދާޅުވީ، އެ މަސައްކަތް ނިމުނުހާ އަވަހަކަށް ފައިސާ ދޫކުރަން ފަށާނެ ކަމަށެވެ.

"މިކަހަލަ ކަމެއްގައި ލިބޭ ފޯމްތައް ވަރަށް ރަނގަޅަށް އިވެލުއޭޓްކުރަން ޖެހޭނެ. އެހެންވީމަ އެކަމަށް ދެތިން މަސް ނަގާނެ ކަމަށް މި ބަލަނީ. އެހެންވީމަ ފައިސާ ދޫކުރަން ފަށާނީ އެހާ ދުވަހުން،" މުސްތަފާ ވިދާޅުވި އެވެ.

އެސްއެމްއީ ލޯނު ސްކީމްގައި ލޯނު ލިބޭ އަމިއްލަ ފަރާތްތަކަށް ފަސް ލައްކަ ރުފިޔާއާ ހަމަޔަށް ލޯނު ލިބޭއިރު ގުޅިގެން ކުރާ ވިޔަފާރިތަކަށް 1.5 މިލިއަން ރުފިޔާ އާ ހަމަޔަށް ލޯނު ލިބޭނެ އެވެ. ސްކީމުގެ ދަށުން ދޫކުރާ ލޯނުތަކަށް އިންޓްރެސްޓުގެ ގޮތުގައި ދައްކަންޖެހޭނީ ނުވަ ޕަސެންޓެވެ. ލޯނަށް ހޮވުމަށް ރަހުނެއް ހުށަހަޅާކަށް ނުޖެހެއެވެ. ނަމަވެސް ދަރަނި އަދާކޮށް ހަލާސްވަންދެން ލޯނުގެ ދަށުން ހޯދޭ މުދާލާއި ތަކެތި މޯގޭޖް ކުރެވޭނެ އެވެ.

ލޯނުގެ ދަރަނި އަދާކުރަން އެއް އަހަރުގެ ގްރޭސް ޕީރިއަޑާ އެކު ހަ އަހަރުގެ މުއްދަތެއް ލިބޭނެ އެވެ. ގްރޭސް ޕީރިއަޑުގައި ދަރަނި އަދާކުރަން ކަނޑައަޅާފައިވާ ތާވަލާއި އެއްގޮތަށް ފައިސާ ދައްކަން ނުފަށައިފި ނަމަ އެ މުއްދަތު ނިމުމުން ތާވަލު ބާތިލުކޮށް، މުޅި ލޯނު އެއްފަހަރާ ދައްކަން އެ ފަރާތަކަށް އަންގާނެ އެވެ.