އެމްޑީޕީގެ ގަވައިދުތަކާއި އުސޫލުތަކާއި ހިލާފަށް ރައްޔިތުންގެ މަޖިލީހުގެ ރައީސް މުހައްމަދު ނަޝީދުއާ އެކު މަސައްކަތް ކުރާ އެމްޑީޕީގެ ރައްޔިތުންގެ މަޖިލީހުގެ ހަތަރު މެންބަރަކަށް ފިޔަވަޅު އެޅުމަށް އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕުން އެ ޕާޓީގެ ލީޑަޝިޕަށް އަންގައިފި އެވެ.
އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގައި ހިމެނޭ ސަރުކާރަށް ތާއީދުކުރައްވާ ބައެއް މެންބަރުން ވަނީ އަވަސްއަށް މިކަން ޔަގީންކޮށްދީފަ އެވެ.
ނަން ނުޖެހުމަށް ޝަރުތުކޮށް ވާހަކަދެއްކެވި އެމްޑީޕީގެ ޕާލިމެންޓްރީ ގުރޫޕްގެ ބޭފުޅަކު ވިދާޅުވީ ފިޔަވަޅު އަޅަން ޕާޓީގެ ލީޑަޝިޕަށް އެންގީ ހެންވޭރު ހުޅަނގު ދާއިރާގެ މެންބަރު ހަސަން ލަތީފްއާއި، މާފަންނު އުތުރު ދާއިރާގެ މެންބަރު އިމްތިޔާޒު ފަހްމީއާއި، ކުޅުދުއްފުށި އުތުރު ދާއިރާގެ މެންބަރު ޔާސިރު އަބްދުއްލަތީފްގެ އިތުރުން ހުޅުދޫ ދާއިރާގެ މެންބަރު އިލްޔާސް ލަބީބަށް ކަމަށެވެ.
މި ހަތަރު ބޭފުޅުންނަކީ ވެސް މަޖިލީހުގެ ހަތަރު ކޮމިޓީއެއްގައި މުގައްރިރުކަން ކުރައްވާ ބޭފުޅުންނެވެ. އެގޮތުން ހަސަން ލަތީފަކީ އާންމު ކޮމިޓީގެ މުގައްރިރެވެ. އެސްއޯއީ ކޮމިޓީގެ މުގައްރިރަކަށް އިލްޔާސް ލަބީބް ހުންނެވިއިރު ޖުޑީޝަރީ ކޮމިޓީގެ މުގައްރިރަކަށް ހުންނެވީ އިމްތިޔާޒު އެވެ. އަދި ޔާސިރަކީ ސުލޫކީ ކޮމިޓީގެ މުގައްރިރެވެ.
އަވަސްއަށް މައުލޫމާތު ދެއްވި މެންބަރުން ވިދާޅުވި ގޮތުގައި ޕާލިމެންޓްރީ ގުރޫޕްގެ މިއަދުގެ ބައްދަލުވުމުގައި ނިންމީ މަޖިލީހުގެ ކޮމިޓީތަކެއްގައި މުގައްރިރުކަން ކުރައްވަމުން ގެންދަވާ ހަތަރު ބޭފުޅަކު އެ މަގާމުން ވަކިކޮށް، އެ ބޭފުޅުން އެހެން ކޮމިޓީތަކަށް ބަދަލުކުރާށެވެ.
މި ހަތަރު ބޭފުޅުންނަށް އިތުރު ފިޔަވަޅުތަކެއް އެޅުމަށް ނިންމި ކަމަށްވެސް ބައެއް ބޭފުޅުން ވިދާޅުވި އެވެ. ނަމަވެސް ދެން އަޅަންހުރި ފިޔަވަޅުތައް އަޅާނީ ޕާޓީގެ ފިޔަވަޅު އަޅާ ކޮމިޓީން ކަމަށްވެސް ވިދާޅުވި އެވެ.
"ހަގީގަތަކީ ރައީސް ނަޝީދުއާ އެކު މަސައްކަތް ކުރައްވާ މި ހަތަރު މެންބަރުން ގެންދަނީ ސަރުކާރު ހިންގުމަށް މަޖިލީހުގެ ތެރެއިން ދަތިކޮށް ހުރަސް އަޅަމުން،" އޭނާ ވިދާޅުވި އެވެ.
ރައީސް ނަޝީދުއާ އެކު މަސައްކަތް ކުރައްވާ މަޖިލިސް މެންބަރުން ގެންދަވަނީ "ފިކުރެއްގެ ދިރުން"ގެ ނަމުގައި ޕާޓީގެ ތެރޭގައި ސިޔާސީ ވަކި ހަރަކާތްތަކެއް ހިންގައި، ރައީސް އިބްރާހީމް މުހައްމަދު ސޯލިހާ ދެކޮޅަށް ފާޅުގައި މަސައްކަތް ކުރައްވަމުންނެވެ.