މޮރިޝަސްގެ ސިޔާދަތު ޗާގޮސްގެ މައްޗަށް އޮތް ކަމަށް ގަބޫލުކުރާކަން ހާމަކުރައްވާ ރައީސުލްޖުމްހޫރިއްޔާ އިބްރާހީމް މުހައްމަދު ސޯލިހު މޮރިޝަސް ސަރުކާރަށް ފޮނުއްވި ސިޓީ ބާތިލުކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅުމުގެ މަސައްކަތް ފަށައިފި އެވެ.
މާފަންނު މެދު ދާއިރާގެ މެންބަރު އިބްރާހީމް ރަޝީދު އިސްވެ ހުންނަވާ ހުށަހަޅުއްވާ ޕެޓިޝަންގައި ރައްޔިތުންގެ މަޖިލީހުގެ ބައެއް މެންބަރުން ވަނީ ސޮއިކުރައްވާފަ އެވެ.
ދިވެހި ސަރުކާރުން މޮރިޝަސްއާއެކު "ސިއްރު ޑީލެއް" ހައްދަވާފައިވާ ކަމަށް މެންބަރު އިބްރާހީމް ރަޝީދު ވަނީ ތުހުމަތު ކުރައްވާފަ އެވެ. ރައީސް ފޮނުއްވެވި ސިޓީ އަނބުރާ ގެނައުމަށް މެންބަރު ވަނީ ގޮވާލާފަ އެވެ.
"ރައީސް އިބްރާހީމް މުހައްމަދު ސޯލިހް ސިއްރުން ދޫކޮށްފައިވާ ފޯޅަވަހި ސިޓީ އަނބުރާ ގެނައުމަށާއި އަދި މި ކަމުގައި ހިމެނޭ ކަމަށް ބުނާ 500 މިލިއަން ޑޮލަރުގެ ސިއްރު ޑީލުގެ ހަގީގަތް ރައްޔިތުންނަށް އިތުބާރު ހިފޭ ނުފޫޒުން އެއްކިބައިވެފައިވާ މިނިވަން ފަރާތަކުން ތަހުގީގުކޮށް އަދި ފޯޅަވަހި ސިޓީ ބާތިލު ކުރުމަށް،" ޕެޓިޝަންގައި ވަނީ ގޮވާލާފަ އެވެ.
ކުރީގެ ރައީސް މުހައްމަދު ނަޝީދުގެ ވެރިކަމުގައި ފޯޅަވަހީގެ ރަށްތަކުން ރާއްޖެއަށް ހައްގުވާ ސަރަހައްދު ހިމެނޭ ގޮތަށް އދ. ގައި ރަޖިސްޓްރީ ކުރުމަށް ހުށަހަޅާފައިވާއިރު މި ސަރުކާރުގެ ނިންމުމުގެ ސަބަބުން އެ ލިޔުންތައް ބާތިލުވާ ކަމަށް ޕެޓިޝަންގައި ބުނެފައިވެ އެވެ.
މީގެ އިތުރުން ރާއްޖޭގެ މަސްކަނޑުގެ ސަރަހައްދެއް ދިވެހިންނަށް ގެއްލިގެން ގޮސްދާނެކަމުގެ ބިރު އެބަ އޮތް ކަމަށްވެސް ބުނެފައިވެ އެވެ.
ޕެޓިޝަން ހުށަހެޅުމުގައި ރައްޔިތުންގެ މަޖިލީހުގެ އެމްޑީޕީގެ ބައެއް މެންބަރުންނާއި ބައިވެރިވެވަޑައިގަންނަވަ އެވެ. މީގެ އިތުރުން ޖުމްހޫރީ ޕާޓީ އާއި ޕީޕީއެމްގެ ބައެއް އާންމު މެންބަރުންނާއި އެމްއެންޕީގެ ލީޑަޝިޕްގެ ބައެއް ބޭފުޅުން ބައިވެރިވެވަޑައިގަންނަވަ އެވެ.
މޮރިޝަސްގެ ސިޔާދަތު ޗާގޮސްގެ މައްޗަށް އޮތް ކަމަށް ގަބޫލުކުރާކަން ހާމަކުރައްވާ ރައީސް ސޯލިހް މޮރިޝަސް ސަރުކާރަށް ފޮނުއްވި ސިޓީ ބާތިލުކުރުމަށް ގޮވާލާ ރައްޔިތުންގެ މަޖިލީހަށް ޕެޓިޝަނެއް ހުށަހެޅުމަށް މަސައްކަތް ކުރަމުންދާއިރު އިންޓަނޭޝަނަލް ޓްރައިބިއުނަލް ފޯ ދަ ލޯ އޮފް ދަ ސީ (އިޓްލޮސް)ގައި އޮތް ދިވެހިރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދާ މެދު އުފެދިފައިވާ ހިޔާލުތަފާތުވުމާ ގުޅޭ މައްސަލައިގައި މިމަހުގެ 28 ވަނަ ދުވަހު ހުކުމްކުރުމަށް ވަނީ ތާވަލްކޮށްފަ އެވެ.
މޮރިޝަސްއާއި ރާއްޖެއާއި ދެމެދު ކަނޑުގެ ސަރަހައްދުގެ މައްސަލަ ކުރިމަތިވީ ރާއްޖޭގެ ދެކުނުން އޮންނަ ޗާގޯސް އާކިޕެލާގޯ އަކީ މޮރިޝަސްގެ ސިޔާދަތީ ބާރު ހިނގާ ތަނެއް ކަމަށް އިންޓަނޭޝަނަލް ކޯޓް އޮފް ޖަސްޓިސް (އައިސީޖޭ) އިން އިން މީގެކުރިން ކަނޑައެޅުމުންނެވެ. އައިސީޖޭ އިން އޭރު އެގޮތަށް ނިންމީ ޗާގޮސް އަކީ މޮރިޝަސްގެ އިހްތިޞާސް އޮތް ތަނެއްތޯ ބެލުމަށް ލަފައަކަށް އެ ގައުމުން ހުށަހެޅުމުން ސެޕްޓެމްބަރު 2019ގަ އެވެ. އޭރުވެސް މިހާރުވެސް ޗާގޮސްގެ މައްޗަށް ބާރު ހިންގަނީ އިނގިރޭސިވިލާތުންނެވެ.
އައިސީޖޭގެ 2019 ވަނަ އަހަރުގެ ނިންމުމުގައިވާ ގޮތުން ޗާގޮސް ރަށްތަކުގެ މައްޗަށް އިނގިރޭސިވިލާތުން ބާރު ހިންގުމަކީ ގާނޫނާ ހިލާފަށް ކުރާ ކަމެކެވެ. އިޓްލޮސް އިން މިދިޔަ އަހަރުވެސް ނިންމީ ޗާގޮސްގެ މައްޗަށް އިނގިރޭސިވިލާތުން ބާރު ހިންގަނީ ގާނޫނާ ހިލާފަށް ކަމަށެވެ.
ބައިނަލްއަގްވާމީ ކޯޓުތަކުގެ ނިންމުންތަކުގައިވާ ގޮތުން ޗާގޮސް އަކީ މޮރިޝަންސްގެ ސިޔާދަތީ ބާރު ހިނގާ ރަށްތަކެކެވެ.
އިޓްލޮސްގައި މިހާރު ހިނގަމުންދާ ދިވެހިރާއްޖެއާއި މޮރިޝަސްގެ ކަނޑުގެ ސަރަހައްދާ މެދު ދެ ގައުމުގެ ހިޔާލުތަފާތުވާ ކަނޑުގެ ސަރަހައްދުގެ ބޮޑުމިނުމުގައި 95،000 އަކަ ކިލޯމީޓަރުގެ ސަރަހައްދެއް ހިމެނެ އެވެ.
ރާއްޖެއިން މީގެކުރިން އަބަދުވެސް އައީ ޗާގޮސް އަކީ މޮރިޝަސްގެ ބައެއް ނޫން ކަމަށް ބުނެ ވަކާލަތުކުރަމުންނެވެ. ނަމަވެސް ދިވެހި ސަރުކާރުން މިހާރު ވަނީ ކުރީގެ ސިޔާސަތު ބަދަލުކޮށް ޗާގޮސް އަކީ މޮރިޝަސްގެ ބައެއްގެ ގޮތުގައި ބަލައިގަނެ މޮރިޝަސް ސަރުކާރަށް ސިޓީ އަކުން ރަސްމީކޮށް އެކަން އަންގާފަ އެވެ.
ދިވެހި ސަރުކާރުން ޗާގޮސްގެ މައްސަލައިގައި ހިފަހައްޓަމުން އައި ސިޔާސަތު މި ސަރުކާރުން ބަދަލުކުުރުމާ ގުޅިގެން ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލުމުގެ ފުރުސަތު އެބައޮތް ކަމަށް ބުނެ ރާއްޖޭގެ އިދިކޮޅު ފަރާތްތަކުންނާއި ސަރުކާރު ހިންގާ ކޯލިޝަންގައި ހިމެނޭ ބައެއް ފަރާތްތަކުން ވެސް ގެންދަނީ ވަރަށް ބޮޑަށް ކަންބޮޑުވުން ފާޅުކުރަމުންނެވެ. އެކަމަކު ސަރުކާރުގެ ސިޔާސަތު ބަދަލުކޮށްގެން އިޓްލޮސްގައި އޮތް މައްސަލަ ކޮންމެ ގޮތަކަށް ނިމުނު ނަމަވެސް ރާއްޖޭގެ ކަނޑުގެ ސަރަހައްދުން ބައެއް ގެއްލިގެން ނުދާނެ ކަމަށް ދިވެހި ސަރުކާރުން ދަނީ ބުނަމުންނެވެ.
ޗާގޮސްގެ ރަށްތަކުގައި ހިމެނޭ އެންމެ ބޮޑު ރަށް ޑިއެގޯ ގާސިއާ އިނގިރޭސީންގެ އަތުން ކުއްޔަށް ނަގައިގެން އެމެރިކާ އިން ގެންދަނީ އެ ރަށުގައި އަސްކަރީ މަރުކަޒެއް ހިންގަމުންނެވެ.