ރައްޔިތުންގެ މަޖިލިސް

ޝާޒް ހުވާ ކުރެއްވުން ހޯމަ ދުވަހު

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ކާމިޔާބު ކުރެއްވި އެމްޑީޕީގެ މެންބަރު އިބްރާހީމް ޝާޒް މަގާމުގެ ހުވާ ހޯމަ ދުވަހު ކުރައްވާ ގޮތަށް ހަމަޖެހިއްޖެ އެވެ.

ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ބުނި ގޮތުގައި ޝާޒް މަގާމުގެ ހުވާ ކުރެއްވުން އޮންނާނީ ހޯމަ ދުވަހު ހެނދުނު 10:00ގަ އެވެ.

އެ ދުވަހު އޮންނަ މަޖިލީހުގެ ޖަލްސާގައި ޝާޒް ބައިވެރިވެ ވަޑައިގަންނަވާނެ ކަމަށްވެސް ރައްޔިތުންގެ މަޖިލީހުގެ އިދާރާއިން ވަނީ ބުނެފަ އެވެ.

ރައްޔިތުންގެ މަޖިލީހުގެ ގުރައިދޫ ދާއިރާގެ ބައި-އިލެކްޝަން ބޭއްވީ މިދިޔަ ހޮނިހިރު ދުވަހު އެވެ.

މި އިންތިހާބުގައި ވާދަކުރެއްވީ ތިން ކެންޑިޑޭޓުންނެވެ. އެއީ އެމްޑީޕީގެ ފަރާތުން އިބްރާހީމް ޝާޒް އާއި ޕީޕީއެމްގެ ކެންޑިޑޭޓް ހުސައިން ރިޒާ އާއި އެމްއެންޕީގެ ކެންޑިޑޭޓް އަލީ އާރިފް އެވެ.

އިލެކްޝަންސް ކޮމިޝަނުން އާންމުކުރި ދާއިމީ ނަތީޖާތަކަށް ބަލާއިރު އިންތިހާބު ކާމިޔާބު ކުރެއްވި އިބްރާހީމް ޝާޒްއަށް ލިބިވަޑައިގަތީ 1،346 ވޯޓު -- 49.96 ޕަސަންޓެވެ.

ޕީޕީއެމްގެ ކެންޑިޑޭޓް ހުސައިން ރިޒާއަށް ލިބިވަޑައިގަތީ 1،226 ވޯޓު -- 45.51 ޕަސަންޓެވެ. އަލީ އާރިފުއަށް ލިބިވަޑައިގަތީ 122 ވޯޓު -- 4.53 ޕަސަންޓެވެ.

އިންތިހާބުގައި ވޯޓުލުމުގެ ހައްގު 3،423 މީހުންނަށް ލިބިފައިވާއިރު ވޯޓުލާފައިވަނީ 2،755 މީހުންނަށެވެ. އިލެކްޝަންސް ކޮމިޝަނުން ވަނީ 61 ވޯޓު ބާތިލުކަމަށް ނިންމާފަ އެވެ.