މޯލްޑިވސް ބްރޯޑްކާސްޓިން ކޮމިޝަން

ބައިސްކޯފު ހުއްޓާލުމަށް ބްރޯޑްކޮމް އިން އަންގައިފި

މުނިފޫހިފިލުވުމުގެ ޕްރޮގްރާމްތައް ގެނެސްދޭ އޮންލައިން ޕްލެޓްފޯމް ބައިސްކޯފު ހުއްޓާލުމަށް މޯލްޑިވްސް ބްރޯޑްކާސްޓިން ކޮމިޝަން (ބްރޯޑްކޮމް) އިން އަންގައިފި އެވެ.

ބައިސްކޯފުގެ ހިދުމަތް ހުއްޓާލުމަށް އެންގީ ބްރޯޑްކޮމްގެ ސެކްރެޓަރީ ޖެނެރަލް މަރިޔަމް ޒީނިޔާ ސޮއިކުރައްވާ ބައިސްކޯފުގެ ހިދުމަތްދޭ ކުންފުނި، އީކޮމް އެކްސްޗޭންޖް އެމްވީގެ މެނޭޖިން ޑިރެކްޓަރު މުހައްމަދު މިރުޝާއަށް ފޮނުވި ސިޓީއެއްގަ އެވެ.

މި ސިޓީގައިވާ ގޮތުން ބައިސްކޯފު ހުއްޓާލުމަށް އެންގީ އެ ހިދުމަތަކީ ރީބްރޯޑްކާސްޓްކުރުން ކަމަށް ކޮމިޝަނުން ދެކޭތީ އެވެ. ރާއްޖޭގައި ރީބްރޯޑްކާސްޓްކުރުމުގެ ހިދުމަތް ދެވޭނީ ލައިސަންސް އޮތް ފަރާތްތަކަށް ކަމަށް އެ ސިޓީގައި ބުނެފައިވެ އެވެ.

ބައިސްކޯފު މެދުވެރިކޮށް ރީބްރޯޑްކާސްޓް ކުރާ ޗެނަލްތައް ވަގުތުން ހުއްޓާލަން އެންގުމަށް ބްރޯޑްކޮމްއިން މިމަހުގެ 10 ވަނަ ދުވަހު ބޭއްވި ބައްދަލުވުމުގައި ނިންމާފައިވާ ކަމަށް ސިޓީގައި ވަނީ ބުނެފަ އެވެ.

ބައިސްކޯފުއަކީ ދިވެހި ފިލްމާއި ޑްރާމާ ސީރީޒްގެ އިތުރުން ލަވަ ސްޓްރީމްކުރާ އޮންލައިން ޕްލެޓްފޯމެކެވެ.

ރާއްޖޭގައި ރީބްރޯޑްކާސްޓްކުރުމުގެ ލައިސަންސް ހަމައެކަނި 100 އިންސައްތަ ހިއްސާވާ ދިވެހި ކުންފުނިތަކަށް ދޫކުރާ ގޮތަށް ބްރޯޑްކޮމް ގަވާއިދެއް ހެދުމުގެ ސަބަބުން ދިރާގުގެ ދިރާގު ޓީވީގެ ހިދުމަތް ވަނީ މިއަހަރު ހުއްޓާލާފަ އެވެ.