އެމެރިކާގެ ސަބްމެރިންއެއް މައްޗަށް އަރަން މަޖުބޫރުކުރުވި ކަމަށް އީރާނުން ބުނެފި އެވެ.
އީރާނުން ބުނާ ގޮތުން ޔޫއެސްއެސް ފްލޮރިޑާގެ ނަމުން ނަންދީފައިވާ ސަބްމެރިން މަސައްކަތްކުރީ ހިލަމެއް ނުވެ ހޮރުމޫޒު ކަނޑުއޮޅި ހުރަސްކުރަން ކަމަށެވެ.
އީރާންގެ ކަނޑުގެ އަސްކަރިއްޔާ އިން ބުނި ގޮތުގައި ދަތުރައިގެން ކުރިއަށް ދިއުމަށް ސަބްމެރިންއަށް ފުރުސަތު ނުދިނުމުން އުޅަނދު ވަނީ ފަހަތަށް ޖެހި އެނބުރި ގޮސްފަ އެވެ. އެހެން ނަމަވެސް، އިރާންގެ މި ބުނުމަކީ ފުލެއް ބިތެއް ނެތް ވާހަކައެއް ކަމަށް އެމެރިކާ ބުނެ އެވެ. އެމެރިކާ އަކީ ބައެއްގެ ކުރިމަތީގައި ފަސްޖެހޭނެ ގައުމެއް ނޫން ކަމަށްވެސް ވަނީ ބުނެފަ އެވެ.
އިރާންގެ އަސްކަރީ އޮފިޝަލުން ނޫސްވެރިންނަށް ދިން މައުލޫމާތުގައި ބުނެފައިވަނީ ޔޫއެސްއެސް ފްލޮރިޑާ އަކީ ނިއުކްލިއާ ހަކަތައިން ދުއްވާ ސަބްމެރިންއެއް ކަމަށެވެ. އެ މީހުންގެ ބޭނުމަކަށް ވެފައި އޮތީ އިރާނަށް ސިއްރުން ކަނޑުއޮޅި ހުރަސްކުރުން ކަމަށްވެސް ވަނީ ބުނެފަ އެވެ.
އީރާންގެ ޑީސަލް ސަބްމެރިންއަކަށް މިކަން އެނގުމުން ވަގުތު ހުޝިޔާރުވެ އިންޒާރުދިން ކަމަށް ވެސް ވަނީ ބުނެފަ އެވެ. ކަނޑުއަޑީގައި ކުރިމަތިލުމަކަށް އެމެރިކާ އުންމީދުކޮށްފައި ނެތުމުން ޖެހުނީ އެނބުރި ދާން ކަމަށްވެސް އޮފިޝަލުން ވިދާޅުވި އެވެ.
އެމެރިކާގެ ސަބްމެރިންއަށް އިރާންގެ އިމުގެ ތެރެއިން ލާފައި ނޫން ގޮތަކަށް ކަނޑުއޮޅި ހުރަސް ނުކުރެވޭނެ ކަމަށްވެސް އިރާން ބުނެ އެވެ. ޔޫއެސްއެސް ފްލޮރިޑާ އެހާ ފަސޭހައިން އަމާންދިނީ މި ސަބަބާ ހެދި ކަމަށްވެސް އިރާން ބުނެ އެވެ.
އިރާނުން އެމެރިކާއާ މިހާރު ކުރާ ސުވާލަކީ އިރާންގެ ކަނޑުގެ ސަރަހައްދަށް ވަނުމަށް އެމެރިކާއަށް ހިތްވަރު ލިބުނީ ކޮން ގޮތަކުންތޯ އެވެ. އެހެން ގައުމެއްގެ އިމަށް ވަދެ އުޅެނިކޮށް ހަމަލާއެއް އެރުމުން ބޮޑު ހަނގުރާމައެއް ފަށަން ސަބަބަކަށް ހެދުމަކީ އެމެރިކާގެ ވިސްނުމުގައި އޮތް ކަމެއްތޯވެސް އިރާން ވަނީ ސުވާލުކޮށްފަ އެވެ.