ދުނިޔެ

އިނގިރޭސި ބޮޑުވަޒީރުގެ ނައިބު އިސްތިއުފާ ދެއްވައިފި

އިނގިރޭސިވިލާތުގެ ބޮޑުވަޒީރުގެ ނައިބު ޑޮމިނިކް ރާބް އިސްތިއުފާ ދެއްވައިފި އެވެ. އިނގިރޭސި ޖަސްޓިސް މިނިސްޓަރުކަން ވެސް ކުރައްވަނީ އޭނާ އެވެ.

ރާބް އިސްތިއުފާދެއްވި ސަބަބަކީ އެ އިދާރާގެ އެކި ޑިޕާޓްމަންޓްތަކުގައި މަސައްކަތްކުރާ ވައްޒަފުންނަށް އޭނާ ބުލީކުރި ކަމަށް ބުނެ ތުހުމަތުކުރެވުމާ ގުޅިގެންނެވެ.

އިސްތިއުފާދެއްވި ސަބަބު ބަޔާންކުރައްވައި އިނގިރޭސި ބޮޑުވަޒީރު ރިޝީ ސުނަކްއަށް ފޮނުއްވި ސިޓީގައި ރާބް ވިދާޅުވީ އޭނާއާ މެދު އޮތް ތުހުމަތަށް ފުރުސަތުދެއްވައި ތަހުގީގު ކުރިއަށް ގެންދިއުމަށް ދޫކޮށްލައްވަނީ ކަމަށެވެ. މަގާމުގައި ދެމިހުންނެވުމަކީ މަސްލަހަތު ފުށުއަރާނެ ކަމެއް ކަމަށް ވެސް ސިޓީގައި ވިދާޅުވެފައި ވެއެވެ.

ރާބް ވިދާޅުވި ގޮތުގައި އޭނާއަށް ކުރެވޭ ތުހުމަތު ތަހުގީކޮށް ބަލައި ސާބިތުވެއްޖެނަމަ އެކަން ގަބޫލުކުރައްވާނެ އެވެ. އަދި ޝައުރީ ހުކުމްތަކަށް އިހުތިރާމް ކުރައްވާނެ އެވެ.

އޭނާ އަދި ވިދާޅުވީ ތަހުގީގު ރަނގަޅަށް ކުރިއަށް ދާނެ ކަމަށް ބެލެވުނު ނަމަވެސް، އޭނާގެ ފަރާތުން ދައްކަން ހުރި ހެކިތަކަށް ވުރެ ބޮޑަށް އޭނާއާ ދެކޮޅަށް ހުރި ހެކިތައް ބަލައިގަތުމަށް ތަހުތީގީ އިދާރާތަކުން ޝައުގުވެރިވާ ކަމަށެވެ.

ބޮޑުވަޒީރަށް ފޮނުއްވި ސިޓީގައި ރާބް ވިދާޅުވެފައި ވަނީ ވަޒީރުންގެ ފަރާތުން ހަމަ ކަމެއް ފެންނައިރަށް ބޮޑުކޮށްލަނީ ކަމަށެވެ.

އެތައް ބައިވަރު މުވައްޒަފުން ގޮވައިގެން ރައްޔިތުންނަށް ޚިދުމަތްކުރަން މަސައްކަތްކުރާ ވަޒީރަކު އަބަދު އޯގާތެރިކަމުގެ ބަސްތައް ނުބުނާނެ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ. ޕްރެޝަރުގައި މަސައްކަތްކުރާއިރު އެންމެންވެސް ތިބޭނީ ޕްރެޝަރުގައި ކަމަށް އޭނާ ވިދާޅުވި އެވެ.

މިފަދަ ހާލަތްތަކުގައި ބުނެވޭ ބަސަތްކަކީ ހުކުމަކާ ހަމައަށް ގޮސްގެންވާނެ އަމަލުތަކެއް ކަމަށް ދެކެވަޑައި ނުގަންނަވާ ކަމަށް ވެސް އޭނާ ވިދާޅުވި އެވެ.

ރާބް އަދި ވިދާޅުވީ ކުދިކުދި ތުހުމަތުތަކާ ގުޅިގެން އިސްތިއުފާ ދިނުމަށް ވަޒީރުންނަށް ޕްރެޝަރު ކުރުމަކީ ސަރުކާރު ބަލިކަށިވާނެ ކަމެއް ކަމަށެވެ.