ޓައިވާން ކަނޑުއޮޅި ނިސްބަތްވަނީ ޗައިނާއަށް ކަމަށް އެ ގައުމުގެ ޚާރިޖީ ވަޒީރު ޗިން ގަންގް ވިދާޅުވެއްޖެ އެވެ. އެހެންކަމުން ޓައިވާން ކަނޑުއޮޅީގެ ދެ ފަޅީގެ ހިމާޔަތުގައި ޗައިނާ އޮންނާނެ ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ.
ޗިން ވިދާޅުވި ގޮތުގައި ޗައިނާގެ އިސްތިގުލާލަށް ހުރަސް އެޅުމުގެ ފުރުސަތު އެއްވެސް ފަރާތަކަށް ބެއިޖިން އިން ނުދޭނެ އެވެ. އޭނާ އަދި ވިދާޅުވީ ޓައިވާންގެ މަސްލަހަތުގެ ތެރެއަށް މަތިންބައިން ޖެހިގެން ވަދެ ތިބި ބަޔަކު އަނދައިގެން ދާނީ އެ މީހުން އަމިއްލައަށް ކަމަށެވެ.
ޝަންހާއީގައި ވާހަކަދައްކަވަމުން ގަންގް ވިދާޅުވީ ޓައިވާން އަކީ ގަދީމީ ޒަމާނުއްސުރެ ޗައިނާގެ ބައެއް ކަަމަށެވެ. ޗައިނާގެ މައި ސަރުކާރުގެ ދަށަށް ޓައިވާން ގެނައުމަކީ ބައިނަލްއަގްވާމީ ގާނޫނުތަކުގައި ވެސް މަނާކަމެއް ނޫން ކަަމަށް އޭނާ ވިދާޅުވި އެވެ.
ޓައިވާންގައި ބޮޑީ ޗައިނާގެ މަސްލަހަތު ކަމަށްވެސް ވަޒީރު ވިދާޅުވި އެވެ. ޓައިވާން އަކީ ޗައިނާއާ ގުޅުމެއް އޮތް ތަނެއް ނޫން ކަމަށް ބުނެ ދައްކަނީ ބުއްދި ހަމަޖެހޭ ވާހަކަތަކެއް ނޫން ކަމަށްވެސް އޭނާ ވިދާޅުވި އެވެ.
ޗިން ގަންގް ވިދާޅުވި ގޮތުގައި ޓައިވާންގެ މަސްލަހަތު ގޯސްކުރާ ބަޔަކީ ޗައިނާއެއް ނޫނެވެ. ޓައިވާންއަށް ހެޔޮ އެދޭ ކަމަށް ހެދިން އުޅޭ ބައިގަނޑެއްގެ ސަބަބުން މަސްރަހު ޚަރާބުވެފައި އޮތް ކަމަށް އޭނާ ވިދާޅުވި އެވެ.
ޓައިވާންގެ މަސްލަހަތާ ކުޅޭ ކޮންމެ ބަޔަކު ހަނދާނުގައި ބެހެއްޓުމަށް ވަޒީރު ދެއްވި މެސެޖަކީ ތަންގަނޑެއް އެނދުމުގެ ކުރިން ސަރަހައްދުން ދުރަށް ދިއުމެވެ.
ވަޒީރު ވިދާޅުވީ ޓައިވާނަށް ވެސް އޮތީ ސުލްހަވެރި ގޮތުގައި ޗައިނާއާ ގުޅުން ކަމަށެވެ. އެ ނޫން ގޮތެއްގައި ޓައިވާން ދަރުދެއްޔަށް ވެދާނެ ކަމަށް އޭނާ ވިދާޅުވި އެވެ.
ބެއިޖިން ދެކޭ ގޮތުގައި ޓައިވާން އަކީ ޗައިނާއާ ވަކިކުރެވެން ނެތް ބައެކެވެ. އެއީ ތާރީޚު ފެށުނީއްސުރެ ޗައިނާގެ ވަކިން އޮންނަ އަވަށެއް ކަމަށް ވެސް ޗައިނާ ގަބޫލުކުރެ އެވެ.
ޓައިވާނަށް އަރައިގަންނަން ޖެހިދާނެ ކަމަށް ބަލައި ޗައިނާއިން ގެންދަނީ އަސްކަރީ ގާބިލުކަން އިތުރުކޮށް މުޅި ސަރަހައްދުގައި އަސްކަރީ ފަރިތަކުރުންތައް ބާއްވަމުންނެވެ.