އިލެކްޝަންސް ކޮމިޝަން

ވޯޓަކަށް ނުގޮސް ތިން ބޭފުޅަކު ހޮވިއްޖެ

އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީ ނުވަތަ ޑަބްލިއުޑީސީގެ ބައި-އިލެކްޝަނަށް ހުޅުވާލުމުން އެންމެ ކެންޑިޑޭޓެއް ކުރިމަތިލި ތިން ރަށެއްގެ ކެންޑިޑޭޓުން ވޯޓަކައި ނުލައި އިންތިހާބު ވެއްޖެ އެވެ.

މިއީ އަހަރަކު އެއް ފަހަރު ޑަބްލިއުޑީސީތަކުގެ ބައި-އިލެކްޝަން ބޭއްވުމަށް އިލެކްޝަންސް ކޮމިޝަނުން ހުޅުވާލި ފުރަތަމަ ފަހަރު ފުރުސަތު ހުޅުވާލި ރަށްތަކުގެ ތެރޭގައި ހިމެނޭ ތިން ރަށެއްގެ ތިން ކެންޑިޑޭޓުންނެވެ.

ވޯޓަކައި ނުލައި މެންބަރުން ހޮވުނީ ށ. މާއުނގޫދޫ، ރ. މީދޫ، އަދި ގދ. ވާދޫ އަންހެނުންގެ ތަރައްގީއަށް މަސައްކަތްކުރާ ކޮމިޓީ އަށެވެ. މި ތިން ކެންޑިޑޭޓުންނަކީ ވެސް އިދިކޮޅު ޕީޕީއެމްގެ ތިން ކެންޑިޑޭޓުންނެވެ. އެގޮތުން މާއުނގޫދޫ ކޮމިޓީއަށް ހޮވުނީ އެރަށު ގަހާ، އައިޝަތު ހަނީފާ އެވެ. ރ. މީދޫ ކޮމިޓީއަށް އެ ރަށު ފޭރުމާގެ، ވަސީމާ އިބްރާހީމް ހޮވުނުއިރު ގދ. ވާދޫ ކޮމިޓީއަށް ހޮވުނީ އެރަށު ލިއުޝާ އިބްރާހީމް އެވެ.

އިލެކްޝަންސް ކޮމިޝަނުން 10 ރަށެއްގެ ބައި-އިލެކްޝަން ބާއްވަން ހުޅުވާލުމުން ފ. ނިލަންދޫގެ އަންހެނުންގެ ތަރައްގީއަށް މަސައްކަތް ކުރާ ކޮމިޓީއަށް އެއްވެސް ބޭފުޅަކު ކުރިމަތިލާފައެއް ނުވެ އެވެ. އެހެންކަމުން ބާކީ ހަ ރަށުގައި އިންތިހާބު އޮންނާނީ އަންނަ މަހުގެ 17 ވަނަ ދުވަހު އެވެ.

ބައި-އިލެކްޝަން އޮންނަ ހަ ރަށް

  • ހދ. ފިނޭ
  • ކ. ދިއްފުށި
  • މ. ވޭވަށު
  • ތ. ގާދިއްފުށީ
  • ގދ. ހޯޑެއްދޫ
  • ގއ. މާމެންދޫ

ލާމަރުކަޒީ ގާނޫނުގެ ދަށުން ކުރިން އިންތިހާބު ބާއްވަމުން ގެންދިޔައީ ޑަބްލިއުޑީސީގެ މެންބަރަކު އިސްތިއުފާ ދޭތާ 60 ދުވަހުގެ ތެރޭގަ އެވެ. އެކަމަކު ލާމަރުކަޒީ ގާނޫނާއި ޑަބްލިއުޑީސީ އިންތިހާބު ކުރުމުގެ ގަވައިދަށް މިދިޔަ އަހަރު ގެނެސްފައިވާ އިސްލާހާ އެކު ޑަބްލިއުޑީސީ އިންތިހާބު ދެން ބާއްވަން ޖެހޭނީ އަހަރަކު އެއް ފަހަރު އެވެ. އެކަމަކު ޑަބްލިއުޑީސީ އަކަށް ކޯރަމް ހަމަނުވާ ނަމަ އެފަދަ ރަށްތަކުގައި ގާނޫނުގައި ކުރިން އޮތް ގޮތަށް މެންބަރު އިސްތިއުފާ ދޭތާ 60 ދުވަހުގެ ތެރޭގައި އިންތިހާބު ބާއްވާނެ އެވެ.

ޑަބްލިއުޑީސީތަކުގެ ބައި-އިލެކްޝަންތައް އަހަރަކު އެއް ފަހަރު ބާއްވަން ނިންމީ މިފަދަ އިންތިހާބުތައް ގިނަގިނައިން ބާއްވަން ޖެހުމުން އިންތިހާބުތަކަށް ބޮޑު ހަރަދެއް ކުރަންޖެހުމާ ގުޅިގެން އެކަމަށް ކޮންމެވެސް ވަރެއްގެ ހައްލެއް ހޯދުމަށެވެ.