ރަޝިއާ ސިފައިން ޔުކްރޭނަށް އަރައިގަނެ ދެމުން ގެންދާ ގެއްލުންތައް ފޫބެއްދުމަށް ޔުކްރޭނަށް 100 މިލިއަން ޑޮލަރު ހަދިޔާކުރި ކަމަށް އެމެރިކާގެ ވިޔަފާރިވެރިޔާ އަދި ސްޕޭސް އެކްސްގެ ޗީފް އެގްޒެކެޓިވް އޮފިސަރު، އީލޮން މަސްކް ވިދާޅުވެއްޖެ އެވެ.
އީލޮން މަސްކް މިކަން ހާމަކުރެއްވީ އެމެރިކާގެ ލިޔުންތެރިޔާ ސްޓެފަންއާ އެކު ސޯޝަލް މީޑިއާގައި ކުރެއްވި ޒުވާބެއްގަ އެވެ.
ޔުކްރޭނުން މިދިޔަ އަހަރު އިންޓަނެޓް ކަނޑައިގެން ދިއުމުން، ސްޓާލިންކް ސެޓެލައިޓްތައް މެދުވެރިކޮށް އެ ގައުމަށް އިންޓަނެޓް ފޯރުކޮށްދެއްވީ ވެސް އީލޮން މަސްކް ކަމަށް އޭނާ ވިދާޅުވި އެވެ.
ޔުކްރޭނަށް އެއްވެސް އެއްޗެއް ނުދެއްވައި ފައިސާތައް ހިފަހައްޓަވައިގެން މަސްކް ތިޔަ ހުންނަވަނީ ކީއްވެތޯ ސްޓެފަން ކިންގް ޓްވިޓާގައި ސުވާލުކުރެއްވި އެވެ.
މި ސުވާލަށް ޖަވާބު ދެއްވަމުން އީލޮން މަސްކް ވިދާޅުވީ "މިހާރު ވެސް 100 މިލިއަން ޑޮލަރު ޔުކްރޭނަށް ހަދިޔާކޮށްފިން -- ތިޔަ ބޭފުޅާ ކިހާ ވަރެއް ހަދިޔާ ކުރައްވައިފިންތޯ" އެވެ.
ސްޓެފަން ކިންގް ދެކެވަޑައިގަންނަވާ ގޮތުގައި އީލޮން މަސްކްގެ ކުންފުނިތަކުން ވެސް ޔުކްރޭނަށް އިނާޔަތްތަކެއް ދޭން ވާނެ އެވެ. އަދި ޚާއްސަކޮށް ޓްވީޓާގައި ޔުކްރޭނަށް ޝަރަފުވެރި ހައިސިއްޔަތެއް އޮންނަން ވާނެ އެވެ.
ޔުކްރޭނަށް ސްޓާލިންކް އިންޓަނެޓް ދިނުމަށް ވަރަށް ބޮޑު ހޭދައެއް ކުރައްވާ ކަމަށް އީލޮން މަސްކް ކުރިންވެސް ވިދާޅުވި އެވެ.
ޔުކްރޭންގައި އިންޓަނެޓް ޚިދުމަތް ދެމެހެއްޓުމަށް އެމެރިކާގެ ދިފާއީ ވުޒާރާއިން ސްޕޭސް އެކްސްއަށް ބަދަލުގެ ގޮތުގައި ފައިސާ ދޭން ހުށަހެޅުމުން -- ޔުކްރޭނަށް އިންޓަނެޓް ފޯރުކޮށްދިނުމަށް އެއްވެސް އަގެއް ބޭނުން ނުވާ ކަމަށް ސްޕޭސް އެކްސް އިން ބުނެފައިވާނެ ކަމަށްވެސް މަސްކް ވިދާޅުވި އެވެ.
ސްޓާލިންކް ސެޓެލައިޓްތައް މެދުވެރިކޮށް ޔުކްރޭނަށް އިންޓަނެޓް ފޯރުކޮށްދިނުމަށް އަހަރަކު 100 މިލިއަން ޑޮލަރު ހޭދަކުރަން ޖެހޭނެ ކަމަށްވެސް މަސްކް ވިދާޅުވި އެވެ.