ފަރެސް މާތޮޑާ

ފަރެސްމާތޮޑާ ފަޅުތެރެއިން ފުވައްމުލަކަށް ވެލި ގެންދާތީ ކަންބޮޑުވެއްޖެ

Apr 24, 2023

ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތްކުރުމުގެ މަޝްރޫއަށް ފަރެސްމާތޮޑާ ފަޅުތެރެއިން ވެލި ނަގައިގެން ގެންދާތީ ފަރެސްމާތޮޑާ ކައުންސިލުން އެކަން ވަރަށް ބޮޑަށް ކުށްވެރިކޮށްފި އެވެ.

ފަރެސްމާތޮޑާ ކައުންސިލުން ނެރެފައިވާ ނޫސްބަޔާނެއްގައި ބުނެފައިވަނީ ފުވައްމުލަކަށް ވެލި ގެންދަނީ އެ ރަށު ދެކުނު ފަރާތް ހިއްކުމަށް ބޭނުންވާ ވެލި ނެގުމަށް ނިންމާފައިވާ ރަށުގެ އެތެރެވަރީގެ ދެ ތިލައަކުން ކަމަށެވެ.

ކައުންސިލުން ތުހުމަތުކުރާ ގޮތުގައި ފަރެސްމާތޮޑާގެ ފަޅުން 45،000 ކޮޑިމިޓާރުގެ ވެލި ނަގައިގެން ފުވައްމަލުކަށް ގެންދިއުމަށް ވަނީ ތައްޔާރުވެފަ އެވެ.

ފުވައްމުލަކަށް ވެލި ގެންދަނީ އެންވަޔަރަންމަންޓަލް ޕްރޮޓެކްޝަން އެޖެންސީ (އީޕީއޭ) އިން ހުއްދަ ދީގެން ކަމަށް ނުވާތީ މިކަމަކީ ގާނޫނާ ހިލާފަށް ކުރާ ކަމެއް ކަމަށްވެސް ބަޔާނުގައިވެ އެވެ. އެހެންވެ މިކަން ވަރަށް ބޮޑަށް ކުށްވެރިކޮށް ވެލި ގެންދިއުން ވަގުތުން ހުއްޓާލުމަށްވެސް ފަރެސްމާތޮޑާ ކައުންސިލުން ގޮވާލާފައިވެ އެވެ.

ޑެންމާކްގެ ހޯގާޑް ކުންފުނިން ކުރިއަށް ގެންދާ ފުވައްމުލަކު ގޮނޑުދޮށް ހިމާޔަތް ކުރުމުގެ މަޝްރޫއުގެ ދަށުން އެރަށު ބަނދަރުގެ އުތުރުން ފެށިގެން ރަށުގެ އިރުމަތީ ފަރާތުގައި 2،650 މީޓަރުގެ ދިގު ބޮޑުހިލައިގެ ތޮއްޓެއް ލާނެ އެވެ.

ދިވެހި ސަރުކާރާއި، ކުވައިތު އަދި ނެދަލަންޑް ސަރުކާރު ފަންޑު ކުރާ މި މަޝްރޫއުއަށް ގާތްގަނޑަކަށް 422 މިލިއަން ރުފިޔާ ހޭދަވާނެ އެވެ.