ދުނިޔެ

އަސްކަރީ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވާނެ ގޮތަކާ މެދު އޮސްޓްރޭލިއާ ވިސްނަނީ

ޗައިނާގެ އަސްކަރިއްޔާގެ ބާރުގަދަކަން ފެނި އޮސްޓްރޭލިއާ ބިރުގަނެއްޖެ އެވެ.

ޗައިނާގެ ފަރާތުން އަސްކަރީ އުނދަގޫތަކެއް ޖެހިދާނެ ކަމަށް ބަލައި، އަސްކަރީ ގޮތުން ގާބިލު ބަޔަކަށް ވުމަށް އޮސްޓްރޭލިއާ އިން މިހާރު ވަނީ ވިސްނަން ފަށާފަ އެވެ.

ޗައިނާ އާއި ޓައިވާންއާ ދެމެދު އޮތް ނުތަވަސްކަން އިތުރަށް ފުޅާވެ އޮސްޓްރޭލިއާ އަށް އަސަރުކުރުމަކީ އަސްކަރީ ވާދަވެރިކަމުގައި ތަޖުރިބާކުރަން ޖެހިދާނެ ހާލަތެއް ކަމަށްވެސް އޮސްޓްރޭލިއާއަށް ގަބޫލުކުރެއްވިއްޖެ އެވެ.

އަސްކަރީ ގޮތުން އަމިއްލަ ފައިމައްޗަށް ތެދުވުމަށް އޮސްޓްރޭލިއާ ވިސްނާ ވިސްނުމުގައި، ނިއުކްލިއާ ސަބްމެރީން އިތުރުކުރުމާއި ދުރުރާސްތާ މިސައިލް އިތުރުކުރުން ހިމެނެ އެވެ.

އޮސްޓްރޭލިއާ ސަރުކާރުގެ ދިފާއީ ސިޔާސަތު އާންމުކުރަމުން ކެންބެރާ އިން ބުނި ގޮތުން ގައުމު ދިފާއުކުރަން ހާޖަތުޖެހިފައިވާތީ ހަތިޔާރު އިތުރުމުގެ ސިޔާސަތެއް އެކުލަވާލަނީ އެވެ. އޮސްޓްރޭލިއާއަށް މިހާރު ހަތިޔާރުގެ ޒަރޫރަތު ޖެހިފައި އޮތް ކަމަށް ދެކޭ ކަމަށްވެސް ސަރުކާރުން ބުނެ އެވެ.

ޒަމާނަށް ތަބާވުމުގެ ބަދަލުވުމުގައި ބަދަލުވަމުންދާ ޒަމާނުގެ ގޮންޖެހުންތަކަށް ވާދަކުރެވޭ ފެންވަރު ހޯދައި ލިބިގަތުމަކީ ގައުމާ ހަވާލުވެ ސަރުކާރު ހިންގުމުގައި ތިބި ބަޔަކު ކުރަން ޖެހޭނެ ކަމެއް ކަމަށްވެސް ބޮޑުވަޒީރު އެންތަނީ އަޒްބަނީޒްގެ ސަރުކާރުން ބުނެ އެވެ.

ގައުމު ދިފާއުކުރުމުގައި އެހެން ބަޔަކަށް ކަމުކިޔުމަށް ވުރެ އެ ގާބިލުކަން އަމިއްލަ ގައުމަށް ހޯދައިދިނުމަކީ ސަރުކާރުގެ ވާޖިބެއް ކަމަށް ދެކޭ ކަމަށްވެސް ބޮޑުވަޒީރު ވިދާޅުވި އެވެ.

އޮސްޓްރޭލިއާގެ އާ ސިޔާސަތުގައި އަސްކަރިއްޔާ މުޅިން ޒަމާނީކުރުން ވެސް ވަނީ ހިމަނާފަ އެވެ. މިގޮތުން އަސްކަރީ ހުރިހާ ބޭނުންތަކަށް ޒަމާނީ ޓެކްނޮލޮޖީ ބޭނުންކުރުން ވެސް ހިމެނެ އެވެ.